ޓްރާންސްފާ މާކެޓް

ލޯން ޓްރާންސްފާގައި ކޫބޯ ވިޔަރެއާލްއަށް

ރެއާލް މެޑްރިޑްގެ ޖަޕާންގެ ފޯވަޑް ޓަކެފޫޝޯ ކޫބޯ ލޯން އެއްބަސްވުމުގެ ދަށުން ވިޔަރެއާލް އަށް ބަދަލު ވެއްޖެ އެވެ.

މިދިޔަ އަހަރު، ޓޯކިޔޯ އެފްސީން، ރެއާލް މެޑްރިޑުން ސޮއި ކުރުވި ކޫބޯ ލޯން އެއްބަސްވުމުގެ ދަށުން، ނިމިދިޔަ ސީޒަންގައި ކުޅުނީ ރެއާލް މަޔޯކާ އަށެވެ. ލޯން ޓްރާންސްފާގެ އަގުގެ ގޮތުގައި ވިޔަރެއާލް އާއި މެޑްރިޑާ ދެމެދު އެއްބަސްވީ ތިން މިލިއަން ޔޫރޯ އެވެ.

ރެއާލްގެ ވިސްނުމަކީ ކޫބޯ،19 އަށް ފުރަތަމަ 11 ގައި ކުޅެވޭނެ ކުލަބަކުން ފުރުސަތު ދީ އޭނާ އިތުރަށް ތަރައްގީ ވާން ފުރުސަތު ހޯދައިދިނުމެވެ. ރެއާލްއިން ވަނީ މީގެ ކުރިން އެހެން ބައެއް ކުޅުންތެރިންގެ ރެކްރޫޓެމެންޓްވެސް އެގޮތަށް ކުރިއަށް ގެންގޮސްފަ އެވެ. މާކޯ އެސެންސިއޯ ސޮއި ކުރުމަށް ފަހުވެސް ރެއާލްއިން ވަނީ އޭނާވެސް ލޯން އުސޫލުން އެހެން ކުލަބުތަކަށް އޭނާ ފުރުސަތު ހޯދައިދީފަ އެވެ. އަދި މިހާރު ރެއާލް ސޮސީޑާޑްގެ މިޑްފީލްޑާ މާޓެން އޮޑެގާޑްވެސް ހޭދަ ކުރަނީ އެ މަރުހަލާގަ އެވެ.

އާ ކޯޗް އުނައި އެމެރީ އާއެކު އަންނަ ސީޒަނަށް ތައްޔާރުވާ ވިޔަރެއާލްއިން ފުރަތަމަ ސޮއި ކުރުވި ކުޅުންތެރިޔަކީ ކޫބޯ އެވެ. އެހެންނަމަވެސް އިތުރު ދެ ކުޅުންތެރިންގެ ޓްރާންސްފާ އާ ވަރަށް ކައިރިއަށް އެ ޓީމުން ވަނީ ގޮސްފަ އެވެ. ވެލެންސިއާގެ ކެޕްޓަން ޑެނީ ޕަރޭހޯ އާއި އެ ޓީމުގެ މިޑްފީލްޑާ ފްރެންސިސް ކޮކުލެން ވިޔަރެއާލް އާ ގުޅޭނެ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ.

ލަލީގާގެ ފަސް ވަނައިގައި ނިންމާލުމުން، އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ވިޔަރެއާލްއަށް ވަނީ ފުރުސަތު ލިބިފަ އެވެ. ކޫބޯ ޓްރާންސްފާއަށް ރެއާލްއިން އެންމެ ފުރަތަމަ ބެލީ ޗެމްޕިއަންސް ލީގް ކުޅޭ ޓީމަކުން ފުރުސަތު ހޯދައިދިނުމަށެވެ. އެގޮތުން ސެވިއްޔާ އާއެކު ވާހަކަތައް ކުރިއަށް ގެންދިޔަ އެވެ. ސެވިއްޔާ އާއެކު ވާހަކަތައް ހުއްޓުނީ ލޯން އެއްބަސްވުން ނިމުމަށް ފަހުވެސް އެކުލަބުން ބޭނުންވެއްޖެނަމަ ކޫބޯގެ ސޮއި ކުރުމުގެ އިހްތިޔާރު އެކުލަބަށް ލިބޭގޮތަށް ޝަރުތު ކުރުމުންނެވެ. ރެއާލްއިން ވަނީ އެ ހުށަހެޅުން ގަބޫލު ނުކުރާ ކަމަށް ބުނެ ވާހަކަތައް ހުއްޓާލާފަ އެވެ.