ވާހަކަ

ރީތީ ހީނލީމާ

(އަށާރަވަނަ ބައި)

"ވެރިމީހާ ވީމަ. އެއީ އެ ގެސްޓު ހައުސްގެ އޯނަރުވީމަ. އެކަމަކު އެކަން އެނގޭނީ މަދު ބަޔަކަށް. އޭނާ ސެކިއުރިޓީ ޔުނީފޯމު ލައިގެން ހުއްޓަސް އޭނައަކީ އެތަނުގެ ވެރިޔާ،" އާތިފާ ކިޔައިދިނެވެ. "މިރަށު މީހުން އެކަން ނަގާނީ ޖޯކަކަށް. އެކަމަކު ސެކިއުރިޓީ ޔުނީފޯމު ލުމުގެ ފަހަތުގައި އޮތީ ކޮން ޖަރީމާއެއްކަން އެނގޭނީ ކާކަށްދޯ."
"ދެން ޝާހިދާއަށް ކިހިނެއްވީ؟"
"އެފަހަރު ކަންތައް ކުރީ މާގޯސްކޮށް. އޭނާ ޝާހިދާއަށް ވެސް ކަންތައް ކުރީ ފިނާއަށް ކަންތައް ކުރިހެން. އެ ފަހަރު އަދި މާ އަނިޔާވެރިކޮށް ހުރިހާ ކަމެއް ކުރީ. އެރޭ ދޮންރަހާ ހުރީ ހިނދުކޮޅުގަ،" އާތިފާގެ އަޑުގައި ފާޑެއްގެ ތުރުތުރެއް އެކުލެވެމުން ދިޔައެވެ. "އަތްފައި ބަނދެފަ. އަނގައިގަ ޓޭޕު އަޅައިފަ. އެފަކީރު ވެސް ސަލާމަތަށް އެދި އާދޭސްކޮށްލަ ކޮށްލާ އޮއްވާ ފުރަތަމަ ހޭނެތުނީ. އެހައި ހިސާބުން ދޮންރަހާ އޭނާ މޮހައިލީ. ދެން ދޮންރަހާ ދުނިޔެ ރަންވީ."

އަހަންނަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ފާޑަކަށް މޭ ބޮޑުވަގޮތްވާން ފެށިއެވެ. އޯކަށް ދެމެވޭހެން ހީވާން ފެށިއެވެ. ގަދަކަމުން ހިންދިރުވާލެވުނެވެ.

"ދެން ޝާހިދާ ކޮބާ؟"
"އެއީތާ ނޭނގިގެން މިއުޅޭ ކަމަކީ. ޝާހިދާ ގެއްލުނީ. ވީނުވީއެއް ނޭނގުނީ. އެކަމަކު އަހަންނަށް އެނގޭ އޭނާއަށް ހެދިގޮތް. އޭނާއަށް ކުރި ކަންތައް،" އާތިފާ ހިންދިރުވާލިއެވެ. "އެކަކު ވެސް ގަބޫލެއް ނުކުރޭ އަހަރެން ދައްކާ ވާހަކައެއް. އަހަންނަކީ މޮޔައެއް ކަމަށް އެންމެން ބުނަނީ ކީއްވެކަން އެނގޭތަ؟ އަހަރެން މޮޔައަކަށް ހެދީ ކީއްވެކަން އެނގޭތަ؟ އެކަން ކުރީ ކާކުކަން އެނގޭތަ؟"
އަހަރެން ދެ ފަރާތަށް ބޯ ހޫރައިލީމެވެ. ނޭނގޭކަން އަންގައިދޭށެވެ.
"އަހަންނަށް ހުރިހާ މަންޒަރެއް ފެނުނީމަ. ދޮންރާހާ ހިންގި ހުރިހާ ޖަރީމާއެއް އެނގުނީމަ. އަހަރެން އުޅުނީ އެ ގެސްޓު ހައުސް ފޮޅާ ސާފުކުރާ މީހަކަށް. އެރޭ ޝާހިދާގެ ހަޅޭއްކުގެ އަޑު އިވިގެން އަހަރެން އެ ކޮޓަރި ކައިރިއަށް ދިޔައިން. ދޮރު ވެސް ހުރީ ތަޅު ނުލައި. އަހަރެން މަޑުމަޑުން ދޮރު ހުޅުވާ ބަލައިލިން. އަހަންނަށް ފެނުނު މަންޒަރުން މީހާ އެއްކޮށް ގަނޑުވީ. ގުޑިލަން ވެސް ނޭނގިފައި ހުރެވުނީ. އަހަންނަށް ޝާހިދާގެ ހަޅޭއްކުގެ އަޑު އަދިވެސް އިވޭ ކަހަލަ. ކޮންމެ ރެޔަކު ކޮންމެ ދުވަހަކު އަހަންނަށް އެ އަޑު އިވޭ ކަހަލަ." އާތިފާ މޭގައި އަތްއަޅައިލަމުން ހިންދިރުވާލިއެވެ.

