ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސްގަތުމުގެ ހުއްދަ އާ ކުންފުނިތަކަށް ދެނީ

ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކަށް މަސް ގަތުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން މިއަދު ބުނީ ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ދޭން ސަރުކާރުން ނިންމާ އެކަމަށް މިއަދު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެންދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބޭނެ މަގު ތަނަވަސް ކުރުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަދު ހުޅުވާލި ފުރުސަތު ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިންއެއް ވަނީ އާންމުކޮށްފައެވެ.

އެކަމަށް އެދި ހުށައަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީގަޑިތަކުގައި ފިޝަރީޒް މިނިސްޓްރީންނެވެ.

ކަޅުބިލަ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތު ތަކެއް ފިޝަރީޒް މިނިސްޓްރީން މިއަދުވަނީ ކަނޑައަޅާ އިއުލާން ކޮށްފައެވެ. ދުވާލަކަށް 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަންނަ އެއްވެސް ކުންފުންޏަކަށް މި ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވަކި ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހެއެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުތަކުގެ ތެރޭގައި ނުވަ ކަމެއް ފާހަގަ ކޮށްފައިވެއެވެ.