މިއީ ޖޭމްސް ބޮންޑް ފިލްމު ސިލްސިލާގެ އިތުރު ފިލްމެއްގައި ބޮންޑްގެ ރޯލު ކުޅެފާނެތޯ ސުވާލުކުރުމުން އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް ދިން ޖަވާބެވެ.
ބޮންޑް ސިލްސިލާގެ އާ ފިލްމު އަދި ޖޭމްސް ބޮންޑްގެ ރޯލު ކްރެއިގް ކުޅެފައިވާ ހަތަރު ވަނަ ފިލްމު "ސްޕެކްޓާ" އާ ބެހޭ ގޮތުން "ޓައިމް އައުޓް ލަންޑަން" މެގަޒިން އަށް ދިން އިންޓަވިއުއެއްގައި 47 އަހަރުގެ އެކްޓަރު ބުނީ ޖޭމްސް ބޮންޑްގެ ރޯލު އިތުރު ފިލްމެއްގައި ކުޅުމަށް ވުރެ އަމިއްލަ އަށް މަރުވުން އޭނާ އަށް މިވަގުތަށް މާ ރަނގަޅު ކަމަށެވެ.
ޖޭމްސް ބޮންޑްގެ ރޯލު ކްރެއިގް ކުޅެމުން އަންނަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ބޮންޑްގެ ގޮތުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ "ކެސިނޯ ރޮޔޭލް" އެވެ. އެއަށް ފަހު 2012 ވަނަ އަހަރު އޭނާގެ ތިން ވަނަ ބޮންޑް ފިލްމު "ސްކައިފޯލް" ނެރުނުއިރު އެ ފިލްމު ވެގެން ގޮސްފައި ވަނީ ބޮންޑް ސިލްސިލާގެ އެންމެ މޮޅު އަދި އެންމެ ވިޔަފާރި ކާމިޔާބު ފިލްމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެސްކްއާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ވެސް ކްރެއިގް ވަނީ ޖޭމްސް ބޮންޑްގެ ރޯލު ދޫކޮށްލަން ބޭނުންވާ ވާހަކަ ބުނެފަ އެވެ.
އެހެން ނަމަވެސް ކްރެއިގް ބުނީ ޖޭމްސް ބޮންޑްގެ ފަސް ވަނަ ފިލްމެއް ކުޅުމަށް ހުށަހަޅާ އަގަކުން ހިޔާލު ބަދަލުވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އޭނާ އަދި ބުނީ އެހެން މީހަކު ބޮންޑްގެ ރޯލަށް ނެގިޔަސް މައްސަލައެއް ނެތް ކަމަށާއި އެ ރޯލު ދެން ކުޅޭނެ މީހަކު ބަލަން ވެސް ޝައުގުވެރިނުވާ ކަމަށެވެ.
ޖޭމްސް ބޮންޑް ސިލްސިލާގެ އާ ފިލްމު "ސްޕެކްޓާ" ނެރޭނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.