ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

އާމްދަނީ 43 ޕަސެންޓް ދަށްވެ، ހަރަދު ހިފެހެއްޓިފައި

Aug 10, 2020
2

މި އަހަރުގެ ވޭތުވެދިޔަ ހަ މަސް ތެރޭ ދައުލަތަށް އާމްދަނީ 43 ޕަސެންޓް ދަށްވެ، ހަރަދުތައް ގާތްގަނޑަކަށް އެއް ވަރެއްގައި ހިފެހެއްޓިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "މަންތްލީ ފިސްކަލް ޑިވްލޮޕްމަންޓް" ދާއްކާ ގޮތުން މި އަހަރު ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 12 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.5 ބިިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު 11.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ވެސް އުޅެނީ ގާތްގަނޑަކަށް އެ މިންވަރުގަ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި މި އަހަރު ނުވަ ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ރިކަރަންޓް ހަރަދު އުޅެނީ 9.2 ބިލިއަން ރުފިޔާގަ އެވެ. ކެޕިޓަލް ހޭދަ މި އަހަރު 3.5 ބިލިއަން ރުފިޔާގައި އުޅޭއިރު، މިދިޔަ އަހަރުގެ ހޭދަ އުޅެނީ 3.3 ބިލިއަން ރުފިޔާގަ އެވެ.

މި އަހަރު ހޭދަ ކުރަން ގާތްގަނޑަކަށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވެ އެވެ. މީގެތެރޭގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވަނީ 30 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ ހަރަދުތައް މަތިވެ އާމްދަނީ ދަށްވެފައިވާއިރު ހަރަދު ކުޑަ ކުރަން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. މިގޮތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއި ސަރުކާރުގެ ހިންގުމުގެ ހޭދަ ކުޑަ ކުރަން ފިޔަވަޅު އެޅުން ހިމެނެ އެވެ.