ޓްރާންސްފާ މާކެޓް

ވެލެންސިއާގެ ޕަރޭހޯ އާއި ކޯކްލޭން ވިޔަރެއާލްއަށް

ސްޕެއިންގެ ވެލެންސިއާގެ ދެ މިޑްފީލްޑަރުން ކަމަށް، އެ ކުލަބުގެ ކެޕްޓަން ޑެނީ ޕަރޭހޯ އާއި ފްރެންޗިސް ކޯކްލެން، ވާދަވެރި ވިޔަރެއާލްއަށް ބަދަލުވެއްޖެ އެވެ.

ވިޔަރެއާލްގެ ކޯޗް ކަމާ މިދިޔަ މަހު އުނައި އެމެރީ ހަވާލުވި ފހުން، މިދިޔަ އެއް ހަފުތާގައި ޓްރާންސްފާ މާކެޓްގައި އެ ކުލަބު ފެންނަނީ ހަރަކާތްތެރި ކޮށެވެ. ސްޕެއިންގެ ބިލިއަނަރު ފެނާންޑޯ ރޮއިގްގެ އޯނާޝިޕް އޮންނަ ކުލަބަކަށް ވިޔަސް ޓްރާންސްފާ މާކެޓްގައި އަގުބޮޑުކޮށް ހޭދަ ކުރުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. ޓްރާންސްފާއަށް އޭނާ ކަނޑައަޅާފައި ވަނީ ލިމިޓެޑް ބަޖެޓެކެވެ. އެހެންނަމަވެސް އަންނަ ސީޒަންގައި ސްޕެއިންގެ އެންމެ ވަރުގަދަ ތިން ކުލަބު ރެއާލް މެޑްރިޑް، ބާސެލޯނާ އެތުލެޓިކޯ މެޑްރިޑާ ވާދަ ކުރުމުގެ ވިސްނުން ގެންގުޅޭތީ ބަޖެޓަށް ފެތޭވަރުގެ ކުޅުންތެރިން ގެނައުމަށް އޭނާ ވަނީ ދަނީ މަސައްކަތް ކުރަމުންނެވެ.

ވެލެންސިއާގެ ލޯކަލް ވާދަވެރިޔާ، ވިޔަރެއާލް އަށް ޕަރޭހޯ ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ކޯކްލެންގެ ޓްރާންސްފާއަށް ވިޔަރެއާލްއިން ހަރަދު ކުރީ އަށް މިލިއަން ޔޫރޯ އެވެ. އަމިއްލަ ސިޓީގެ ވާދަވެރި ކުލަބަށް ވެލެންސިއާގެ އެންމެ މުހިންމު ކުޅުންތެރިން ދޫކޮށްލުމުން ވެލެންސިއާގެ ސަޕޯޓަރުން ވަނީ އެ ކުލަބުގެ ވެރިޔާ ސިންގަޕޫރުގެ ޕީޓާ ލިމް އާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

ޕަރޭހޯ އަކީ ލަލީގާގައި ފާހަގަ ކުރެވޭ މިޑްފީލްޑަރެކެވެ. އޭނާ އަށް ބޮޑު މުސާރައެއް ވޮޔަރެއާލްއިން ދޭން ޖެހޭނެ އެވެ. އޭނާގެ ލޯން އެއްބަސްވުމުގެ ދަށުން ރެއާލް މެޑްރިޑްގެ ޖަޕާންގެ ފޯވަޑް ޓަކެފޫސޯ ކޫބޯ ވިޔަރެއާލް އަށް ގެނެސްފަ އެވެ.