ޗެމްޕިއަންސް ލީގް

އެތުލެޓިކޯ ބަލިކޮށް ލައިޕްޒިގް ސެމީއަށް

އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް، 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޖަރުމަންގެ ރެޑްބުލް ލައިޕްޒިގް، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގެ ހޯޒޭ އަލްވަލޭޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ލައިޕްޒިގުންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނިއަލް އޮލްމޯ އެވެ. މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޔޯއާ ފެލިކްސް ވަނީ އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ލައިޕްޒިގް މެޗުން މޮޅުކޮށްދިން ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓައިލާ އެޑަމްސް އެވެ.

ލައިޕްޒިގް ސެމީ ފައިނަލަށް ގެންގޮސް ދިނުމުން އެ ޓީމުގެ ޒުވާން ކޯޗް ޖޫލިއަން ނާގްލްސްމަން،33 ވެފައި ވަނީ ޗެމްޕިއަންސް ލީގް ސެމީ ފައިނަލުން ޖާގަ ހޯދި އެންމެ ޒުވާން ކޯޗަށެވެ. ސެމީ ފައިނަލުގައި ލައިޕްޒިގް ނުކުންނާނީ ޕީއެސްޖީ އާ ދެކޮޅަށެވެ.