އަހަންނަށް އިނދެވުނީ އޭނާގެ އަޑު އަހާށެވެ. ވާހަކައިގެ ތެރެއަށް ގެއްލި ގެނބިފައެވެ. ނޭވާ ހިފަހައްޓާ ލައިގެންނެވެ. މަޑުމަޑުން ފޯނަށް ބަލައިލެވުނެވެ. އާތިފާގެ އަޑު ރެކޯޑު ކުރެވޭކަން ޔަގީންކޮށްލީމެވެ.

"ދެން އެނގޭތަ އޭނަ ކަންތައް ކުރިގޮތް؟ ޝާހިދާއަށް ހޭވެރިކަންވީ އިރަށް ސަލާމަތްވާ އޭނާ ވަރަށް މަސައްކަތްކުރި. އޭނާގެ އަތުގައި ޖެހުނީ އާފަލު ކޮށަށް ބޭނުންކޮށްފަ އޮތް ވަޅި. އެ ވަޅި ނަގައި ދޮންރަހާއާ ދިމާއަށް ދިއްކޮށްލި. އެގޮތް މިގޮތުން ދޮންރަހާއަށް ވަޅި އަތުލެވުނު. ދޮންރަހާއަށް ވަޅި ލިބުމާއެކު ޝާހިދާ ކޮޓަރި ނުކުންނަށް ދުއްވާގަތް. ދޮންރަހާ ވެސް އޭނާ ފަހަތުން ދުއްވާގަތް. ކުއްލިއަކަށް ޝާހިދާ އެނބުރިލި ގޮތުން ދޮންރަހާގެ އަތުގައި އޮތް ވަޅި ޝާހިދާގެ ބަނޑަށް އަމާޒުވި." އާތިފާ ގިސްލެވެން ފެށިއެވެ.

އޭނާ ފެންކަޅިވިއެވެ. އަހަންނަށް ވެސް ވީ އެވަރެވެ. އެ މަންޒަރު ލޮލަށް ސިފަވީއެވެ. ސިކުނޑީގައި އެ ތަސްވީރު ފެވުނީއެވެ.
"އަހަންނަށް ހަޅޭއްލަވާ ގަނެވުނު. ދޮންރަހާއަށް އެ މަންޒަރު ފެނުނު. އޭނާ އަހަންނަށް ބިރުދެއްކި. އިންޒާރުދިން." އާތިފާ ނޭފަތް އެތެރެއަށް ދަމައިލިއެވެ. އަހަންނަށް އިސްޖަހައިލެވުނެވެ. މޭގެ ތެޅުން އަވަސްވެ މުޅި ހަށިގަނޑު ފާޑަކަށް ތުރުތުރު އަޅަމުން ދިޔައެވެ.

