ދުނިޔެ

ޓޮޔޯޓާއިން ޑްރައިވަރަކާ ނުލާ ދުވާ ކާރު ޓެސްޓް ކޮށްފި

Oct 8, 2015

ކާރު ކުންފުނި ޓޮޔޯޓާއިން ޑްރައިވަރަކާ ނުލާ ދުވާ ކާރު ޖަޕާނުގެ ހައިވޭ އެއްގައި ޓެސްޓު ކޮށްފި އެވެ.

މިއީ ޓޮޔޯޓާގެ ލެކްސަސް ޖީއެސް މޮޑިފައިކޮށް، ދުއްވާ މީހަކާ ނުލާ އޮޕަރޭޓް ކުރާ ގޮތަށް ހަދާފައިވާ ކާރެކެވެ.

އަމިއްލައަށް ހައިވޭއަށް އެރުމާއި، ލޭން ބަދަލު ކުރުމާއި، އެހެނިހެން ވެހިކަލްތަކާ ދެމެދު ބަހައްޓަން ޖެހޭ ދުރުމިން އަމިއްލައަށް ދެނެގަތުމުގެ ގާބިލްކަން މި ކާރަށް ލިބިފައިވެއެވެ.

ޓޮޔޯޓާއިން ބުނީ މި ކާރުގެ ބޭރުގައި ހަރުކޮއްފައި ހުންނަ ސެންސަރު ތަކުން ވަށައިގެންވާ ވެހިކަލްތަކާއި މަގުމަތީގައި ހުންނަ ބޯޑުތައް ދެނެގަންނާނެ ކަމަށެވެ. އަދި ދަތުރުކުރުމަށް ބޭނުންވާ މަންޒިލަށް އެންމެ ފަސޭހައިން ކުރުކޮށް ދެވެން އޮތް މަގުވެސް މި ކާރު އަމިއްލައަށް ދެނެގަންނާނެ ކަމަށެވެ. ކާރުން އެއްކުރާ މިފަދަ މައުލޫމާތުތަކުގެ އެހީގައި އިންސާނަކު ކާރު ދުއްވާ ގޮތާ ދާދިއެއްގޮތަކަށް މި ކާރު އަމިއްލައަށް އަމަލު ކުރާނެ ކަމަށް ޓޮޔޯޓާއިން ވަނީ ބުނެފައެވެ.

ޓޮޔޯޓާގެ އިތުރުން ނިސާން، ޖެނެރަލް މޮޓޯޒް އާއި ގޫގްލް އިންވެސް ޑްރައިވަރަކު ބޭނުންނުވާ މިފަދަ ކާރުތައް ތަރައްގީ ކުރަމުން ދެއެވެ.

ޓޮޔޯޓާ ކާރު 2020 ގައި ބާޒާރަށް ނެރުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.