ރައީސް އަބްދުﷲ ޔާމީން

އިދިކޮޅުން އެދުނީ ޔާމީން ގެއަށް ބަދަލުކޮށްދޭން

އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއެކު މިއަދު ބޭއްވެވި ބައްދަލްވުމުގައި އެ ބޭފުޅުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލް ކުރައްވާފައެވެ. އެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިދިކޮޅުން މި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

މި ބައްދަލްވުމުގެ ފޮޓޯތަކާއެކު ހޯމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަނީލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ހ. ދޫވެހި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމާ ގުޅޭގޮތުން ޕީޕީއެމްޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓަރު އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ އާ ބައްދަލުކުރައްވަނީ ކަމަށެވެ.

ނަމަވެސް މިނިސްޓްރީގެ ޓްވީޓްގައިވާ ވާހަކަތައް އިދިކޮޅުން ވަނީ ދޮގުކޮށްފައެވެ. އަދި ހޯމް މިނިސްޓްރީން މަސައްކަތް ކުރަނީ ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކަމަށް ވަނީ ބުނެފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ޑިރެކްޓަރު، ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ ވިދާޅުވީ ބައްދަލްވުމުގައި އިދިކޮޅުގެ ބޭފުޅުން މައިގަނޑު ހަތަރު ކަމަށް އެދިފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށާއި އެމަނިކުފާނު ޖަލުގައި ހުންނަވާއިރު ފެތޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމާއި ޓީވީ ޗެނަލްތައް ބެލޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމުގެ އިތުރުން ވަކީލުންނާއި ބައްދަލު ކުރުމުގެ ފުުރުސަތު ދެއްވުމަށެވެ.

މިއީ ހިދުމަތްތައް ރަނގަޅު ކުރުން ނޫންތޯ ހަފްސީ ސުވާލު ކުރެއްވިއެވެ.

މި ބައްދަލްވުމުގައި، ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ދެނެގަތުމަށް ޓެސްޓް ހެއްދެވުމަށް އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން ޓެސްޓް ހެދުމުގެ ފުރުސަތުވެސް ދެއްވާފައިވާ ކަމަށާ ޓެސްޓް ހެއްދެވުމުން ނަތީޖާއަށް ރިއާޔަތްކުރައްވާ ހަމަޖައްސަވައިދެއްވަން ޖެހޭ ކަންކަން ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް ހަފްސީ ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ޓެސްޓް ހައްދަވާ، އޭގެ ފަހުން ދެން އޮތްކަންތަކާއެކު ކުރިއަށް ވަޑައިގަތުމަށް މިނިސްޓަރު އެދިވަޑައިގެންނެވި"

މީގެ އިތުރުން ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތުވެސް ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވުމުގައި ހުރަހެއް ނެތްކަމަށް މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް ވިދާޅުވިއެވެ. އަދި އެކަމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުން އެކަން ފަހިކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރައީސް ޔާމީނަށް ލޯކަލް ޓީވީ ޗެނަލްތައް ނުފެންނާތީ އެކަމުގެ ކަންބޮޑުވުންވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހިއްސާކުރެއްވި. ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާފުށި ޖަލުގައި ޓީވީގެ ހިދުމަތްދޭ ހުރިހާ ތަނަކަށްވެސް މައްސަލައެއް ދިމާވި. ނަމަވެސް އެކަން ހައްލުކޮށް ޕީއެސްއެމްގެ ޗެނަލްތައް ފެންނާނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާކަމަށް ކޮމިޝަނަރު ވިދާޅުވި،"

އަދި އިތުރު ޗެނަލްތައް ފެންނާނެ އިންތިޒާމްތައްވެސް ހަމަޖައްސަވަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އާއިލީ ބައްދަލުވުންތައް ފޯނު މެދުވެރިކޮށް ގެންދަވަނީ ހަމަޖައްސަވައި ދެއްވަމުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.