މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރި ދެ ލަނޑުން، އެޓަލާންޓާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ޕީއެސްޖީ ދަތުރު ކޮށްފި އެވެ.
ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގެ ބެންފީކާގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެޓަލާންޓާއިން ވަނީ މެޗުގެ 26 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. ދުފާން ޒަޕާޓާ ދިން ބޯޅައިން ލަނޑު ކާމިޔާބު ކުރީ މާރިއޯ ޕަސަލިޗް އެވެ. އޭރިއާގެ ތެރެއިން ޒަޕާޓާ ދިން ބޯޅަ ޕަސަލިޗް ފޮނުވާލީ ގޯލްގެ މަތީ ކަނަށް އަމާޒު ކޮށެވެ.
މުޅި މެޗުގައި ވެސް ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއދި އެވެ. އެޓަލާންޓާގެ ގޯލް ފޫއަޅުވާލުމުގައި ނޭމާއަށް ވެސް ކާމިޔާބެއް ނުހޯދުނެވެ. އޭނާ ވަނީ ނުރައްކާތެރި ގިނަ ބޯޅަަތަކެއް އެޓަލާންޓާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
ޓީމުގެ ޓްރޭނިންގައި ކުޅުންތެރިންނާއެކު ޓްރޭނިން ކުރިއަށް ދަނިކޮށް އަނިޔާވި، ޕީއެސްޖީގެ ކޯޗް ތޯމަސް ޓުހުލް ވަނީ، ފްރެންޗު ކަޕްގެ ފައިނަލުގައި އަނިޔާވެގެން ކުޅުމާ ދުރައްދާން ޖެހުނު ކިލިޔަން އެމްބާޕޭ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނެރަފަ އެވެ. ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 90 ވަނަ މިނެޓްގައި މާކިނިއޯސް ކާމިޔާބު ކުރި ލަނޑުންނެވެ. އޭރިއާގެ ތެރޭގައި ހުރެފައި ނޭމާ އެޓަލާންޓާގެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ މާކިނިއޯ ވަނީ ބޯޅަ ގޯލްގެތެރެއަށް ވައްދާލަފަ އެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުން އެކްސްޓްރާ ޓައިމްއަށް ދާނެ ކަމަށް ބެލެވުނެވެ. މެޗުގެ އިންޖަރީ ޓައިމްގެ ތިން ވަނަ މިނެޓްގައި އެމްބާޕޭ ނަގައިދިން ބޯޅައިން ލަނޑު ކާމިޔާބު ކުރީ އެރިކް މެކްސިމް ޗުޕޯމޮޓިން އެވެ.
ސެމީ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ، މިރޭ ކުޅޭ ކްއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާއި ލައިޕްޒިގް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.