ހަބަރު

ޒީނާ ވަކިކުރުމުގެ އިޖުރާއަތްތައް ގެންދަން ކޮމިޓީން ނިންމައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުން ޒީނާ ޒާހިރު ވަކި ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ހުށަހަޅަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޒީނާ ވަކިކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތަށް ފޮނުވަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ހުށަހެޅުއްވުން ފާސްކުރީ ކޮމިޓީގައި ތިއްބެވި ހަތް މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މުއައްސަސާގެ މެންބަރަކު ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެ ނަމަ، އެ މެންބަރަކު ވަކި ކުރުމުގެ އިޖުރާއަތްތައް ފެށުމުގެ ކުރިން ރިޔާސަތަށް އެ ކަމެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި ރިޔާސަތުން މަޖިލީހުގެ ޖަލްސާއެއްގައި އެ ކަން އިއުލާން ކުރަން ޖެހޭނެ އެވެ. އެ މަސައްކަތް ފެށޭނީ ރިޔާސަތުން އިއުލާން ކުރީމަ އެވެ.

ނަވާރަވަނަ މަޖިލިސް ފެށިއިރު ބްރޯޑްކޮމްގައި ތިއްބެވި ވަކިވަކި މެންބަރުންގެ މައްސަލަތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށި އެވެ. އެކަމަށް ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. އެ ކޮމިޓީގައި ތިއްބަވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

ސަބް ކޮމިޓީން ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ފެށުމާއެކު އޭރު ކޮމިޝަންގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް އިސްތިއުފާ ދެއްވި އެވެ. ބްރޯޑްކޮމްގެ އޭރު ރައީސް މުހައްމަދު ޝަހީބް ވަކި ކުރަން ތަޅުމަށް ފޮނުވުމާއެކު އޭނާ ވެސް އިސްތިއުފާ ދެއްވީ އެވެ. ފާތުމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކުރީ އެވެ.

ސަބް ކޮމިޓީން މައްސަލަތައް ބަލަން ފެށި ބްރޯޑްކޮމްގެ މެންބަރުންގެ ތެރެއިން މެންބަރު ޒީނާގެ މައްސަލަ ނުބެލި އޮތީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުން ކޮމިޓީއަށް ހާޒިރު ނުކުރެވި އޮތުމުންނެވެ. ދުވަސްތަކަކަށް ފަހު މިދިޔަ ޖޫން މަހު އެ މައްސަލަ ސަބް ކޮމިޓީން އަލުން ފަށައި ޒީނާ ހާޒިރުކޮށް ޖަވާބުދާރީކުރުވި އެވެ.

ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތަކެއް ސަބް ކޮމިޓީން ބަލަން ފެށިއިރު، އެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި މިހާރު ތިއްބެވީ ޒީނާގެ އިތުރުން މެންބަރު އައިމިނަތު ސަހާރަތު އިއްޒަތާއި، މެންބަރު އަމްޖަދު ވަހީދެވެ.

ބްރޯޑްކޮމްގެ އެ މެންބަރުންތައް ވަކިކުރަން ކޮމިޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވި ނަމަވެސް ހުރިހާ މެންބަރުން އެއް ފަހަރާ ވަކިކުރަން ކޮމިޓީން އޭރު ނުނިންމި ސަބަބަކީ ގާނޫނީ ހުސްކަމަށް ކޮމިޝަން ގޮސްދާނެތީ އެވެ. އެހެންކަމުން އާ މެންބަރުންތަކެއް ކޮމިޝަނަށް ލަމުން ކުރިން ތިބި މެންބަރުންގެ މައްސަލަތައް ބަލަން އޭރު ނިންމީ އެވެ.

އެގޭ ފަހުން މަޖިލީހުން ރުހުން ދިން ހަތަރު މީހަކު ބްރޯޑްކޮމަށް އައްޔަން ކުރި އެވެ. އެއީ، ބްރޯކޮމްގެ ރައީސް ކަމުގައި މިހާރު ހުންނެވި މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް އާއި، މެންބަރު އަލީ ޔޫސުފުގެ އިތުރުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރުހުން ދިން އައިމިނަތު އަމީނާ އެވެ.