ކ. ކޮއްދިއްޕަރު ކައިރީގައި އޮތް ފިނޮޅަކަށް ހަތް މީހުނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ. ހާދިސާގައި ކަނޑުވި މީހުން ވަނީ ގެއްލުމެއް ނުވެ ސަލާމަތްވެފަ އެވެ.
އެމްއެންޑީއެފް އިން ބުނީ ކޮއްދިއްޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ރިޕޯޓް މިއަދު މެންދުރު ލިބުނު ކަމަށާއި އެ ލޯންޗުން ހަތް މީހަކު ދަތުރުކޮށްފައިވާއިރު ގެއްލުމެއް ނުވެ އެ އެންމެން ވެސް ސަލާމަތްވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައި ވެވެ.
އެ ހަތް މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. ލޯންޗު ބަންޑުން ޖެހުމުން އެމީހުން ފަތާފައި ފިނޮޅަށް އެރީ އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.