ހަބަރު

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެންއައިސީގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލެވޭނެ ކަމަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށެވެ. މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަންނަން ހަމަޖައްސާފައި ވަނީ ހެނދުނު 9:30 އިން 12:30 އަށް ރައީސް އޮފީހުންނެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު ސުލެއިމާން އިއްޔެ މަގާމުން ވަކިކުރުމުންނެވެ.

އެ ކޮމިޝަންގައި ދެން ތިއްބެވި ތިން މެމްބަރަކު އިސްތިއުފާ ދެއްވުމުން، މިދިޔަ މަހު ވަނީ ހުސްވި މަގާމުތަކަށް ކުރިމަތިލާން ވެސް ހުޅުވާލާފަ އެވެ. އޭރު އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައްސާން ހަމީދުއާއި، މެންބަރު ކަމުގައި ތިއްބެވި އަހުމަދު އަމީންއާއި، ހަދީޖާ އަބްދުﷲ އެވެ. އެންއައިސީގައި މިހާރު އިންނަވާނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން އަހުމަދު ޖިހާދު އެކަންޏެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އުފެއްދީ 2015 ވަނަ އަހަރެވެ.