"ދެން ޖެހުނީ އެކަން ފޮރުވަން. ޝާހިދާ ގެއްލުވާލަން. އޭނާގެ ވަސް ދުއްވާލަން،" އާތިފާ ގިސްލާން ފެށިއެވެ. "އަހަރެންގެ މި ދެ އަތުން ކޮޓަރީގައި ހުރި ލޭތައް ސާފުކުރަން ޖެހުނީ. އެ ހުރިހާ ކަމެއް ސިއްރުކުރާން މަޖުބޫރު ކުރުވީ. އެންމެ ފަހުން އަހަރެންގެ ސިކުނޑިއަށް ކެތް ނުވާވަރުވީ. އަހަންނަށް އެ މަންޒަރުތައް އަބަދު ފެންނަނީ. އެ އިހުސާސްތައް އަބަދު ކުރެވެނީ. އެ ނިކަމެތި ޝާހިދާ އުޅުނު ގޮތް ސިފަވަނީ. މިހާރު ވެސް އޭނާގެ ރޫހު އަހަންނާ ދިމާވަނީ. ބައްދަލުވަނީ. އޭނާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައި ދެނީ. އެ މަންޒަރުތައް ދައްކައިދެނީ."
"މާނައަކީ ޝާހިދާގެ ރޫހު އުޅެނީ އޭތަ؟" އަހަންނަށް އަހައިލެވުނެވެ.
"އާން! އެކަކު ވެސް އެކަން ގަބޫލެއް ނުކުރޭ. ފަސް އަހަރުވީއިރު، ދޮންރަހާ މި ކަން ކޮށްފި އެތައް ކުދިންނަކަށް. އެކަމަކު އެމީހުން އެކަމާ ރުހޭ. ގަބޫލުވޭ. ލާރިއަށް ހެއްލޭ. މި ވާހަކަތައް އަހަރެން ދެއްކިޔަސް ކޮންމެ މީހަކު ވެސް ހަދަނީ މަޖަލަކަށް. ޝަރީފު ނޫނީ މި ވާހަކަތައް އަޑުއެހި މީހަކު ނެތް. ގަބޫލުކުރި މީހަކު ނެތް."
"ދެން ފިނާ ރަނގަޅު... އަހަންނަށް ޝާހިދާ އެހެން އެހެދީ؟" އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނީ އާތިފާގެ މޫނަށެވެ.
"ވަރަށް ދެރަ. ދެން ޝަރީފު ޖެހޭނީ ތިޔަ ދިރިއުޅުމުން ނުކުންނަން. ޝާހިދާގެ ރޫހު އެ ހިފީ އެ ބަދަލު. އަހަރެން ވަރަށް ވިސްނައިދީފިން. އެކަމަކު އޭނާ ގަބޫލެއް ނުކުރި. އޭނާއަށް އުނދަގޫ ވަނީ މާ ލޯބިން ދެ މީހަކު އުޅޭތަން ބަލަން. ދޮންރަހާ ދުނިޔޭގައި ހުރިހާ ދުވަހަކު ޝާހިދާގެ ރޫހު ބަދަލު ހިފާނެ. އެ ކޮޓަރިއަށް ވަންނަ މީހުންނަށް."
"ކީއްވެ ދޮންރަހާއަށް ކަމެއް..." އަހަރެން ސުވާލުކޮށް ނުނިމެނީސް އޭނާ ފެށިއެވެ.
"އެ ޖާހިލެއް. ބުނެއެއްނު ވަގުންގެ ފޮށި ބާރަށް ބަންނާނޭ. އެހެންވެ ކައިރި ނުވެވެނީ. ޝަރީފަށް ސަލާމަތްކަށް ލިބޭނީ ދޮންރަހާ ބޭޒާރުކޮށްލެވިއްޖެ ނަމަ. އެކަމަކު ފިނާއަށް ދިމާވާ ކަންތައް އެއީ ޝާހިދާގެ ކަމެއް ނޫން،" އާތިފާ އަޑުބަރުކޮށްލަމުން ބުނެދިނެވެ. "މައްސަލައަކަށްވީ ކަލޭމެންނަށް އެ ކޮޓަރިއަށް ވަދެވުމުން."

