ދުނިޔެ

މަހިންދަ، ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި

Aug 9, 2020

ކޮލޮމްބޯ (އޯގަސްޓް 9) - ސްރީލަންކާގައި މިދިއަ ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައި، އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ މިއަދު ކުރައްވައިފި އެވެ.

މަހިންދަ 74، އަށް ބޮޑުވަޒީރު ކަމުގެ ހުވާލައި ދެއްވާފައި ވަނީ މިއަދު ކެލަނިޔާގައި ހުންނަ ތާރީހީ ބުޑިސްޓު ފައްޅިއެއްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ރައީސް ގޮތާބޭ ރާޖަޕަކްސަ އެވެ.

މިއީ މަހިންދަ ލަންކާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. އަދި އެމަނިކުފާނު ވަނީ 2005 އިން ފެށިގެން 2015 އާ ދެމެދު ލަންކާގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ރާޖަޕަކްސަގެ ދެބެއިންގެ ޕާޓީން ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 150 އަށް ވުރެ ގިނަ ގޮނޑި ހޯއްދަވައިފަ އެވެ.

ބުދަ ދުވަހުގެ ބޮޑު ކާމިޔާބީއާއެކު، އެހެން ޕާޓީއަކާއެކު ކޮމްޕްރޮމައިޒަކަށް މިހާރު ދާން ނުޖެހޭތީ ރާޖަޕަކްސަގެ ދެބެއިންގެ ނުފޫޒު ގާނޫނު އަސާސީއާ ހަމައަށް ފަތުރާލަން މިހާރު އެއްވެސް ހުރަހެއް ނެތެވެ.

މަހިންދަ ރާޖަޕަކްސްގެ 10 އަހަރުގެ ވެރިކަމަށް ފަހު، 2015 ގައި ރައީސްގެ ގިނަ ބާރުތަކެއް ބޮޑުވަޒީރަށާއި އެހެން މުއައްސަސާތަކަށް ލިބޭ ގޮތަށް ގެނައި އިސްލާހު ބާތިލު ކުރުމަކީ ރައީސް ގޮތާބޭގެ ކެމްޕެއިން ވައުދެކެވެ.

އެގޮތުން، 2015 ވަނަ އަހަރުގެ އިސްލާހުގެ އިތުރުން، ދެ ދައުރަށްވުރެ ގިނައިން ރައީސްކަން ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާނެކަމުގެ އަޑުތައް ވެސް މިހާރު ވަނީ އިވެން ފަށައިފަ އެވެ. އޭގެ ބޭނުމަކީ، ގޮތާބޭއަށް ފަހު، މަހިންދައަށް އަނެއްކާވެސް ރައީސްކަމަށް ވާދަކުރުމުގެ މަގު ކޮށައިދިނުމެވެ.