މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑުން ކީޕަރަކު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް

މެންޗެސްޓާ ޔުނައިޓެޑްގައި ތިބި ސީނިއާ ދެ ކީޕަރުންގެ ތެރެއިން ކޮންމެވެސް އެއް ކީޕަރަކު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗް އޮލޭ ގަނާ ޝޮލްޝަޔާ ދީފި އެވެ.

ޝެފީލްޑް ޔުނައިޓެޑްގައި ހޭދަ ކުރި ލޯން ޓްރާންސްފާގެ އެއްބަސް ވުމަށް ފަހު ޔުނައިޓެޑްގެ ތިން ވަނަ ކީޕަރު ޑީން ހެންޑަސަން އަންނަ ސީޒަންގައި ޔުނައިޓެޑަށް އެނބުރި އަންނާތީ، ކުރިއަށް އޮތް ސީޒަންގައި އެއް ފެންވަރުގެ ތިން ކީޕަރުން ކުލަބުގައި ބެހައްޓަން އުނދަގޫވާނެ ކަމަށް ކަމަށް ޝޮލްޝޮޔާ ބުންޏެވެ.

ޝެފީލްޑްގައި ދެއްކި ކުޅުމާއެކު، ޑީން އެނބުރި ޔުނައިޓެޑަށް އަންނާނީ ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމަށް ޗެލެންޖު ކުރުމަށެވެ. ޝެފީލްޑްގައި އޭނާ ދެއްކި ކުޅުމުން އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރެތު ސައުތުގޭޓްގެ ޓީމުގައި ވެސް ޑީން އާމެދު ވަނީ އިތުބާރު ބޮޑުވެފަ އެވެ. ކުރިއަށް އޮތް އަހަރު އިނގިރޭސި ގައުމީ ޓީމުގައި އެއްވަނަ ކީޕަރެއްގެ ގޮތުގައި ޑީން ފެނުމަކީ ގާތުގައިވާ ކަމެކެވެ.

ޝޮލްޝަޔާގެ ޓީމުގައި މިހާރުވެސް ތިބީ ސްޕެއިން އާއި އާޖެންޓީނާގެ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުންނެވެ. ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ އާއި އާޖެންޓީނާގެ ސާޖިއޯ ރޮމޯރޯ ޓީމުގައި އެބަތިއްބެވެ.

"މަގާމުތަކަށް ވާދަވެރިކަން އޮތުމަކީ ވަރަށް މުހިންމު ކަމެއް، އަހަރެމެން މި ބަލަނީ މަގާމުތަކަށް ވާދަވެރިކަން އުފެއްދޭތޯ،" ޔޫރޮޕާ ލީގްގައި މިރޭ ކޯޕެންހޭގަން އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޝޮލްޝަޔާ ބުންޏެވެ. "އަހަރެމެންގެ ޓީމުގައި އެބަ ތިބި ޑީން، ސާޖިއޯ [ރޮމޭރޯ] އަދި ޑޭވިޑް [ޑެހެއާ] އެއް ރޭންކެއްގައި، އެކަމަކު އެ ތިން ކީޕަރުން އެއްކޮށް ކުލަބުގައި ބެހެއްޓުމަކީ ދަތި ކަމެއް، އަހަރެމެން ބަލާނަން ކުރިއަށްތަނުގައި ނިމިގެން ދަނީ ކިހިނެއްތޯ."

ޕްރިމިއާ ލީގްގެ ނުވަ ވަނަ ޝެފީލްޑަށް ހޯދައިދޭން އެހީތެރި ވުމަށް ފަހު ޑިން ހެންޑަސަން މި ވަގަުތު ހުރީ ޗުއްޓީގަ އެވެ. ޔޫރޮޕާ ލީގްގައި ޝޮލްޝަޔާގެ ޓީމުގައި ހުރީ ރޮމޭރޯ އާއި ޑެހެއާ އެވެ. ރޮމޭރޯ ވަނީ މި ސީޒަންގައި ޔޫރޮޕާ ލީގްގައި އަށް މެޗު ކުޅެފަ އެވެ. ޖަރުމަންގައި ފަށާ ޔޫރޮޕާ ލީގްގެ ކްއާޓާ ފައިނު ބުރުގައި ޑެހެއާ ނުކުޅެވާނެ ކަމަކަށް ޝޮލްޝަޔާ ނުބުނެ އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ޝޮލްޝަޔާ ފުރުސަތު ދިނީ ޑެހެއާ އަށެވެ. ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ން ޔުނައިޓެޑް ބަލިވީ ޑެހެއާއަށް ހެދުނު ފީކަޅާ މިސްޓޭކުތަކުންނެވެ.

"ޓީމުގައި މިއޮތް ގޯލްކީޕިން ޑިޕާޓެމްންޓާއެކު ދުނިޔޭގައި ހުރި އެންމެ ބޮޑު އުފަލެއް ލިބޭ ކޯޗަކަށް ވާނީ އަހަރެން،" ޝޮލްޝަޔާ ވާހަކަ ދެއްކި އެވެ. "ސާޖިއޯ [ރޮމޭރޯ]، ޑޭވިޑް [ޑެހެއާ] އަދީ ޑީން އެނބުރި އަންނަނީ، އެ ތިން ކީޕަރުންނަކީވެސް ޓޮޕް ތިން ކީޕަރުން، އަދި މި ޔޫރޮޕާ ލީގްގައި ސާޖިއޯ [ރޮމޭރޯ] ގެ މުހިންމުކަން އޭނާ އަހަރެމެންނަށް އިހްސާސް ކޮށްދީފި، އަދި ޑޭވިޑް [ޑެހެއާ] ވެސް ދަނީ އަބަދުވެސް މޮޅަށް ކުޅެމުން. ކުރިއަށް ތަނުގައި އަހަރެމެން ބަލާނަން ކިހިނެއްތޯ އަހަރެމެންނަށް ކުރިއަށް ދެވޭނީ."