ސިހިފައި ދެ ލޯ ހުޅުވާލެވުނެވެ. އޭރު ފަތިސްނަމާދު ބަންގި ގޮވަނީއެވެ. ފުންކޮށް ވިސްނައިލެވުނެވެ. މި ހުރިހާ އިރު ކުރެވުނު ޚިޔާލާ މެދުގައެވެ. ފިނާގެ ހަނދާންތަކާ ކަންކަން ނިމިގެން ދިޔަ ގޮތާމެދުގައެވެ. ކައިވެނީގެ ގޮށް މޮހައިލަން މަޖުބޫރުވި ގޮތެވެ. އެހަނދާންތައް އާވުމުން ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ކިތައްމެ ބޭނުން ނުވިޔަސް އެ ނިންމުން ވެސް ނިންމަން މަޖުބޫރުވީއެވެ. ފިނާއަށް ޓަކައެވެ. ފިނާއަށް އުފާވެރި ހަޔާތެއް ހޯދައިދޭން ބޭނުންވާތީއެވެ. ފިނާގެ ހަނދާންތައް ހިތަށް ވެރިވުމުން އަދިވެސް އަތްފައި ފިނިވެ މީހާ ތުރުތުރު އަޅައިގަނެއެވެ. ތޭރަވަރަކަށް އަހަރު ކުރީގެ އެ ހިތްދަތި މާޒީގެ ތަސްވީރުތައް އިއްޔެވީ ކަމެއްހެން އަދިވެސް ސިފަވަނީއެވެ. ކޮންމެ ރެޔަކު ޑިއުޓީގައި އިނދެ އެ ހަނދާންތައް ކުރެވެނީއެވެ. އެ އުފާވެރިކަން އިހުސާސް ކުރެވެނީއެވެ. އެހަނދާންތައް އާވުމުން ބޮލަށް ލުއިވެއެވެ. ހިތްހަމަ ޖެހެވޭ ގޮތް ވެއެވެ. ބޮލުން ބައެއް ހިޔާލުތައް ނުކުމެގެން ދިޔަ ނަމަވެސް، ބައެއް ފަހަރު ހުންނަނީ ފާޑަކަށް ބަރު ޖެހިފައެވެ. އުދަނގޫ ގޮތްތަކެއް ވެފައެވެ.

މޫނުގައި ދެ އަތުން ފިރުމާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގައި ރިހުމަކީ ހިތްދަތި މާޒީ ހެއްޔެވެ؟ ނޫނީ އަދުގެ ހާލަތު ހެއްޔެވެ؟ ހިތަށް ނުތަނަވަސްކަން ލިބެނީ އެ ހަނދާންތަކުން ހެއްޔެވެ؟ ނޫނީ އުޅެން ޖެހިފައި މިވާ ގޮތުން ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެއީ މާޒީއެވެ. މީހުން ބުނެއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެއެވެ. އަހަންނަށް ލިބޭނީ ކިހާ ފޮނި މޭވާއެއް ހެއްޔެވެ؟ އެ މޭވާއެއް ލިބެންދެން އަހަންނަށް ކެތް ކުރެވޭނެ ހެއްޔެވެ؟ އެ ދުވަހެއް ދައްކާވާނެ ބާވައެވެ.

ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލިން ދެލޮލުގެ ކަރުނަވަޅަށް ބާރުކޮށްލެވުނެވެ. ނިދީގެ އަސަރުތަކުން ބަރު ޖެހެމުންދިޔަ ދެ ލޮލަށް ތާޒާކަމެއް ގެނެވޭތޯ ބަލައިލީމެވެ. އިށީނދެ އިން ގޮނޑިން ތެދުވެ މޯޅިއަކަށް ދެމިލެވުނެވެ. ކޮނޑުގެ މަސްތަކަށް ވާންކޮށްލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޖައްވުގައި ވަކި ހިއްޕާލައިފައިވާ ތެތްފިނި ކަމުގެ އަސަރުތަކުން މީހާ ތުރުތުރު އަޅައިގަތެވެ. މަޑުމަޑުން އޮފީހުގެ ބަގީޗާއާ ދިމާގައި ފެންދޭން ތައްޔާރުކޮށްފައިވާ އިސްކުރާ ދިމާއަށް ހިނގައިގަތީމެވެ. ވުޟޫކޮށްލައިގެން ނަމާދުކޮށްލުމުގެ ނިޔަތުގައެވެ. ނަމާދުކޮށްލައި ދުޢާކޮށްލަނިކޮށް މި ބަރުހެލިކަމަށް ލުއި ތަކެއް ލިބޭނެތީއެވެ. ފާއިތުވެ ދިޔަ ތޭރަ އަހަރު ވެސް އަހަންނަށް ހިތްހަމަ ޖެހުމެއް ލިބޭ ހަމައެކަނި ކަމަކީ އެއީ ކަމުގައި ވާތީއެވެ. ދުވާލަކު ފަސް ފަހަރު އެ ހިތްހަމަ ޖެހުމާއި އެ ލުއިކަން ނުލިބޭނަމަ އަހަރެން ވީހީ މޮޔައިންގެ ތެރޭގައެވެ. އެހައިވަރަށް އަހަންނަށް ވެސް ފިއްތުންތަކާ ކުރިމަތިވެއެވެ. ވިސްނުންތަކުން ބޮލަށް ބަރުވެއެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ދުޢާކޮށް ނިންމާލީމެވެ. ހިތަށް އާދަޔާ ޚިލާފު ލުއިކަމެއް ލިބުނެވެ. ބަރު ޖެހިފައިވާ ޚިޔާލުތައް މައްޗަށް އަރައިގެންދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. ބޭރަށް ނުކުމެ އޮފީސް ދޮރުމަތީގައި ހުރި ގޮނޑީގައި އިށީނދެލީމެވެ. ރޭޑިއޯ ހުޅުވާލަމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލީމެވެ. އިވެމުންދިޔަ ކީރިތި ގުރުއާނުގެ މޫރިތިވި އާޔަތްތަކުގެ އަޑުގައި ހުރި ހިތް ދަމައިގަންނަ ކަހަލަ އަސަރެކެވެ. ހިތުގެ އެންމެ ފުނަނަށް ބާރު ފޯރާފަދަ އިހުސާސެކެވެ. ގުރުއާންގެ އާޔަތްތަކާއެކު އިވެމުން ދިޔަ ތަރުޖަމާއަށް ފުންކޮށް ވިސްނައިލެވުނެވެ. އެ އާޔަތްތަކުގެ މާނަތަކާއި ދިރިއުޅުމާ ގުޅުވާލެވުނެވެ. އަހަންނަށް ލުއި ގޮތަކަށް ހިނިތުންވެވުނެވެ. އެހެންޏާ ނުކުރެވޭ ފަދަ ހިމޭންކަމެއް އިހުސާސްވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އާދަޔާ ޚިލާފު ލުއިކަމެއް ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. އެކަމުގެ ސަބަބުން ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ލިބެމުން ދިޔައެވެ.

އަހަންނަށް ފޯނު ނަގައި ގަޑިއަށް ބަލައިލެވުނެވެ. އޭރު ފަސްގަޑި ސާޅީސްފަހެއް ހިނގަނީއެވެ. ޑިއުޓީ ބަދަލުވާނީ ހަގަޑި ބަޔަކަށް ކަމަށް ހިތްބުނެލިއެވެ. މަޑުމަޑުން ގޮނޑީގައި ހަމަޖެހިލެވުނެވެ. ހިޔާލުތަކުގެ ކޯރުގެ ތެރެއަށް އަނެއްކާ ވެސް ގެނބިގެން ދިޔައެވެ.

