ހަބަރު

އެޗްއާރްސީއެމްގެ މެންބަރުކަމަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މޫސާ އަލީ ކަލޭފާނު މަގާޟުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ވިދާޅުވެ އެވެ.

އިުލާނުގައި ބުނެފައިވަނީ މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އަދި މި ފޯމުތަކާއި އިގްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.