ދުނިޔެ

ގައިދީންގެ ޓީމަކުން ހާވަޑް ކޮލެޖުގެ ބަހުސް ޓީމު ބަލިކޮށް ލަދުގަންނަވާލައިފި!

Oct 8, 2015

މިއީ ގަބޫލުކުރަން ވެސް ދަތި ވާހަކައެއް، އެހެން ނޫންތޯ އެވެ؟ ނަމަވެސް ހަގީގަތަކީ މިފަހަރުގެ ރޭހުގައި ކުރި ލިބުނީ ގައިދީންގެ ޓީމަށް ކަމެވެ.

އެމެރިކާގެ އަދި ދުނިޔޭގެ ވެސް އެންމެ ޝަރަފްވެރި އަދި އެންމެ ގަދަރުވެރި ތައުލީމީ އިންސްޓިޓިއުޓްގެ ގޮތުގައި ދެމިހުރި ހާވަޑް ޔުނިވާސިޓީގެ ހާވަޑް ކޮލެޖުގެ މަޝްހޫރު ބަހުސް ޓީމު ބަލިކުރީ ނިއު ޔޯކްގެ އީސްޓާން ކަރެކްޝަނަލް ފެސިލިޓީގެ ގައިދީންނެވެ. އެމީހުން ހާވަޑްގެ ދަރިވަރުންތަކެއްގެ މައްޗަށް ކުރި ހޯދީ އެމެރިކާގެ ބާޑް ކޮލެޖުން ގައިދީންނަށް ކޮލެޖުގެ ތައުލީމު ދިނުމަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއްގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހާވަޑް ކޮލެޖުގެ މަޝްހޫރު ޑިބޭޓިން ޔޫނިއަން ގްރޫޕަށް ދައުވަތު ދިނީ ގައިދީންގެ ޓީމުންނެވެ. އެމީހުން ބަހުސްކުރީ ލިޔެކިޔުންތަކުން އެނގެން ނެތް ދަރިވަރުންނަށް އެމެރިކާގެ ސްކޫލްތަކުން ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނާ މައުޟޫއަކަށެވެ.

މި މައުޟޫއަށް ބަހުސްކޮށް ބަލިވުމުން އެކަން ރަސްމީކޮށް ގަބޫލުކޮށް ހާވަޑް ކޮލެޖުގެ ޓީމުން ވަނީ ގައިދީންގެ ޓީމަށް ތައުރީފުކޮށް އެމީހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޕޯސްޓެއް ވެސް ޝާއިއުކޮށްފަ އެވެ.

މި ގައިދީންގެ ޓީމަކު ހާވަޑްގެ ބަހުސް ޓީމު ބަލިކޮށްފައިވާއިރު ގައުމީ ފެންވަރުގައި ރޭންކްކޮށްފައިވާ އެހެން ބަހުސް ޓީމުތައް ވެސް ގައިދީންގެ ޓީމުން ބަލިކޮށްފައިވެ އެވެ. އެގޮތުން ޔުނިވާސިޓީ އޮފް ވާމޮންޓް އާއި ޔޫ އެސް މިލިޓަރީ އެކަޑެމީ އިން ވެސްޓް ޕޮއިންޓްގެ މައްޗަށް ވެސް މީގެ ކުރިން ކުރި ހޯދާފައިވެ އެވެ.

 ބާޑް ކޮލެޖުން ގައިދީންނަށް ހާއްސަކޮށްގެން ހިންގާ މި ޕްރޮގްރާމްގައި 300 ގައިދީން ރަޖިސްޓްރީކޮށްފައިވެ އެވެ. މި ޕްރޮގްރާމްގެ ދަށުން ގިނަ ގައިދީންތަކެއް ދަނީ އަލުން މުޖުތަމަ އަށް ދޫކުރަމުންނެވެ.