އުރަމަތީ ކެންސަރުގެ ނުރައްކަލަކީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލުތަކުގެ ތެރެއިން އޭގެ ނުރައްކާ ބޮޑުވެދާނެ މައްސަލައެކެވެ. އުމުރުން ދުވަސްވާ ވަރަކަށް އުރަމަތީ ކެންސަރުގެ ނުރައްކާ ބޮޑުވެ އެވެ. ނަމަވެސް ލައިފްސްޓައިލަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އެންމެ ޒުވާން އުމުރުގައި ވެސް ބްރެސްޓް ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ އެވެ.
ތިރީގައި މި ހިމަނާލަނީ އުރަމަތީގެ ކެންސަރުން ރައްކާތެރިވެ ތިބުމަށް ހަމަ ކޮންމެ އަންހެނަކަށް ވެސް ކުރެވިދާނެ 10 ކަމެކެވެ. އޮކްޓޯބަރު މަހަކީ ބްރެސްޓް ކެންސާ އެވެއާނެސް މަންތުކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
ފަލަވުމަކީ ނުވަތަ ހަށިގަނޑު ހުންނަން ޖެހޭ ސައިޒުން ކަޓައިގެން ގޮސް އޯވަވެއިޓްވުމަކީ ސިއްހަތަށް ނިކަން ނުރައްކާ ބޮޑު ކަމެކެވެ. ސިއްހީ ގިނަ މައްސަލަތަކެއް މެދުވެރިކުރުވާ ކަމެކެވެ. އެގޮތުން މިއީ އުރަމަތީގެ ކެންސަރަށް ވެސް ދޮރު ހުޅުވައިދޭ ސިއްހީ ބޮޑު މައްސަލަ އެކެވެ.
ބްރެސްޓް ކެންސާ ޖެހިފައިވާ މީހަކު ނުވަތަ އޭގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހަކު އާއިލާގައި އުޅޭތޯ ބަލާށެވެ. އެފަދަ މީހަކު އާއިލާގައި އުޅޭ ނަމަ ތިމާ އަށް ބްރެސްޓް ކެންސަރުގެ ނުރައްކާ ބޮޑުވާނެކަން ދަންނަން ޖެހޭނެ އެވެ. ސަބަބަކީ ބައެއް ޒާތުގެ ބްރެސްޓް ކެންސަރަކީ ޖެނެޓިކް މައްސަލައަކަށްވާތީ އެވެ.
އުރަމައްޗަށް ކެންސަރު ނުޖެހެނީސް އެމެރިކާގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީގެ ދެ އުރަމަތި ވެސް ކަފައި ނަގާލީ އޭނާ އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެންނެވެ. ޖޯލީގެ މަންމަ މަރުވީ ބްރެސްޓް ކެންސަރު ޖެހިގެންނެވެ.
އަމިއްލަ އަށް އުރަމަތި ބަލައި ދިރާސާކުރުމަށް ވުރެ ވަކި ރަނގަޅު ކަމެއް ނޯންނާނެ އެވެ. ތިމާގެ އުރަމައްޗަށް ބަދަލުތަކެއް އަންނަ ނަމަ އެކަން އެންމެ ފަސޭހައިން ފާހަގަކުރެވޭނީ އަމިއްލަ މީހާ އަކަށް ނޫން ހެއްޔެވެ؟ އެހެންވީމަ އެފަދަ ސިއްހީ ބަދަލުތަކެއް އަންނަތޯ ބަލަން އަބަދުވެސް ޗެކްކުރަން ޖެހޭނެ އެވެ.
ރަލާއި މަސްތުވާތަކެއްޗަކީ ދިވެހިންގެ މެދުގައި ވެސް މިއަދު ގަދަ އަށް ވަކި ހިއްޕާލާފައިވާ ބާވަތްތަކެވެ. ވަކިން ހާއްސަކޮށް ޒުވާން އަންހެން ކުދިން މި މަސްތުވާތަކެތީގައި ޝިކާރަވަމުންދާކަން ފާހަގަކޮށްލެވެ އެވެ.
ރަލަކީ ކެންސަރުގެ ނުރައްކާ ބޮޑުކޮށްދޭ އެއްޗެކެވެ.
ކަސްރަތު ކުރުމަކީ ހަމައެކަނި ހިކުމަށް އޮތް ހައްލެއް ނޫނެވެ. ކެންސަރުން ސަލާމަތްވުމަށް ވެސް އޮތް މަގެކެވެ. މިއީ ދިރާސާތަކުން ސާބިތުވެފައިވާ ކަމެކެވެ. ކޮންމެ ދުވަހަކު ވެސް 30 މިނެޓްގެ ކަސްރަތު ލިބިގަތުމަށް މަސައްކަތްކުރާށެވެ.
ވަރަށް ގިނަ މީހުންނަކީ ބަޔަކު ކޮށްފާނެ މަލާމާތަކަށް ވިސްނައި ނުވަތަ މީހުން ދައްކަފާނެ ވާހަކަ އަކަށް ލަފާކޮށް އަމިއްލަ މީހާގެ ސިއްހީ ނުކުޅެދުންތެރިކަމުގެ ވާހަކަ ދެން ހުންނަ މީހާއާ ހިއްސާކުރަން ފަސްޖެހޭ މީހުންނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ބަލީގެ ވާހަކަ ވީހާ ވެސް ބޮޑަށް އެހެން މީހުންނަށް ކިޔައިދީގެން އަމިއްލަ ތަޖުރިބާ އިން ދެން ތިބި މީހުން ސަލާމަތްކޮށްދިނުމެވެ.
މިއީ ބްރެސްޓް ކެންސަރުގެ ނުރައްކާ އަންހެނުންނަށް ބޮޑުކޮށްދޭ މައްސަލައެކެވެ. އާންމުކޮށް ކެންސަރުގެ އަލާމާތްތައް ފެންނަން ފަށާނީ މިފަދަ ބޭސްތަކެއް ނަގާތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ފަހުންނެވެ.
ސިއްހީ އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށް ތަޖުރިބާކާރެއްގެ ލަފާ ހޯދުން ލަސްކުރުމަކީ ފުރާނަ އަށް ނުރައްކާވެދާނެ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ.
ދެންމެ ކިޔައި ތި ނިންމާލި ވާހަކަތަކަށް ފަހު ކުޑަކޮށް ހިތް ބިރުގަނެފައި އޮވެދާނެ އެވެ. އެކަމަކު ބިރު ގަންނާނެ ކަމެއް ނެތެވެ. އުރަމަތީގެ ކެންސަރަކީ އަންހެނަކަށް ވީމަ ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. އަދި އުމުރުން ދުވަސްވާ ނަމަ އޭގެ ބިރު ބޮޑުވެ އެވެ.
އެހެންވީމާ ލަސްނުކޮށް ރައްކާތެރިކަމުގެ ބެލްޓް ބާރުކޮށް ދުޅަހެޔޮ ލައިފްސްޓައިލަކަށް ތަބާވާށެވެ.