ޔުވެންޓާސް

ޔުވެންޓަސްއިން ކުރި އިތުބާރަކީ ޝަރަފެއް: ޕިރްލޯ

ޔުވެންޓަސްގެ ކޯޗް ކަން ހަވާލުކޮށް، އެ ކުލަބުން ކުރި އިތުބާރަކީ އޭނާއަށް ލިބިގެންދާ ބޮޑު ޝަރަފެއް ކަމަށް އެ ޓީމުގެ އާ ކޯޗް އަންޑްރެއާ ޕިރްލޯ ބުނެފި އެވެ.

ޔުވެންޓަސްގެ ކޯޗް ކަމުން މައުރީޒިއޯ ސާރީ ވަކި ކުރުމަށް ފަހު، ޕިރްލޯ ކޯޗަކަށް ހަމަޖެއްސީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޕިރްލޯ ކުރި ޓްވީޓެއްގައި ބުނީ ޔުވެންޓަސްގެ މެނޭޖުމެންޓުން އޭނާއަށް ކުރި އިތުބާރަށް އުފާ ކުރާ ކަމަށެވެ.

ޔުވެންޓަސްގެ ސީނިއާ ޓީމުގެ ކޯޗް ކަމަށް ޕިރްލޯ ހަމަޖެއްސީ، އެ ކުލަބުގެ 23 އަހަރުންް ދަށުގެ ކޯޗްކަމަށް އޭނާ ހަމަޖެއްސިތާ 10 ދުވަސް ފަހުންނެވެ.

"ޔުވެންޓަސްއިން އަހަންނަށް ކުރި އިތުބާރާއި އިހްތިރާމުން އަހަންނަށް ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް ލިބިގެން ހިނގައްޖެ." ޓްވިޓާގައި ޕިރްލޯ ލިޔެފައި ވެއެވެ.

ދުނިޔޭގެ އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ، ޕިރްލޯއަކީ ފުޓްބޯޅައިގެ ދުނިޔޭގައި ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ޝަހްސިއްޔަތެކެވެ.

ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމުގައި ޕިރްލޯއަށް ކޯޗް ކޮށްދިން، އިންޓަ މިލާންގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވެސް ވަނީ ޕިރްލޯ ކޯޗް ކަމަށް ހަމަޖެއްސުމުން އެކަން ފާހަގަކޮށް ވާހަކަ ދައްކާފަ އެވެ. ކޮންޓޭ ބުނީ، ވާދަވެރިއެއްގެ ގޮތުގައި ޕިރްލޯ ފެނުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

ޖެހިޖެހިގެން ނުވަ ސީޒަންގައި ސޭރީ އޭގެ ތަށި ހޯދަން ޔުވެންޓަސްގެ ރޭސް ފެށީ ކޮންޓޭގެ ކޯޗް ކަމުގައި 2011-12 ސީޒަންގަ އެވެ. އޭނާ ވަނީ ޖެހިޖެހިގެން ތިން އަހަރު ޔުވެންޓަސްއަށް ލީގް ކާމިޔާބު ކޮށްދީފަ އެވެ. އެ ތިން އަހަރު ވެސް ކޮންޓޭގެ ޔުވެންޓަސްގެ މިޑްފީލްޑްގައި އެންމެ މުހިންމު ކުޅުންތެރިޔަކީ ޕިރްލޯ އެވެ. ޔުވެންޓަސްގެ ކޯޗް ކަން ދޫކޮށްލުމަށް ފަހު، އިޓަލީގެ ގައުމީ ޓީމަށް ކޮންޓޭ ކޯޗް ކޮށްދިން ދެ އަހަރު ވެސް ޕިރްލޯ ވަނީ ކޮންޓޭގެ ކޯޗް ކަމުގެ ދަށުން ގައުމީ ޓީމަށް ކުޅެފަ އެވެ.

"އެންޑްރެއާ އާމެދު އަހަރެން ވަރަށް އުފާވޭ، ސަބަބަކީ ފުޓްބޯޅައިގެ ނަޒަރުން އޭނާ ވަނީ އެންމެ މަތީ ލެވަލްގައި ދޭން ޖެހޭ ހުރިހާ އެއްޗެއް ދީފައި،" ޔޫރޮޕާ ލީގްގައި މިރޭ ބަޔާން ލެވަކޫސަން އާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސކޮށް އިއްޔަ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ. "އޭނާ އަކީ އެންމެންނަށްވެސް ބަލައި ގަނެވޭނެ ޝަހުސިއްޔަތެއް، އަހަރެންވެސް ވަރަށް ގަޔާވާ މީހެއް އޭނާ އަކީ."

"އަހަރެންގެ ކޯޗް ކަމުގެ ދަށުން ކުޅުނު ކުޅުންތެރިޔަކު، ކޯޗަކަށް ވީމަ އަހަންނަށް އިހްސާސް ކުރެވެނީ މިހާރު އަހަރެން މުސްކުޅި ވީއޭ." ސަމާސާ ރާގެއްގައި ކޮންޓޭ ބުންޏެވެ.