ހަބަރު

ވެރިކަން ގެއްލުމާ އެކު ރާޖަޕަކްސަގެ ކޮއްކޮ ރާއްޖެ އަށް!

ސްރީ ލަންކާގައި ނިމިގެން ދިޔަ ފޯރިގަދަ ރިއާސީ އިންތިޚާބުގައި ރައީސް މަހިންދަ ރާޖަޕަކްސަ ނާކާމިޔާބުވެ، އިދިކޮޅު ލީޑަރު މައިތިރިޕަލަ ސިރިސޭނާ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމާ އެކު ރާޖަޕަކްސަގެ އާއިލާގެ މެމްބަރުން ލަންކާ ދޫކޮށް ހިމާޔަތުގެ އައްސޭރިތަކަށް ދަތުރު ފައްޓަވައިފި އެވެ.

އެގޮތުން ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާޖަޕަކްސަގެ ކޮއްކޮ އަދި އޭނާގެ ސަރުކާރުގައި ދިފާއީ ވަޒީރުކަން ކުރެއްވި ގޮތަބަޔާ ރާޖަޕަކްސަ ވަނީ ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި މިހާރު ރާއްޖެ ވަޑައިގެންފަ އެވެ. އިތުރުބާރުހުރި ފަރާތްތަކާ ހަވާލާދީ ކޮލަމްބޯ ޓެލެގްރާފުގައި މި ވާހަކަ ޖަހާފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުން ރާޖަޕަކްސަގެ ދަރިކަލުންތައް މިހާރު ވީ ޗައިނާގަ އެވެ.

ޗައިނާ އާއި ރާއްޖެ އަކީ މި ސަރަހައްދުން ލަންކާ ސަރުކާރާ އެންމެ ގުޅުން ބޮޑު ދެ ގައުމުކަން ފާހަގަކޮށްލަން ޖެހެ އެވެ. ވަކިން ހާއްސަކޮށް ރާޖަޕަކްސަގެ ވެރިކަމުގައި ރާއްޖެ އަދި ޗައިނާ ވެސް ލަންކާއާ ކުރިއަށް ވުރެ ބޮޑަށް ގާތަށް ޖެހިފައިވެ އެވެ.

ރާޖަޕަކްސަގެ ކޮއްކޮ ރާއްޖެ ވަޑައިގެންފި ކަމަށް ބުނެ ލަންކާގައި ޚަބަރު ފެތުރިފައިވީ ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒު ވިދާޅުވީ ލަންކާގެ ސިޔާސީ މަސްރަހާ ގުޅިގެން އެގައުމުގެ އެއްވެސް ފަރާތަކުން ރާއްޖޭގެ ހިމާޔަތަކަށް ވެސް އެދިފައި ނުވާ ކަމަށެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހްގެ ގާތް ފަރާތަކާ ހަވާލާދީ ކޮލަމްބޯ ޓެލެގްރާފުގައި ބުނެފައި ވަނީ އިންތިޚާބުގައި ބަލިވާނެކަން ޔަގީންވުމުން ރާޖަޕަކްސަ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވައި ވޯޓްގެ ނަތީޖާ އަނބުރާލެއްވުމަށެވެ.

ނަމަވެސް އެކަން ކާމިޔާބުނުކުރެވުނީ އެޓާނީ ޖެނެރަލް އެކަމަށް ހުރަސް އެޅުއްވުމުން ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެންމެފަހުން ރާޖަޕަކްސަގެ އާއިލާގެ މެމްބަރުން ގައުމު ދޫކޮށް ވަޑައިގަތުމުގެ ހުއްދަ ލިބިފައި ވަނީ ސިޔާސީ އިސް ފަރާތްތަކާ އެކު ކުރިއަށް ގެންދެވި ސުލްހަވެރި ވާހަކަތަކަށް ފަހު އެވެ.

ލަންކާގެ އެތެރޭގައި އެންމެ ފަހުވަގުތު ސިޔާސީ ކޯޅުންގަނޑެއް ހިނގާފާއިވާ ކަމުގެ އަޑު އަރާފައިވާއިރު ސިރީސޭނާ މާ އަވަހަށް ރައީސް ކަމުގެ ހުވާ ކުރެއްވުމަކީ ވެސް ދެކެވޭ ވާހަކަތަކަށް ބާރު ދޭ ކަމެކެވެ. ރައީސް ކަމުގެ ހުވާކުރެއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މާދަމާ އެވެ.