ދުނިޔެ

ސިރިސޭނާ ލަންކާގެ ރައީސްކަމުގެ ހުވާ، ރަނިލް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައިފި

ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް ކުރި ހޯއްދެވި މައިތިރިޕަލަ ސިރިސޭނާ މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ލަންކާ ގަޑިން މިރޭ 6:00 ގައި އިންޑިޕެންޑެންޓް ސްކްއާގަ އެވެ. ސިރިސޭނާ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު މައި ޕާޓީގެ ލީޑަރު ރަނިލް ވިކްރެމަސިންހަ ވަނީ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވައިފަ އެވެ.

ރައީސް ސިރިސޭނާ އަށް ވޯޓުގެ 51.3 ޕަސެންޓް ލިބުނު އިރު ރާޖަޕަކްސަ އަށް ލިބުނީ 47.6 ޕަސެންޓް ވޯޓެވެ.

ރާޖަޕަކްސްގެ ކުރީގެ ހެލްތު މިނިސްޓަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު އެކި ގައުމުތަކުން ދަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ސިރިސޭނާ އަށް މަރުހަބާ ވިދާޅުވެ އިންޑިއާ އަށް ވަޑައިގަތުމަަށް ވަނީ ދައުވަތު ދެއްވައިފަ އެވެ. އަދި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން ވެސް މަރުހަބާ ވިދާޅުވެ ސިރިސޭނާ ރާއްޖެ ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.

ގިނަ ބަަޔަކު ހީކުރި ގޮތާ ހިލާފަށް އިންތިހާބުގެ ހުރިހާ ކަމެއް އަމާންކަމާ އެކު ވަނީ ނިމިގެން ގޮސްފަ އެވެ. އަދި ވެރިކަމުގެ ބާރުތައް ސިރިސޭނާއާ ހަވާލު ކުރުމުގެ ކަންކަމުގައި ވެސް ރާޖަޕަކްސަ ވަނީ އިސް ނަންގަވައި ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖައްސަވައިފަ އެވެ. ރާޖަޕަކްސަގެ ނުފޫޒުގަދަ ދަރިކަލުން ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރުތަކުގައި ސަރުކާރަށް އެެހީތެރިކަން ދިން ހުރިހާ ފަރާތްތަަކަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި "ލަންކާ ރައްޔިތުންގެ ނިންމުމާއި ލަންކާގައި އޮތް ފުރިހަމަ ޑިމޮކްރަސީ އަށް އިހްތިރާމްކުރަން" ކަމަށެވެ. 

ލަންކާގައި 2005 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ރާޖަޕަކްސަ އަށް ނާކާމިޔާބީއާ ކުރިމަތިވެފައި މި ވަނީ ރިޔާސީ ދެ ވަނަ ދައުރުގައި ބާކީ ދެ އަހަރު އޮއްވައި ކުއްލި އިންތިހާބެެއް ބާއްވައި، ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވަން ކުރެއްވި މަސައްކަތުގަ އެވެ. ތަމަޅައިން ލަންކާގައި ވަކި ދައުލަތެއް ގާއިމުކުރުމަށް ކުރި ހަނގުރާމަ 27 އަހަރު ފަހުން ނިމުމަކަށް ގެނައި ރާޖަޕަކްސަ އަށް އޮތް ތާއީދު މި ފަހަކަށް އައިސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާ އެކު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.