މާރިޔާ އަހުމަދު ދީދީ

"ހަމަނުޖެހުން ހިންގި ބިދޭސީންނަށް ފިޔަވަޅު އަޅަންޖެހޭ"

ފުލުހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން ބިދޭސީންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު މިފަހުން ބިދޭސީން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. އެގޮތުން ބޮޑުފިނޮޅުގައި ތިބި ބިދޭސީންތަކެއް ވަނީ ދިވެހިންތަކެއް ރަހީނުކޮށް އެ ރަށުގައި ހުރި މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ފަހުން ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހެދުމުގެ މަސައްކަތުގައި އުޅުނު ބިދޭސީން ވެސް ވަނީ މުޒާހަރާކޮށް ފުލުހުންނަށް ގަލުން ހަމަލާދީފަ އެވެ. މި ދެ ހާދިސާއަކީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްދުން ނައްޓާފައިވާކަން ހާމަވެގެން ދިޔަ ދެ ހާދިސާ އެވެ.

އަވަސްގެ ހެނދުނު ޝޯ "ފަށަމާ" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިން އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 179،954 ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު 60،000 ވުރެ ގިނަ ބިދޭސީން ލިޔެކިޔުމެއް ވެސް ނެތި ރާއްޖޭގައި އުޅެމުންދާ ކަމަށެވެ.

ބިދޭސީންގެ ހާއްޔަކަށް ރާއްޖެ ވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށާ އެއީ މީގެ އެތައް އަހަރެއް ކުރިން ފެށިފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކި ޕްރޮޖެކްޓްތަކަށް ރާއްޖެ ގެންނަ ބިދޭސީން ފޮނުވާ ނުލާ ކަމަށާ އަދި ނުވެސް ފަށާ އެތައް މަސައްކަތަކަށް ވެސް ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީންގެ މައްސަލަ ބޮޑުވާން ދިމާވި މައިގަނޑު ސަބަބުތައް ކަމަށެވެ.

"އަޅުގަނޑުމެންނަށް އިވޭ ގޮތުގައިވިއްޔާ ޓްރާންސިޝަންގެ [ސަރުކާރު ބަދަލުވުމުގެ] ތެރޭގައި ވެސް 16،000 ވުރެ ގިނަ މީހުން އެކި ގޮތްގޮތުން ރެކޯޑް ނުުކުރެވި ވަދެފައިވާ ކަމަށް އަޑުއިވިފައި އެބައޮތް. އިމިގްރޭޝަންގެ ބޭފުޅުން ވެސް އެހެން އެބަ ވިދާޅުވޭ،"

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ބިދޭސީން ނުކުމެ މުޒާހަރާކޮށް، ހަމަނުޖެހުން ހިންގާ އަދި ފުލުހުންނަށް ހަމަލާ ދިނުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ދޫކޮށްލައިގެން ގާނޫނީ ސަރުކާރަކުން ނުތިބޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ފުލުހުންނަށް ހަމަލަދިން ބިދޭސީން އެއީ ފުލުހުންކަން ނޭނގޭ ކަމަށް ބުނުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ފުލުހުން އެމީހުން ކައިރިއަށް ދާން އުޅުމުން ތިމަންނަ މެންނަށް އެއީ ކޮންބައެއްކަން ނޭންގެއޭ... ނޫން، ފުލުހުން އެނގޭނެ. ފުލުހުންދާން އުޅުނީމަ ގާ އުކާ، ދަނގަނޑު އުކާ. އެކަންކަން އެހެނެއް ނުކުރެވޭނެ،" ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީން ހަމަލާ ދެވުނީ ފުލުހުންކަށް ނޭނގި ކަމަށް ބުނެ ކޯޓްގައި ދައްކާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ ދިވެހިން، ދިވެހި ފުލުހުންނަށް ހަމަލާ ނުދޭނެ ކަމަށާ ދިވެހިންނަކީ ބަސް އަހާ، ގާނޫނަށް ބޯ ލަނބާ ބައެއް ކަމަށެވެ.

"ބެރިކޭޑް ބަހައްޓާފައި ހުއްޓާ އެތަނުގައި ފުލުހުން ނެތަސް ދިވެއްސަކު ނުދާނެ. ޕޮލިސް ލައިނެއް އޮތިއްޔާ ނުދާނެ. ވަރަށް ބަސް އަހާ ބައެއް އަޅުގަނޑުމެން ދިވެހިންނަކީ އާންމު ގޮތެއްގައި،"

ބިދޭސީން ދޫކޮށްލަން ގޮވާލުން ކުށްވެރިކުރުން

ހަމަނުޖެހުން ހިންގި ބިދޭސީންނަށް ދައުވާ ނުކުރަން ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ މިނިސްޓަރު މާރިޔާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ ދައުވާ ކުރަނީ ބިދޭސީން ވެގެން ނޫން ކަމަށެވެ. ދައުލަތުން ގާނޫނުތައް ނަގަހައްޓަން ޖެހޭތީ ކަމަށެވެ.

އެ ގޮވާލުންތަކަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ވަކި ދުވަސްވަރެއްގައި ދައްކާ ޖަމިއްޔާތައް އެބަހުރި ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއިން އެއްވެސް ޖަމިއްޔާއަކަށް އަދި އެއިން ޖަމިއްޔާއެއްގެ އިސް ބޭފުޅަކަށް އެއްޗެއް ވިދާޅުވާން ކެރިވަޑައި ނުގަތް ކަމަށެވެ.

"ބައްލަވާ މިއަދު ބިދޭސީން ދޫކޮށްލާށޭ ކިޔައިގެން މި އުޅޭ އެކަކުވެސް ރައީސް ޔާމީންގެ ސަރުކާރުގައި މިއިން ކުއްޖެއްގެ ދިފާއުގައި ވަކާލާތު ކުރެއްވި މަންޒަރު ފެނިވަޑައިގެންނެވިތޯ. ފެނިވަޑަައެއް ނުގަންނަވާނެ. އެކަމަކު މިއަދު ބިދޭސީން އަރާ ދިވެހިން ރަހީނުކޮށް ދިވެހިންގެ މުދަލަށް ގެއްލުންދީ، ވަކި މީހެއްގެ މުދަލެއް ބަލާނުލާ މުޅި ތަން ސުންނާފަތިކުރުމުން އަދިވެސް ގޮވަނީ ބިދޭސީން ދޫކުރާށޭ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އިންސާފެއް ނޫން،"

މާރިޔާ ވިދާޅުވީ މި ސަރުކާރާއި އެކަމަނާއަކީ ވެސް ބިދޭސީންނާ ދެކޮޅު ބައެއް ނޫން ކަމަށާއި ބިދޭސީން ދެރަ ކުރަންވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު ހިންގުމުގައި ވަކި ބަޔަކު ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށާއި މި ނޫނީ ބިދޭސީން ފޮނުވާލަން މަސައްކަތް ކުރާ ސަރުކާރެއް އަދި ރާއްޖޭގައި ވެރިކަން ކޮށްފައިނުވާ ކަމަށެވެ.