މި ދުވަސްކޮޅު ޓްރެންޑްވާ ކާނާއަކަށް ބަލާއިރު ޑަމްޕްލިންސް އަކީ ފާހަގަ ކޮށްލެވޭ އެކައްޗެވެ. ޑަމްޕްލިންސް މިއީ ވަރަށް ގިނަ ގައުމުތަކުގެ ކެއުމުގެ ތެރޭގައި ހިމެނޭ ވެސް ބާވަތެކެވެ. ޑަމްޕްލިންސް އާއްމު ގޮތެއްގައި ފެންނަނީ އާވިން ކައްކާފައިވާ ފުށްކޮޅެއްގެ އެތެރެއަށް އަޅާފައިވާ ސްޓަފިން އެެކެވެ.
ފުށްކޮޅުގެ އެތެރެއަށް އަޅާފައިވާ ހުންނަނީ ކޮންމެވެސް ކަހަލަ މަހުގެ ބާވަތެކެވެ. އެހެން ނަމަވެސް ސްޕްރިން ރޯލް ހަދާ ގޮތަަށް ހުސް ތަރުކާރީ އާއި އެކުވެސް ޑަމްޕްލިންސް ހަދަ އެވެ. ތަވާގައި ހާކާލާ ކުޑަ ތެޔޮކޮޅެއްގައި ތެއްލައިގެންނާއި އަދި ފެނުގައި ކައްކައިގެން ވެސް ޑަމްޕްލިންގް ހަދަ އެވެ.
ޑަޕްމްލިންސް އިތުރަށް ފުރިހަމަކޮށްދީ އަނގަޔަށް މީރު ކޮށްލައި ދެނީ އެކުގައި ޑިޕްކޮށްގެން ނުވަތަ ޖައްސާލައިގެން ކާން ބޭނުންކުރާ ސޯސް އެވެ. ކުޅި ރަހައެއްލާ ހާއްސަ ސޯސް އެކި މީހުން އެކި ގޮތްގޮތަށް ހަދަ އެވެ.
އެއްބަޔަކު ސޯޔާ ސޯސް އާއި މިރުސް ލައިގެން ހަދާއިރު އަނެއް ބަޔަކަށް ކަމުދަނީ ޓޮމާޓޯބޭސް އެއްގައި ހަދާފައި ހުންނަ ސޯސް އެވެ. ފާހަގަ ކޮށްލެވެނީ އިނގުރުގެ ރަހަ އަދި ހުތް ރަހަ އާއެކު ކުޅި ހެޔޮވަރުކޮށްފައި ހުންނަ މި ސޯސްއަކީ ވަރަށް ގިނަ މީހުންނަށް މާ ކަމުދާ ރަހައެއް ކަމެވެ.
ދިވެހި ޒަމާންވީ އެއް ހެދިކާ ކަމުގައި ހަވާދުލީ ބިހަކީ ހެދިކާގެ ތެރެއިން ޑަމްޕްލިންއާ ގާތް ކުރާ ތިމާގެ ގޮތެއް ހުރި ދިވެހި އެއްޗެކެވެ. ޑަމްޕްލިންސް އާއި އަޅާކިޔާއިރު އެއްގޮތް ވަނީ ފުށްގަނޑު ކައްކާ ބޭރުގައި ސޯސް ހާކާތީ އެވެ.
އެހެން ނަމަވެސް ހަވާދުލީ ބިހުގެ ބޭރުގައި ހާކާއި ހަވާދެއް މިއަކު ނުހުރެ އެވެ. އަދި އެތެރެއަށް އަޅާ ހުންޏެއް ވެސް ޑަމްޕްލިންގައި ނުހުރެ އެވެ. އާވިން ކައްކާ އެހެން ހެދިކާ އެއްވެސް ދިވެހިންގެ ތެރޭގައި ޒަމާނުންސުރެ އޮވެ އެވެ. އެއީ ހުނިހަކުރެވެ. އެކަމަކު މިދުވަސްކޮޅު ވައިގައި ހިފައިގެން އުޅޭ ޑަމްޕްލިން އާއި ހުނިހަކުރާ ތަފާތު ވަނީ ޑަމްޕްލިންސްގައި ލާ "މޮޅު" ކުޅި ރަހައިންނެވެ.
