ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ޕޮޒިޓިވްވި 44 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 44 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ދާން ދެކޮޅު ހަދަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގް މިރޭ ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 359 މީހަކު ތިބި ކަމަށެވެ. އެއީ ތަފާތު އެކި ސަބަބުތައް މެދުވެރި ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ތަފްސީލު ދެއްވަމުން ވިދާޅުވީ އޭގެ ތެރެއިން 44 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު ހަދާ ކަމަށެވެ. އަދި 24 މީހަކު ފެސިލިޓީތަކަށް ނު ގޮސް ތިބީ އާއިލާގެ އެހެން މީހުންގެ ނަތީޖާތައް ލިބެންދެން ކަމަށެވެ.

"މި ދެންނެވި 239 މީހުންގެ ތެރޭގައި މާދަމާ ޓްރާންސްފާ ހަމަޖެހިފައިވާ ފަރާތްތައްވެސް ހިމެނޭ،" ނަޒްލާ ވިދާޅުވި އެވެ.

ފެސިލިޓީތަކަށްދާން ދެކޮޅު ހަދާ މީހުންނާ ގުޅޭގޮތުން އަވަސްއާ ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެމީހުން ފެސިލިޓީތަކަށް ދާން ދެކޮޅު ހެދުމުން މިހާތަނަށް ފެސިލިޓީތަކަށް ގެންދެވިފައި ނުވާ ކަމަށެވެ. އެމީހުންގެ ނުރުހުމުގައި ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް މިވަގުތު ކުރަމުން ވެސް ނުދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް ދެއްތޯ އަދިވެސް. އެހެންވީމަ މިވަގުތު އެމީހުންގެ ނުރުހުގައި ގެންދިއުމުގެ މަސައްކަތެއް އަދި ނުކުރަން،"

އޮފިޝަލް ވިދާޅުވީ އެމީހުން ގޭގައި ތިބި ނަމަވެސް އެމީހުންގެ ހާލު ބަލަމުން ގެންދާ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރެއިން ގެންދަން އިސްކަން ދޭން ޖެހޭ މީހުން އެ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަޒްލާ ވިދާޅުވީ އެންމެ އިސްކަންދެނީ އުމުރުން ދުވަސްވީ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް ކަމަށެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބަނޑޮހާއި އެރިޔަދޫއާއި ފަން އައިލެންޑް އާއި ރޯޔަލް އައިލެންޑް އާއި މެދުފުއްޓާ ފިލިތެޔޮ ވެސް ހިމެނެ އެވެ. އަތޮޅުތަކުގެ އެހެން ބައެއް ރިސޯޓުތަކާއި މަރުކަޒުތަކުގައި ވެސް ފަރުވާދެވޭ ގޮތް ހަމަޖައްސާފައިވެ އެވެ.

ކޮވިޑަށް ފަރުވާ ދޭން ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ވެސް 250 މީހުންގެ ޖާގަ އޮވެ އެވެ. އަދި މި ބަލީގައި ހާލު ބޮޑުވާ މީހުނަށް ފަރުވާ ދޭން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި ވެސް 16 އެނދެއް ހަމަޖައްސާފައި ވެއެވެ.