އަބްދުﷲ ޖިހާދު

ޗައިނާ އިން ލޯނު ނަގަނީ، އެ ލޯނުތައް ލުއިވީމަ: ޖިހާދު

Aug 11, 2020
3

ޗައިނާ އިން ލޯނު ނަގަނީ އެ ލޯނުތައް ދައްކަން ދިގު މުއްދަތެއް ލިބިފައި އިންޓްރެސްޓް ރޭޓް ކުޑަވުމުން ކަމަށް ފިނޭންސް މިނިސްޓަރު ކަމާއި ގަވަރުނަރުކަން ކުރެއްވެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްވަކަމުން ފިނޭންސް މިނިސްޓްރީގައި 1985 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވި ޖިހާދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ޗައިނާ އިން ލޯނު ނަގަން ނިންމީ ދުނިޔޭގެ އެއްވެސް ތަނަކުން އެހާ ލުއިކޮށް ލޯނު ލިބެން ނެތުމުން ކަމަށެވެ.

"ކީތް ވެގެންތޯ ޗައިނާ އިން ލޯނު ނަގަނީ... އެ ލޯނުތަކުން ދައުލަތް ދަރާފާނެއޭ... މިއީ ރަނގަޅު ސުވާލެއް ކުރަން! އަޅުގަނޑު ހުރިއިރު ޗައިނާ އެގްޒިމް ބޭންކްއިން ލޯނު ނެގިން. އެއް ކަމަކީ ބްރިޖަށް ބޭނުންވާ ލޯނު. އެއް ކޮންޕޯނެންޓްއަކީ ގްރާންޓް [ހިލޭ އެހީ] އަނެއް ކޮމްޕޯނެެންޓަކީ ލޯނު. އެހެން ނަމަވެސް އެއީ ސޮފްޓް ލޯނެއް. ދިގު މުއްދަތެއްގައި ވަރަށް ކުޑަ އިންޓްރެސްޓެއްގައި ޕޭކުރާ ލޯނެއް. އެވަރުގެ ލޯނެއް އެހެން ފަރާތަކުން ދޭން އަޅުގަނޑު ބެލިއިރު ނެތް،" ޖިހާދު ވިދާޅުވި އެވެ

ޖިހާދު ވިދާޅުވި ގޮތުގައި ޗައިނާގެ ލޯނު ތަކަކީ ދައުލަތަށް މާބޮޑު ބުރައެއް އަންނާނެ ކަންކަމެއް ނޫން ކަމަށެވެ.

"ޑެޓް މިބަލަނީ، ޑެޓް އޭސް ޕަސެންޓޭޖް ޖީޑީޕީ ޑެޓް ސާވިސް ރޭޝިއޯ. މި ހުރިހާ އެއްޗެއް ބަލާފައި ނޫން ގޮތަކަށް އެއްވެސް އެއްޗެއް [ލޯނު] އެއް އެޕްރޫވްކޮށްފައެއް ނޯންނާނެ. ކޮންމެ ފަހަރަކު އައިއެމްއެފް ކޮންސެލްޓެންޓުން އައިސް ހުރިހާ އެއްޗެއް ވަރަށް ތަފުސީލްކޮށް ބަލާނެ. ހުރިހާ ލޯނުތަކެއް،" ޖިހާދު ވިދާޅުވި އެވެ.

ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދު ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުން ވެސް ލޯނު ދިނުމުގައި "ސިންގަލް އެކްސްޕޯޝާ ލިމިޓް" އެއް އިންނާނެ ކަމަށެވެ. އަދި ވިދާޅުވީ ލޯނަކީ މިއަދު ވެގެން އުޅޭކަމެއް ނޫން ކަމަށާ، މިއީ ޒަމާނުއްސުރެން ފެށިގެން ވެސް އެކަން އޮންނަ ގޮތް ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ލޯނު ބޭނުންވި ނަމަވެސް ސިންގަލް އެކްސްޕޯޝާ ލިމިޓެއް އިނދޭ. ޗައިނާ ސަރުކާރުން ލޯނެއް ދުލެއް ނުކުރާނެ ސިންގަލް އެކްސްޕޯޝާ ކަންޓްރީ ލިމިޓަށްވުރެ މައްޗަކަށް. ޗައިނާ ސަރުކާރުން ވެސް ލޯނު ދިން ނަމަވެސް ލިމިޓްގައި ހިފަހައްޓާނެ. އެއީ ސައޫދީ ކަމަށްވިއަސް ގަތަރު ވިއަސް ޔޫއޭއީ ވިއަސް،" ޖިހާދު ވިދާޅުވި އެވެ.

ފިނޭންސްގެ "ޑެޓް" ބަޔަށް ތައުރީފު

ޖިހާދު ވިދާޅުވީ ފިނޭންސް ކުރިއަރަމުން އައި ގޮތް "އަލިފުން ޔާއަށް" އެނގި ވަޑައިގަންނަވާ ކަމަށާ، ފިނޭންސްގެ ދަރަންޏާ ބެހޭ ބައިގައި މަސައްކަތް ކުރައްވާނީ އެންމެ ޕްރޮފެޝަނަލް ކުޅަފާނަ މުވައްޒަފުން ކަމަށެވެ.

"ޑެޓް މެނޭޖުމަންޓް ޑިޕާޓްމަންޓެއް ފިނޭންސް މިނިސްޓްރީގައި އޮވޭ. އެތާނގައި ތިބޭ ވަރަށް ޕްރޮފެޝަނަލް މުވައްޒަފުންތަކެއް. އެ ބޭފުޅުން މަސައްކަތް ކުރަނީ އައިއެމްއެފް އާއި ހަމަޖެހިފައިވާ މިންގަނޑުތަކުގެ ތެރެއިން. މި ދަނޑުވަޅުގައި ފާހަގަ ކުރަން މި ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕްރޮފެޝަނަލްކަން. މިއީ މިނިސްޓަރު އެކަނި ކުރައްވާ ކަމެއް ނޫން، މުވައްޒަފުންގެ ކެޕޭސިޓީން... ވަރަށް ޓްރޭންކޮށްފައި. ތަޖުރިބާ ހުރި ބޭފުޅުން، ވަރަށް ގިނަ ޑޯނާ އެޖެންސީތަކާ މުއާމަލާތް ކުރޭ،" ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނި 50 ޖީޑީޕީގެ ނިސްބަތުން 50 ޕަސެންޓުގައި ބެހެއްޓުން މުހިންމު ކަމަށާ، އެކަމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.