ޑަޕްމްލިންސް ބޮޑަށް ބުރަވަނީ ލުއި ކާނާއެއްގެ ގޮތަށެވެ. ކާލަން ވެސް ހަމަ ސަޅިއެވެ. މި ދުވަސްކޮޅު ޑަމްޕްލިންސް އަށް މިހާ ބޮޑަށް ވައިގައި ހިފައިގެން އުޅެނީ ކީއްވެ؟
ހޯމްމޭޑް ޑަމްޕްލިންސް ހަދާ ވިއްކާ ޒުވާނެއް ކަމުގައިވާ ފާތިމަތު ހިމާ ވަހީދު (ހިމޫ) ބުނާގޮތުން މިއީ އާއްމުކޮށް މާލެއިން ލިބޭ އެއްޗެއް ނޫނެވެ. އޭނާ ބުނާގޮތުގައި ޒުވާނުންގެ މެދުގައި ޑަމްޕްލިންގ ބޮޑަށް ހިނގަނީ ކިޔަވަން އުޅޭއިރު ޔުނީ ކެފެޓީރިއާ ފުޑް މިސްވާ މީހުންނާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް ތަފާތު އެކި އެކި ސްޓްރީޓް ފުޑަށް ދެވިހިފާފައިވާ މީހުންނަށް ލޮކްޑައުންގެ ސަބަބުން ތަފާތު އެއްޗެއް ކާލާން ވެގެން ވެގެނެވެ. އެގޮތަށް ޓްރައިކޮށްލަނީ ހެން ހީވެ އެވެ.
ކެއުމަކީވެސް ޒާތެއްގެ އެޑްވެންޗާއެކެވެ. އާ ރަހަތަކާއި އާ އެއްޗެހި އަޖުމަ ބަލަން މީހުން ތައްޔާރެވެ. ހިމޫ ބުނާ ގޮތުން މިއީ އޭނާ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނު އިރު ޔުނިވާސިޓީ ކެފެޓީރިއާއިން ކެއި އެއްޗެކެވެ. އެދުވަސްވަރު އޭނާއަށް ވަރަށް މީރުވި އެއްޗެއް ވެސް މެއެވެ. ގޭގައި ހަދަން ޓްރައިކޮށްލާ ދެތިން ރައްޓެހިން ރަހަބަލާ އޯޑަރު ދޭން ފެށީ އެވެ.
މިހާރު ހިމޫ އޭނާގެ ސޯޝަލް މީޑިއާ ޓްވިޓާ އަދި އިންސްޓަގްރާމް އިން ކުރާ ވިޔަފާރިއަކީ ވެސް މިއީ އެވެ. އަމިއްލަ ހޭޝްޓެގެއްގައި ހެދި "#ޑަމްޕްލިންގްސްފޯޔޯސޯލް" ހިޓަކަށްވީ އެވެ. ސޯޝަލް މީޑިއާގެ "ބުންޏޭ ބުންޏޭ" މާކެޓިން ތެރެއިން އޭނާ ހަދާ ޑަމްޕްލިން މިހާރު ގިނަބަަޔަކަށް ތައާރަފުވީ އެވެ. އަމިއްލަ ރެސިޕީއަކަށް ހަދާ ސޯސް ވެސް ކަމުދިޔައީ އެވެ.
ހިމޫ ބުނި ގޮތުގައި އޭނާގެ ޑަމްޕްލިންގްސްއަށް ބޮޑު ތަރުހީބެއް އޮވެ އެވެ. އޯޑަރަށް ދުވާލެއްގެ މައްޗަށް 200 އެއްހާ ޑަމްޕްލިން އޭނާ ހަދައެވެ.
ޑަމްޕްލިން އަކީ ޒުވާނުންގެ މެދުގައި މަގުބޫލް ޓީވީޝޯއެއް ކަމުގައިވާ ބިގްބޭން ތިއަރީގައި ވަރަށް ގިނައިން ކާ މަންޒަރު ދައްކާ އެއްޗެއްކެވެ. އެހެން ކަމުން ފަހަރުގައި ޝެލްޑަން ފޭންސްއަށް ވެސް ޑަމްޕްލިން ކަމުދަނީކަން ނޭނގެ އެވެ. ކޮންމެޔަކަސް ކޮންމެވެސް އެއް ސަބަބަކާއި ހެދި މިދުވަސްވަރު ޑަމްޕްލިންސް ވަރަށް ގަދައަށް ހިނގަ އެވެ. ބަނބުކެޔޮ މޫސުމުގައި ބަނބުކެޔޮ ޑަބިޔާ ފެންނަ ގޮތަށް ސޯޝަލް މީޑިއާގައި މިދުވަސްކޮޅު އެންމެ ހިނގާ އަދި ވައިގައި ހިފައިގެން އުޅޭ ކާނާ ގޮތުގައި މިއޮތީ ޑަމްޕްލިންސް އެވެ.