ކެމިސްޓްރީގެ ދާއިރާއިން މިއަދު ނޯބެލް އިނާމު ހާސިލްކުރި ތުރުކީގެ އަޒީޒް ސަންޗަރަކީ ވަރަށް ދަތި ހާލުގައި ބޮޑުވި މީހެއް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އަޒީޒްގެ އުފަން އަވަށަކީ ސީރިޔާ ކައިރީގައި އޮންނަ ސަވޫރެވެ. އޭނާއަށް ނޯބެލް އިނާމު ލިބުމާއެކު އޭނާ އުޅެ ބޮޑުވި އިމާރާތުގައި ތުރުކީގެ ދިދަ ވަނީ ނަގާފައެވެ. އަދި އެ އަވަށުގެ މީހުން ގެންދަނީ އޭނާ އާ މެދު މުޅި އަވަށް ފަހުރުވެރިވާކަން ހާމަ ކުރަމުންނެވެ.
އަޒީޒްގެ އާއިލާއިން ބުނީ އޭނާގެ ބައްޕަ ދަރިންނަށް ކިޔަވައިދީ ބޮޑުކުރީ ދަނޑުވެރިކަން ކޮށްގެން ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އަދި އެ އަވަށުގައި ކަރަންޓު ލިބުން ދަތިކަމުން ރޭގަނޑު އަޒީޒަށް ގިނައިން ކިޔަވަން ޖެހުނީ އުއްބައްތީގެ އަލީގައި ކަމަށްވެސް އާއިލާއިން ބުންޏެވެ.
އާޒީޒް ބުނީ އޭނާގެ މައިންބަފައިންނަކީ ތައުލީމެއް ހާސިލުކޮށްގެން ތިބި ބަޔެއް ނޫން ކަމަށާއި އެކަމަކު ދަރިންގެ ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް މައިންބަފައިން ދިން ކަމަށެވެ. އެކަމުގެ ހެއްކަކީ އެނާގެ އާއިލާގައި އެއްބަނޑު އެއްބަފާ އަށް ކުދިން ތިބިއިރު، ހުރިހާ ކުދިންނަކީ ވެސް ޔުނިވަސިޓީ ދަސްވެނީންނެވެ.
އަޒީޒަށާއި އިތުރު ދެ ފަރާތަކަށް ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ލިބުނީ ޑީއެންއޭ ފަރުވާ ދިރާސާ ކުރުމަށް އެފަރާތްތަކުން ކުރާ މަސައްކަތުގެ ސަބަބުންނެވެ. އަޒީޒް ބުނީ ކެންސަރު ފަދަ ބަލިތަކުން ދިފާއު ވުމަށާއި އެފަދަ ބަލިތަކަށް ފަރުވާކުރުމަށް ޑީއެންއޭ "މަރާމާތު" ކުރުމުގެ ދާއިރާ ވަރަށް މުހިންމު ކަމަށާއި މި އިނާމުގެ ސަބަބުން އޭނާގެ މަސައްކަތަށް އިތުރު ހިއްވަރެއް ލިބިއްޖެ ކަމަށެވެ.