ރޮޒައިނާ އާދަމް

ގައުމެއްގެ ވެރިކަން އެއްފަހަރާ ދެމީހަކަށް ނުކުރެވޭނެ: ރޮޒައިނާ

ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން ދިނީ ސަރުކާރަށް ޖެއްސުންކުރަން ނޫން ކަމަށް ވިދާޅުވެ ރޮޒައިނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ މަޖިލީހުގެ 65 ގޮނޑި ދިނީ އެމްޑީޕީ ފުނޑާލަން ނޫން ކަމަށް ވިދާޅުވެ ރޮޒައިނާއަށް ރައްދު ދެއްވާފައެވެ.

އެކަމާއި ގުޅިގެން ރޮޒައިނާ ވިދާޅުވީ ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށެވެ. އެކަން ކުރަން އުޅެފިނަމަ ނިކުންނާނީ ހުސް ގޯސް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޕާޓީ ފުނޑާކަށް ނޫޅެން، އަދި އަޅުގަނޑު ކަހަލަ ނިކަމެއްޗަކަށް މި ޕާޓީއެއް ނުފުނޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް،"

ރޮޒައިނާ ވިދާޅުވީ އެކަމަނާ ހުންނެވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހާއެކު ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ބައެއް މީހުންގެ ނަޒަރުގައި ވަކި އާއިލާއެއްގެ އެއްޗެއް ކަމަށާ ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނަމަ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްފައި ނޯންނާނެ ކަމަށެވެ.

"އެމްޑީޕީގައި ކޮންމެ މެންބަރަކަށްވެސް ޕާޓީގައި އެއް ހައްގުތަކެއް ލިބިގެންވޭ. އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް އެ ހައްގުތަކުގެ ބޭނުން ކުރާނަން،"

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުން އެމްޑީޕީގެ ލީޑަރު ވަރަށް ސާފު ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގަވާއިދުން އެމްޑީޕީގެ ޕީޖީ އަމަލު ކުރަންޖެހޭ ގޮތްވެސް ވަރަށް ސާފު ކަމަށެވެ.

"ޕާޓީން ނިންމުންތައް ނިންމަންޖެހޭ ގޮތްވެސް ލިޔެފައި އޮވޭ. އަޅުގަނޑު މަސައްކަތެއް ނުުކުރަން ރައްޔިތުންނަށް ގެއްލުވާ ގޮތަކަށް. އަދި މީހަކު ބުނާހާ ގޮތަކަށްވެސް. ބަޔަކަށް އެކަން ބަލައިނުގަނެވުނަސް ހެޔޮ،"

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ރޮޒައިނާގެ މި ޓްވީޓްތަކާއި ގުޅިގެން އެކަމަނާއަކީ އަސްލު ޑީއާރުޕީ މެންބަރެއް ކަމަށް ބުނެ ފާޑުކިޔާފައެވެ. އެ ފާޑުކިޔުންތައްވެސް ރޮޒައިނާ ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ މިިދިޔަ ހަތް އަަހަރު އޭނާ އަށް ކުރެވުނު ކޮންމެ މަސައްކަތެއް އެމްޑީޕީ ކުރިއަރުވަން ކޮށްދީފައިވާނެ ކަމަށެވެ. އަދި މިހާރުވެސް ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ. އެމްޑީޕީއަކީ ހުރިހާ މެންބަރުންގެވެސް ޕާޓީއެއް ކަމަށާ ޕާޓީތެރޭ ހިނގާ ކަންކަމަށް ހުރިހާ މެންބަރުންނަށްވެސް ގޮތް ކިޔާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ދެން އެއްޗެއް ބުނާ އިރަށް ޑީއާރުޕީއޭ ކިޔައިގެން ފަށައިގަންނާނެ،"

ރޮޒައިނާ ވިދާޅުވީ ރައްޔިތުން އެމްޑީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސް ސޯލިހު ނިސްބަތްވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދިނީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.

"އިދިކޮޅު ޕާޓީ ހަދައިގެން މަޖިލިސް މެދުވެރިކޮށް ރައީސް ސޯލިހަށް ސެއްޖުން ކުރާކަށް ނޫން. މިހާރު ދެން ބޮޑުވަރު،" ރޮޒައިނާ ވިދާޅުވިއެވެ.