ދިޔާނާ ސައީދު

އަމިއްލަ މީހުން ޑިފެންސަށް ހަރަދު ކުރުން ބަލައިގަންނަން ދަތި: ދިޔާނާ

ދިފާއީ ދާއިރާގެ އެންމެހާ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ބަޖެޓުން ކަމަށާ އަމިއްލަ ފަރާތްތަކުން އެ ދާއިރާއަށް ހަރަދު ކުރުން ބަލައިގަންނަން ދަތި ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަައީދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އެހީގައި ޅ. މާފިލާފުށީ ގައި ސިފައިންނަށް އަޅައިދޭ އެގްޒެކެޓިވް ބުލޮކެއްގެ އިމާރާތުގެ މަސައްކަތް ފެށި ފެށުމަށް އިޝާރާތް ކުރައްވަ އެވެ.

ކުރިން ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޖެންޑާ މިނިސްޓަރުކަަން ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ ދައުލަތުން އިޖްތިމާއީ ހިދުމަތްދޭ ތަންތަނާއި ސޮދަގާތް ފަންޑަށް އަމިއްލަ މީހުންގެ ދީލަތި އެހީ ވަރަށް މުހިންމު ކަމަށެވެ. ނަމަަވެސް ދިފާއީ ދާއިރާގެ އެންމެހާ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ބަޖެޓުން ކަމަށާ އަމިއްލަ ފަރާތްތަކުން އެ ދާއިރާއަށް ހަރަދު ކުރުން ބަލައިގަންނަން ދަތި ކަމަށެވެ.

ދައުލަތުން އިޖްތިމާއީ ހިދުމަތްދޭ ތަންތަނާއި ސޮދަގާތް ފަންޑަށް އަމިއްލަ މީހުންގެ ދީލަތި އެހީ ވަރަށް މުހިންމު. އެކަމަކު ޑިފެންސް ސެކްޓަރުގެ އެންމެހާ ކަންކަން ބަލަހައްޓަވަން ވާނީ ދައުލަތުގެ ބަޖެޓުން. ޕްރައިވެޓް ޑޯނަރުން ޑިފެންސް ސެކްޓަރަށް ހަރަދު ކުރުން ބަލައިގަންނަން ދަތި
ފާތިމަތު ދިޔާނާ ސައީދު | ކުރީގެ ބަންޑާރަނާއިބް

އުއްޗުގެ އެހީގައި މާފިލާފުށީ ގައި ސިފައިންނަށް އަޅާ އެގްޒެކެޓިވް ބުލޮކެއްގެ ބިންގާ ވަނީ އަޅާފަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ޑިފެންސް މިނިސްޓާ މާރިޔާ އަހުމަދު ދީދީ އާއި އުއްޗު އެވެ.

މާފިލާފުށީގައި އަޅާ އިމާރާތުގައި ހަ ކޮޓަރި ހިމެނޭ އިރު އެ އިމާރާތައް ބޭނުންވާ ހުރިހާ ހަރަދެއް ދެއްވާނީ އުއްޗު އެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެމްއެންޑީއެފަށް ވަރަށް ގާތް ގުޅުމެއް ބާއްވަވާ އެކި ގޮތްގޮތަށް އެހީތެރިވެ ދެއްވާ ބޭފުޅެކެވެ.