ކުޅިވަރު

އިންޓަ އާއި ޔުނައިޓެޑް ސެމީ ފައިނަލަށް

އެކްސްޓްރާ ޓައިމްގައި ބުރުނޯ ފެނާންޑޭޒް ކާމިޔާބު ކުރި ޕެނަލްޓީން ޔޫރޮޕާ ލީގްގެ ސެމީ ފައިނަލު ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފި އެވެ. ބަޔާން ލެވަކޫސަންގެ މައްޗަށް ކާމިޔާބު ހޯދައި އިންޓަ މިލާންވެސް ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

ޖަރުމަންގެ ޑިސްލްޑޯފް ސިޓީ މެކްއާ ސްޕީލް އެރީނާގައި ކުޅުނު މެޗު އިންޓައިން ކާމިޔާބު ކުރީ 2-1 ންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނިކޮލޯ ބަރޭލާ އެވެ. ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅަ ލެވަކޫސަންގެ ޑިފެންސުން ބްލޮކް ކުރުމުން، އެ ބޯޅަ ރީބައުންސްވީ އޭރިއާގެ ބޭރަށެވެ. އޭރިއާގެ ބޭރު ރޮނގު ކައިރީގައި ހުރި ބަރޭލާ ވަނީ އެއް ފަހަރުން ޖަހައި ގޯލްގެ ކަނަށް އެ ބޯޅަ ވައްދާލާފަ އެވެ.

އޭގެ ހަ މިނެޓް ފަހުން އެޝްލީ ޔަންގް ތަނަވަސްކޮށްދިން ފުރުސަތަކުން ލުކާކޫ ވަނީ އިންޓަގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ލުކާކޫއަށް ބޯޅަ ލިބުމުން އޭނާ ހުއްޓުވުމުގެ ގޮތުން ލަވަކޫސަންގެ ޑިފެންޑަރު އެޑްމޮންޑް ޓަޕްސޯބާ ލުކާކޫއަށް ފައުލު ކުރުމުންވެސް ލުކާކޫ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

ޖެހިގެން އައި މިނެޓްގައި ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ލުކާކޫ ފޮނުވާލަން އުޅުނު ބޯޅަ ދިފާއު ކުރީ ލަވަކުސަންގެ ކީޕަރު ލޫކަސް ރާޑެސްކީ އެވެ.

ކުރިއަށް އޮތް ސީޒަންގައި ޗެލްސީއަށް ބަދަލު ވާނެ ކަމުގެ ރިޕޯޓްތައް ފެތުރިފައިވާ ލަވަކޫސަންގެ ވިންގާ ކައި ހަވަޓްޒް ވަނީ ކެވިން ވޮލެންޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ލަވަކޫސަންގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓެޑާއި ޑެންމާކްގެ ކޯޕެންހޭގަން އެފްސީގެ މެޗު ކުރިއަށް ގެންދިޔައީ ޖަރުމަންގެ ކޮލައިންގެ ރައިން އެނަޖީ ސްޓޭޑިއަމްގަ އެވެ. މެޗުގެ ފުރަތަމަ ވަގުތު ހަމަވީއިރުވެސް ލަނޑެއް ޖެހިފައި ނުވުމުން މެޗު އެކްސްޓްރާ ޓައިމް ކުޅެން ޖެހުނެވެ. އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓްގައި ޔުނައިޓެޑަށް ލބުނު ޕެނަލްޓީ އަކުން ބުރުނޯ ފެނާންޑޭޒް ލަނޑު ކާމިޔާބު ކުރި އެވެ،

ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ޝޮލްޝަޔާ އެކްސްޓްރާ ޓައިމްގެ 30 މިނެޓަށް ނުކުތީ ޒުވާން ފޯވަޑް މޭސަން ގްރީންވުޑްގެ ބަދަލުގައި ތަޖުރިބާކާރު ފޯވަޑް ހުއާން މާޓާ ކުޅެން ނެރެގެންނެވެ.

ކޯޕެންހޭގަންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، ޔުނައިޓެޑްގެ އެންތޮނީ މާޝިއަލްއަށް، ކޯޕެންހޭގަންގެ ޑިފެންޑަރު އެންޑްރެއަސް ބިއަލެންޑް ފައުލު ކުރުމުން، މެޗުގެ ރެފްރީ ކްލެމެންޓް ޓާޕިން ދިން ޕެނަލްޓީ އަކީ މި ސީޒަންގައި ޔުނައިޓެޑަށް ދިން 22 ވަނަ ޕެނަލްޓީ އެވެ.

މެޗުގައި ރަނގަޅު ސޭވްތަކެއް ކުރި ކޯޕެންހޭގަންގެ ކީޕަރު ކާލް ޔޯހަން ޖޯންސަން ބެލެހެއްޓި ގޯލަށް ފެނާންޑޭޒް ޕެނަލްޓީ ވައްދާލައި ހޯދި މޮޅަކީ ޔޫރަޕްގައި ޔުނައިޓެޑްގެ 17 ވަނަ ސެމީ ފައިނަލަށް ގެންގޮސްދިން މޮޅެވެ.

ސެމީގައި ޔުނައިޓެޑް ނުކުންނާނީ، މިރޭ ސެވިއްޔާ އާއި ވޯލްވްސް ބައްދަލު ކުރާ މެޗުން މޮޅުވާ ޓިމަކާ ދެކޮޅަށެވެ. އިންޓަ ނުކުންނާނީ މިރޭގެ ދެ ވަނަ މެޗުގައި ޝަކްޓާ ޑޮނެސްކް އާއި އެފްސީ ބަޒަލްގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.