ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

10 މީހަކު އައިސީޔޫގައި، ދެ މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 150 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން 10 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 150 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 139 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 10 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރުގައިވެސް މީހަކަށް ވަނީ ފަރުވާ ދެމުންނެވެ.

ނަޒްލާ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 10 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް ފަސް ދަނީ ފަރުވާ ދެމުންނެވެ.

މާބަނޑު އަންހެނުންނަށް ހާއްސަކޮށްގެން ޑީއެޗް16 ގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައިވެސް ފަސް މީހަކަށް ވޯޑްގައި ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތެރޭގެ ފެސިލިޓީއަކުން ފުރަތަމަ ފަހަރަށް މީހަކު ރަނގަޅުވުން

ޑރ. ނަޒްލާ މިރޭ ވިދާޅުވީ ށ. ފުނަދޫ ކޮވިޑް ސެންޓަރުގައި ފަރުވާ ދެމުންދިޔަ މީހާ ބަލިން ރަނގަޅުވެގެން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. މިއީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ސެންޓަރަކުން ބަލި މީހަކު ރަނގަޅުވި ފުރަތަމަ ފަހަރެވެ.

ފުނަދޫ ސެންޓަރުގައި ފަރުވާ ދެމުންދިޔައީވެސް އުމުރުން ދުވަސްވީ މީހަކަށެވެ.

"މިއީ އަޅުގަނޑުމެންގެ ފެސިލިޓީތަކުގައި މިކަމަށް ކޭޓަކުރުމުގެ ކެޕަބިލިޓީ ހުރިކަން އަންގައިދޭ ކަމެއް،" ނަޒްލާ ވިދާޅުވިއެވެ.