ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކުރާނެ އަސަރުތަކާއި އެއިން އަރައި ގަންނަން ކުރެވިދާނެ މަސައްކަތްތަކުގެ މައުލޫމާތު ހިމަނައިގެން ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ހާއްސަ ރިޕޯޓެއް އެކުލަވާލައި ނެރެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުން ގިނަ ސިނާއަތްތަކެއް ހުއްޓިފައި ވަނިކޮށް އެންއެފްއެމްއީ އިން ސިލްސިލާތައް ފެށި ވެބިނާ ސީރީޒްގައި ރާއްޖޭގެ 10 ސިނާއަތުގެ ނަން މަޝްހޫރު ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ. އަދި އެ ތަޖުރިބާކާރުން ވަނީ ކޮވިޑްގެ ހާލަތުން ސިނާއަތްތަކަށް ލިބިފައިވާ ގެއްލުންތަކާއި އެކަމުން އަރައި ގަންނަނާއިރު ވިސްނަން ޖެހޭ މުހިންމު ނުކުތާތައް ތަފުސީލުކޮށް ދެއްވާފަ އެވެ.
ވެބިނާ ސީރީޒްގެ 10 ދާއިރާ
- ޓޫރިޒަމް ސިނާއަތް
- އިމާރާތް ކުރުމުގެ ސިނާއަތް
- މަސްވެރިކަމުގެ ސިނާއަތް
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް
- ވައިގެ ދަތުރުފަތުރުގެ ސިނާއަތް
- މާލީ ދާއިރާ
- ލޮޖިސްޓިކްސް - މުދާ އުފުލުގެ ސިނާއަތް
- ފުޑް އެންޑް ބެވަރޭޖަސް ދާއިރާ
- އިންޝުއަރެންސް
- އޯވަރޯލް އިގްތިސޯދު
އެންއެފްއެމްއީގެ މި ވެބިނާ ސީރީޒްގައި ފުރަތަމަ ބޭއްވީ ޓޫރިޒަމް ސިނާއަތާބެހޭ ވެބިނާ އެކެވެ. "ޓޫރިޒަމް ރައްކާތެރި ކަމާއެކު ހުޅުވާލުން" މި މައުލޫގެ ވެބިނާގައި ބައިވެރިވެ ވަޑައިގެންނެވީ ޓޫރިޒަމް ސިނާއަތުގެ އެންމެ މަޝްހޫރު ފަރާތަކީ ލަގްޒަރީ ޓޫރިޒަމްގެ މުޅިން ތަފާތު ރަހައެއް ގެނެސްދިން، ސޮނޭވާ ގްރޫޕުގެ ސޯނޫ ސިވްދާސަން އެވެ. އިތުރުން ވެސް ތަޖުރިބާކާރު އެތައް ބޭފުޅުންނެއް ހިމެނި ވަޑައިގަތެވެ.
އަދި އިގްތިސޯދުގައި ހުރި މައްސަލަތަކަށް ބަލާލައި ބޭއްވި ވެބިނާގައި ކުރީގެ މިނިސްޓަރު މުހައްމަދު ޖަލީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ބޭންކިން ސެކްޓާގެ ވެބިނާގައި ބީއެމްއެލްގެ ސީއީއޯގެ އިތުރުން އެހެން ބޭންކްތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.
ވެބިނާ ސީރީޒް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ސީރީޒް ފަރުމާކޮށް އަދި ފެސިލިޓޭޓަރެއްގެ ގޮތުގައި ހުށަހެޅުއްވި އެންއެފްއެމްއީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރަން ވިސްނެވީ މި ހާލަތުގައި މި ދާއިރާތަކަށް ލިބިފައިވާ ގެއްލުން އަންގައިދީ، އޭގެ ހައްލުތައް ތަޖުރިބާކާރުންގެ ފަރާތުން ވިދާޅުވ ދެއްވުމެވެ.
"މި ވެބިނާތައް ޕެނަލިސްޓުންގެ އެއްބާރުލުން ލިބިގެން ނޫން ގޮތަކަށް ކާމިޔާބެއް ނުކުރެވުނީސް،" ޖަނާހު ވިދާޅުވި އެވެ.
އެންއެފްއެމްއީގެ އިން ވަނީ މި ވެބިނާ ސީރީޒާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ނެރެފަ އެވެ.