"އަހަންނަށް ރަނގަޅު ގޮތްތައް ވޭތޯ ދުޢާކޮށްދޭތި. އަހަރެން ވެސް ޝަރީފާ މި ވަކިވަނީ އެނޫން ގޮތެއް ނެތުމުން،" ގިސްލަމުން ގިސްލަމުން ފިނާ އަހަރެންގެ މޭގައި ލައްވެލައިގެން ހުރެ ބުނެލިއެވެ. "އަހަންނަކަށް ނޭނގޭ އަދި ގަބޫލެއް ވެސް ނުކުރަން މިއީ ހަގީގަތެއް ކަމަކަށް. އަހަރެން ޝަރީއާ ގުޅުނީ އުމުރަށް، މުޅި އުމުރަށް އުޅެން. ކޮންމެ ހާލެއްގައި ވެސް ކޮންމެ ތަނެއްގައި ވެސް ކެތްތެރިވާން. އެކަމަކު."
ފިނާ ރޯން ފެށިއެވެ. އަހަރެން ހިތްވަރު ކުރީމެވެ. ފިނާއަށް ވިސްނައިދެވޭތޯ ބެލީމެވެ.
"އަހަރުމެން މި ވަކިވަނީ އަހަރުމެންވީ ލޯބީގެ ހައްގުގައި. ފިނާ އަހަރެން ދެކެވީ ތެދުވެރި ލޯބީގެ ހައްގުގައި. ކޮންމެ ގޮތެއް ވިޔަސް އަހަރުމެން ދެމީހުން ގުޅިގެން އުޅުމުން، އުފަލެއް ހިތްހަމަ ޖެހުމެއް ލިބެން ނެތީމަ. އުއްމީދެއް، އުފަލެއް އަރާމެއް ނެތި ދެ މީހުން ކިތައްމެ ކެތް ކުރި ކަމުގައި ވިޔަސް އެއީ ދެ މީހުން ދެ މީހުނަށް ގަސްތުގައި ދެވޭ އަނިޔާއެއް،" ފިނާގެ ބުރަކަށީގައި ފިރުމައިލަމުން އަހަރެން ވިސްނައިދިނީމެވެ. "ޑޮކުޓަރުންގެ ލަފައަކީ ވެސް މިއީ. އަނެއްކޮޅުން ރުގުޔާކުރާ މީހާގެ ވާހަކަތައް ވެސް ހުރީ އެއް ދިމާއަކަށް. ފާއިތުވެ ދިޔަ އެއް އަހަރު ތެރޭގައި އަހަރުމެން ދެމީހުން މި ކުރި ތަޖުރިބާއަކީ ވެސް މިއެއްނު. އަހަރެން ފިނާއާ ގާތްވާއިރަށް ފިނާގެ ބަލި ބޮޑުވެ އެޑްމިޓް ކުރަން ޖެހޭކަން ފިނާއަށް ވެސް އެނގެއެއްނު. ފިނާއަށް އެ އަޅާވޭނާ، އެ ލިބޭ އަނިޔާތައް ބަލާކަށް އަހަންނަށް ފަސޭހައެއްނޫން. އަހަރެންގެ ހިތަށް ކުޅަދާނައެއް ނޫން."

ފިނާ ގިސްލަމުން ގިސްލަމުން އަހަރެންގެ ގައިގައި ބައްދާލިއެވެ.

"ދެން ހިނގާ،" އަހަރެން ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ކުރިއަށް ހިނގައިގަނެވޭތޯ ބެލީމެވެ. "މިއީ ތަގުދީރު، ކެތްތެރިންނަކީ އެންމެ މާތް އިންސާނުން. އަހަރެން ވަރަށް މަސައްކަތް ކުރާނަން ފިނާގެ ހަނދާންތަކުން ނުކުންނަން. ފިނާ ވެސް މަސައްކަތްކުރޭ މި ހަނދާންތަކުން ދުރުވެ އާ ހަޔާތެއް ފަށަން. ބުނެއެއްނު ކޮންމެ ހުއްޓުމަކީ އާ ފެށުމެއް އޮތްކަމުގެ ނިޝާނެކޭ، އެކަމަށް ލިބޭ ސިގުނަލެކޭ."
އަހަރެން ފިނާގެ ކޮނޑުގައި ހިފައިލީމެވެ. ކޯޓުގެ މައިދޮރާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެން ބަލައިލީ ފިނާގެ ބައްޕަގެ މޫނަށެވެ. ފިނާގެ ބައްޕަ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ދެރަވެ މާޔޫސް ވެފައެވެ. އަހަރެންގެ އިޝާރާތަށް ފިނާގެ ބައްޕަ ވެސް އޭނާގެ ދޮންތަ ވެސް ހިނގައިގަތެވެ. ވަރަށް ހިތްވަރު ކޮށްފައި އަހަރެން ކުރިއަށް ދިޔައީމެވެ. ދޮރާހަމައަށް ދިޔަ އިރަށް ފިނާ ހުއްޓުނެވެ.
"ފިނާ! މި ހަގީގަތާ ކުރިމަތި ލަމާ. މިއީ ހަމަ ހަގީގަތް. އެކަމަކު އެކަކު ވެސް މި ވާހަކަ ގަބޫލެއް ނުކުރާނެ. މި ފަދަ ޒަމާނެއްގައި މިކަހަލަ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިދާނެ ކަމަށް ހަމަ އެކަކު ވެސް ގަބޫލެއް ނުކުރާނެ. ޚުދު އަހަރެން ވެސް މިކަން އަދިވެސް ގަބޫލެއް ނުކުރަން. ހިތްވަރުކުރޭ." އަހަރެން ފިނާގެ ކޮނޑުގައި ހިފަހައްޓައިލީމެވެ. (ނުނިމޭ)