ހަބަރު

ހައްޔަރުކުރި ބިދޭސީންނަށް ދައުވާ ނުކުރަން ގޮވާލައިފި

Jul 26, 2020

މުސާރަ ނުދީގެން މުޒާހަރާ ކުރުމުގެ ތެރެއިން ހަމަނުޖެހުން ހިންގި ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބިދޭސީންނަށް ދައުވާ ނުކުރަން ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިޔު) އިން ގޮވާލައިފި އެވެ.

ބ. ބޮޑުފިނޮޅާއި ވ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގެ އިތުރުން ހުޅުމާލޭގައި ދާދި ފަހުން ކުރި މުޒާހަރާތަކުގެ ތެރެއިން، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޖުމްލަ 80 އެއްހާ ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ.

އެކަމާ ގުޅިގެން އެޗްއާރުޑަބްލިޔު އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މުސާރަ ފަދަ އަސާސީ ހައްގުތައް ހޯދަން ބިދޭސީ މަސައްކަތްތެރިންނަށް ވެސް އިހުތިޖާޖު ކުރުމުގެ ހައްގު ލިބެންޖެހޭ ކަމަށެވެ.

"ހައްގު ހޯދަން އިހުތިޖާޖު ކޮށްގެން ހައްޔަރު ކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ދައުވާ ނުކޮށް، ވަގުތުން ދޫކޮށްލައި، ކަމާބެހޭ އިދާރާތަކުން ހިއުމަން ޓްރެފިކިންނާއި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތް ފަރާތްތަކުގެ މައްސަލަތައް ބަލައި، ފިޔަވަޅުއަޅަންޖެހޭ،" އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަނުޖެހުން ހިންގަނީ އެ މީހުންނަށް މުސާރަ ނުދޭތީ ނޫން ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް އުޅޭ ކަމަށް ގަބޫލު ކުރައްވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

އަދި މިފަހުން ހިނގި ހާދިސާތަކުގައި ވެސް ބިދޭސީން ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށް މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ފޮރުވަން ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް އެޗްއާރުޑަބްލިޔު އިން ވަނީ އެ ބަޔާނުގައި ތުހުމަތުކޮށްފަ އެވެ.