ކުޅިވަރު

ޕީއެސްޖީއަށް އަނިޔާގެ އިތުރު މައްސަލަތަކެއް

ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅޭ މެޗައް ތައްޔާރުވަމުން ދާ، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މިޑްފީލްޑާ މާކޯ ވެރާޓީއަށް އަނިޔާވެ، އެ ޓީމުގައި އަނިޔާގެ މައްސަލަ ބޮޑު ވެއްޖެ އެވެ.

ފްރާންސް ކަޕްގައި، މިދިޔަ މަހު ސެއިންޓް އެޓީން އާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީމުގެ ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭ އަށް އަނިޔާވެ، ޗެމްޕިއަންސް ލީގްގެ ބާކީ ހުރި މެޗުތަކުގައި އޭނާ ނުކުޅެވުމުގެ ފުރުސަތު ވަނީ ބޮޑެވެފަ އެވެ. ވެރާޓީއަށް އަނިޔާވުމަކީ އެ ޓީމަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

ވެރާޓީގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވީ، ޓީމުގެ ޕްރެކްޓިހުގަ އެވެ. އަނިޔާގައި ހުރި ނަމަވެސް، ޕޯޗްގަލްގެ ލިޒްބަން އަށް ދަތުރު ކުރާ، ސްކޮޑްގައި އެމްބާޕޭ އާއި ވެރާޓީގެ ނަންވެސް ވަނީ ހިމަނާފަ އެވެ. އެޓީމުގެ ކޯޗް ތޯމަސް ޓުހުލް ބުނީ، ވެރާޓީއަށް ކުޅެވޭނެތޯ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބަލާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން، ތޯމަސް މެނިއާ ވެސް ވަނީ ސްކޮޑުން ވަކި ވެފަ އެވެ. ޕީއެސްޖީއަށް އޮތީ އަނިޔާގެ މައްސަލަ އެކަންޏެއް ނޫނެވެ. ޓީމުގެ ކޮންޓްރެކްޓް ހަމަވުމުން ސްޓައިކަރު އެޑިންސަން ކަވާނީ ވަނީ ކުލަބު ދޫކޮށްލާފަ އެވެ. ސަސްޕެންޝަންގެ ސަބަބުން އޭންހަލް ޑީ މާރިއާއަށް، އެޓަލާންޓާ އާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ކްއާޓާ ފައިނަލުން ފެށިގެން މުބާރާތް ކުރިއަށް ދަނީ މިނީ ޓޯނަމަންޓެއް ގޮތަށް ލިޒްބަންގަ އެވެ. ބުދަ ދުވަހުގެ ރޭ ފަށާ ކްއާޓާ ފައިނަލުގެ ފުރަތަމަ މެޗު އޮތީވެސް ޕީއެސްޖީ އާއި އެޓަލާންޓާ އަށެވެ.