ޓްރާންސްފާ މާކެޓް

ސައުތުހެމްޓަންގެ ހޮއިބިއާ ޓޮޓެންހަމްއަށް

ސައުތުހެމްޓަންގެ މިޑްފީލްޑާ ޕިއާ އެމީލް ހޮއިބިއާގް ޓޮޓެންހަމް ހޮޓްސްޕާސްއަށް ބަދަލު ވެއްޖެ އެވެ.

އިއްޔަ ސްޕާސްގެ މެޑިކަލް ފުރިހަމަ ކުރުމަށް ފަހު ހޮއިބިއާ، 25 ވަނީ އުތުރު ލަންޑަންގެ ކުލަބާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އޭނާގެ ޓްރާންސްފާއަށް ސްޕާސްއިން ހަރަދު ކުރީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފަ އެއް ނުވެ އެވެ.

ދަ ގާޑިއަން ނޫހުން ލާފާ ކޮށްފައި ވަނީ، ކުރިން ބަޔާން މިޔުނިކްގައި ހޭދަ ކުރި މިިޑްފީލްޑަރުގެ ޓްރާންސްފާ އަށް ޓޮޓެންހަމްއިން 15 މިލިއަން ޕައުންޑް ހޭދަ ކޮށްފައި ވާނެ ކަމަށެވެ. އަދި ދެ ކުލަބުގެ ދެމެދުގައި ކުރެވުނު ޓްރާންސްފާގެ ވަކި މުއާމަލާތެއްގެ ގޮތުގައި 12 މިލިއަން ޕައުންޑަށް ސްޕާސްގެ ޑިފެންޑަރު ކައިލް ވޯލްކާ ޕީޓާސް ސައުތުހެމްޓަން އަށް ވަނީ ދާއިމީ ކޮށް ބަދަލު ވެފަ އެވެ. މިދިޔަ ސިޒަންގެ ދެ ވަނަ ޕީރިއަޑް ލޯން އެއްބަސްވުމުގެ ދަށުން ޕީޓާސް ހޭދަ ކުރީ ސައުތުހެމްޓަންގަ އެވެ.

ސްޕާސްއަށް ބަދަލު ވުމަށް ފަހު އެ ކުލަބުގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ހޮއިބިއާ ބުނީ ޓޮޓެންހަމްގައި ދުނިޔޭގެ ފެންވަރުގެ ޓީމެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކޯޗެއްވެސް އެބަހުރި ކަމަށެވެ. ޓޮޓެންހަމް އާމެދު އޭނާ ޝައުގުވެރިވާ އެއް ސަބަބަކީ އެއީ ކަމަށް އޭނާ ބުންޏެވެ.

ޑެންމާކުގެ މިޑްފީލްޑާ އިންގްލެންޑަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. ބަޔާން މިޔުނިކްގައި އޭނާ ވަނީ މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުން މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ސައުތުހެމްޓަން އަށް ގާތްގަނޑަކަށް 100 މެޗު ކުޅެފަ އެވެ.