މުސާރަ ހަމައަށް ދޭ ތަންތަނުގައި ވެސް ހަމަނުޖެހުން ހިންގާކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަ ދިފާއު ކުރައްވައިފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަނުޖެހުން ހިންގަނީ އެ މީހުންނަށް މުސާރަ ނުދޭތީ ނޫން ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް އުޅޭ ކަމަށް ގަބޫލު ކުރައްވާކަމަށް މާރިޔާ މިއަދު ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ބިދޭސީން މުޒާހަރާ ކުރަނީ އެމީހުންގެ ހައްގު ހޯދަން ކަމަށާއި، ސަރުކާރުން އެކަމަށް ފުރަގަސްދީފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން މާރިޔާއަށް ވަނީ އަމާޒުވެފަ އެވެ.
އަދި އެ މައްސަލާގައި ސަރުކާރުން ވާހަކަ ދެއްކުމުގެ ކުރިން އެ ބިދޭސީންނަށް އެންމެ ފުރަތަމަ މުސާރަ ދިނުމަށް ވެސް ގިނަ ބައަކު ދަނީ ގޮވާލަމުންނެވެ.
"މުސާރަ ހަމައަށް ދީފަ ހުރި ތަންތާ ވެސް އެބަ ހަމަނުޖެހުން ހިންގާ،" އެކަމަށް އިޝާރަތް ކުރައްވަމުން މާރިޔާ ވިދާޅުވި އެވެ.
އެކަމުގެ އިތުރު ތަފްސީލެއް އެކަމަނާ ނުދެއްވަ އެވެ.
ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ބޮޑުފިނޮޅު މައްސަލާގައި ބިދޭސީން ނުކުމެ ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިން ކަމަށާއި ނަމަވެސް ކޫއްޑޫ އަދި ހެރެތެރެ ރިސޯޓުގެ މައްސަލާގައި އެ މީހުން ބުނަނީ އެނބުރި ގައުމަށް ދާން ބޭނުންވާ ވާހަކަ ކަމަށެވެ. އަދި ހުޅުމާލޭގެ ޕޮލްކޯ އަދި ސިފްކޯ ހިޔާގެ ފްލެޓުތަކަށް އައިލެންޑް އެކްސްޕާޓުގެ ފަރާތުން ގެނެސްފައިވާ ބިދޭސީން ވެސް ނުކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ކުންފުނިން މުސާރަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އެ ހުރިހާ ހާދިސާތަކުގައި ވެސް ބިދޭސީން ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ މީހުންގެ އަމަލުތައް ހުންނަ ގޮތުން އެ އުޅެނީ ކޮންމެހެން މުސާރައިގެ ހައްގުގެ ނުލިބިގެން ނޫން ކަން ވަރަށް ރީއްޗަށް ސަބިތުވާ ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް ވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނިކުންނަނީކީ ނޫންމ އަދި މީގަ ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން ގަބޫލު ކުރެވޭ. އެހެންވެ އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން މިދަނީ،" މާރިޔާ ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައި ތިބި ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ ކަމަށް ވިދާޅުވެ މާރިޔާ ވަނީ އެކަމަށް ވެސް ދެކޮޅު ހައްދަވައިފަ އެވެ. އެކަން ސާފުކޮށްދިނުމަށް މާރިޔާ ވަނީ ރާއްޖޭގެ ހިއުމަން ޓްރެފިކިން ގާނޫނާއި އދ. ގެ އިލީގަލް އިމިގްރަންޓާއި، ހިއުމަން ސްމަގިލިންއާއި، ތާޑް ކަންޓްރީ ނޭޝަނަލް އަދި ހިއުމަން ޓްރެފިކިންގެ ބައެއް ނުކުތާތައް ވެސް ފާހަގަ ކުރައްވައިފަ އެވެ.
"ވަރަށް ސާފުކޮށް އޮތް ކަމެއްގައި އިންސާނީ ވަގުފާރި ކަމަށް ބުނެ އެތައް ގޮތަކަށް ވާހަކަ ދައްކައިގެން ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތައް ވަރަށް ބައިވަރު މަސައްކަތެއް ކުރެވޭ ތަން މި ފެންނަނީ. އެހެންވެ މަޖިލީހުގެ އެއްބާރުލުން ބޭނުންވޭ. ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތައް ބިދޭސީން މި ރާއްޖޭ އުޅޭ ގޮތައް އުޅުމަކީ އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ހުއްދަ ކުރާނެ ކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ބިދޭސީން މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުން ގިނަވެފައިވާ އިރު އެ މީހުން ވަނީ ފުލުހުންނަށް ވެސް ހަމަލާތަކެއް ދީފަ އެވެ. އަދި ރޭ ވ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް މަސައްކަތް ހުއްޓާލާ ހަމަނުޖެހުން ހިންގައިފަ އެވެ.