ހަބަރު

ބިދޭސީންގެ މައްސަލައަކީ މުސާރައެއް ނޫން، ފޮރުވިފައިވާ ފަރާތްތަކެއް އުޅޭ: މާރިޔާ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަނުޖެހުން ހިންގަނީ އެ މީހުންނަށް މުސާރަ ނުދޭތީއެއް ނޫން ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް އުޅޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ގަައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ބޮޑުފިނޮޅު މައްސަލާގައި ބިދޭސީން ނިކުމެ ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިން ކަމަށާއި ނަމަވެސް ކޫއްޑޫ އަދި ހެރެތެރެ ރިސޯޓުގެ މައްސަލާގައި އެ މީހުން ބުނަނީ އެނބުރި ގައުމަށް ދާން ބޭނުންވާ ވާހަކަ ކަމަށެވެ. އަދި ހުޅުމާލޭގެ ޕޮލްކޯ އަދި ސިފްކޯ ހިޔާގެ ފްލެޓުތަކަށް އައިލެންޑް އެކްސްޕާޓުގެ ފަރާތުން ގެނެސްފައިވާ ބިދޭސީން ވެސް ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ކުންފުނިން މުސާރަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެ ހުރިހާ ހާދިސާތަކުގައި ވެސް ބިދޭސީން ފުލުހުންނަށް ހަމަލާ ދިން ކަމަށާއި އެއީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ މީހުންގެ އަމަލުތައް ހުންނަ ގޮތުން އެ އުޅެނީ ކޮންމެހެން މުސާރައިގެ ހައްގުގެ ނުލިބިގެން ނޫން ކަން ވަރަށް ރީއްޗަށް ސަބިތުވާ ކަމަށާއި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ފަރާތްތަކެއް ވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނިކުންނަނީކީ ނޫންމ އަދި މީގަ ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން ގަބޫލު ކުރެވޭ. އެހެންވެ އެކަންކަމާ ބެހޭ ގޮތުން ބަލާ ތަހުގީގު ކުރަމުން މިދަނީ،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައި ތިބި ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ ކަމަށް ވިދާޅުވެ މާރިޔާ ވަނީ އެކަމަށް ވެސް ދެކޮޅު ހައްދަވައިފަ އެވެ. އެކަން ސާފުކޮށްދިނުމަށް މާރިޔާ ވަނީ ރާއްޖޭގެ ހިއުމަން ޓްރެފިކިން ގާނޫނާއި އދ. ގެ އިލީގަލް އިމިގްރަންޓާއި، ހިއުމަން ސްމަގިލިންއާއި، ތާޑް ކަންޓްރީ ނޭޝަނަލް އަދި ހިއުމަން ޓްރެފިކިންގެ ބައެއް ނުކުތާތައް ވެސް ފާހަގަ ކުރައްވައިފަ އެވެ.

"ވަރަށް ސާފުކޮށް އޮތް ކަމެއްގައި އިންސާނީ ވަގުފާރި ކަމަށް ބުނެ އެތައް ގޮތަކަށް ވާހަކަ ދައްކައިގެން ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތައް ވަރަށް ބައިވަރު މަސައްކަތެއް ކުރެވޭ ތަން މި ފެންނަނީ. އެހެންވެ މަޖިލީހުގެ އެއްބާރުލުން ބޭނުންވޭ. ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތައް ބިދޭސީން މި ރާއްޖޭ އުޅޭ ގޮތައް އުޅުމަކީ އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ހުއްދަ ކުރާނެ ކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ބިދޭސީން މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުން ގިނަވެފައިވާ އިރު އެ މީހުން ވަނީ ފުލުހުންނަށް ވެސް ހަމަލާތަކެއް ދީފަ އެވެ. އަދި ރޭ ވ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް މަސައްކަތް ހުއްޓާލާ ހަމަނުޖެހުން ހިންގައިފަ އެވެ.