ދީން

ނުރަނގަޅު އާދަތަކާ ދުރުހެލިވުން

Aug 14, 2020
ލިޔުނީ: އައްޝައިޚް ޙަސަން މޫސާ ފިކުރީ

ތިބާގެ ޞިއްޙަތާއި ދުޅަހެޔޮކަން ނުވަތަ ބަލިހާލަތާއި ނުތަނަވަސްކަމަކީވެސް ތިބާގެ ޢަމަލުތައް އެކަމެއްގެ މަތީގައި ބިނާވެފައިވާ އާދަތަކުގެ މޭވާއެވެ. ތިބާގެ އުފާވެރިކަމާއި ހިތާމަތަކާ ކަންބޮޑުވުންތައްވެސް ގުޅިފައިވަނީ ތިބާގެ އާދަތަކާއެވެ. ތިބާގެ ކާމިޔާބީ އާއި ނާކާމިޔާބީގެ ސިއްރަކީވެސް ތިބާގެ ރަނގަޅު ނުވަތަ ނުރަނގަޅު އާދަތަކާއެވެ.

ތަކުރާރުކޮށް ކުރާ ކަންކަމަކީ، ނުވަތަ އެކަމެއް ކުރުމަށް ވިސްނުން ހޭދަކުރާ ނުވަތަ އެކަމެއް ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ކަންކަމަކީ އިންސާނާގެ ޒާތު ބައްޓަންކޮށްދޭ އެއްޗެވެ. އޭނާގެ ގަބޫލުކުރުންތަކުގެ ބިންގަލެވެ. އަދި އޭނާގެ ސުލޫކާއި މިޒާޖު ކުރަހާދޭ ފަންސުރުވެ.

އައު އާދަތަކެއް އުފެދެނީ ކިހިނެއް؟

މި ދާއިރާގައި، ދިރާސާ ކުރައްވާ ސައިންސްވެރިންގެ ބައެއް ވިސްނުންތަކަށް ބަލައިލަމާތޯއެވެ؟ ތިރީގައި ގެނެސްދީފައި މިވަނީ، މަޝްހޫރު ލިޔުންތެރިޔާ، ޖޭމްސް ކްލިއަރ އޭނާގެ ފޮތުގެ ޚުލާޞާ ލިޔުމެއްގައި "އައު އާދަތައް ގައިގާ ހަރުލައްވާނޭ ގޮތް" މި މައުޟޫޢުގައި ލިޔެފައިވާ ލިޔުމެއްގެ ޚުލާޞާއެކެވެ. މި ވާހަކަ ކޮޅުގައި ގެނެސްދީފައިވަނީ
އާދައެއް އުފެދިގެން އަންނަ ގޮތް ބިނާވެފައިވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ ކަމެއް ކުރުމަށް ސިކުޑިން ދޭ އިޝާރާތް (ކިޔޫ) އާއި، ހިތް ޖެހުން ނުވަތަ ކުރާ ހިތްވުން (ކުރޭވިންގ) އާއި، ރައްދު ޖަވާބު (ރެސްޕޮންސް) އާއި، ނަތީޖާ ނުވަތަ އަޖުރު (ރިވޯޑް) އެވެ.

މި ހަތަރު ކަމަކީ ކޮންމެ އާދައެއް އުފެދިގެން އައުމުގެ މަގު ޗާޓެވެ. އެއާދަ އުފެދިގެން އައުމުގައި ހިނގާ ހަރަކާތްތަކެވެ. އާދައެއް އުފެދިގެން އަންނަ ކޮންމެ ފަހަރަކު ސިކުނޑީގައި ތަރުތީބުން މި ފިޔަވަޅުތައް ކުރިޔަށްދެއެވެ.
ފުރަތަމަ ކަމަކީ ކަމެއް ކުރުމަށް ސިކުނޑިން ދޭ އިޝާރާތް (ކިޔޫ) އެވެ. މި އިޝާރާތުގެ ސަބަބުން ވަކި ގޮތަކަށް ތިމާގެ ސުލޫކު ބައްޓަން ކުރުމުގެ މަސައްކަތް ސިކުނޑީގައި ފަށައެވެ. މި އިޝާރާތަކީ އޭގެ ނަތީޖާ ނުވަތަ އަޖުރު ހޯދުމަށް ސިކުނޑިން ދޭ ކުޑަކުޑަ މައުލޫމާތު ކޮޅެކެވެ. އެންމެ އާދައިގެ ގޮތެއްގައި އިންސާނެއްގެ ވިސްނުމުގައި ހުންނަ މިފަދަ އިޝާރާތްތަކަކީ، ކާނާއާއި ފެން ހުންނަ ތަންތަން ހޯދުމަށް ދެވޭ އިޝާރާތްތަކެކެވެ.

އަދުގެ ދުނިޔޭގައި އިންސާނުންގެ ސިކުޑީގައި އުފެދޭ އިޝާރާތްތައް ގިނަފަހަރު ގުޅިފައިވަނީ ފައިސާ ހޯދާނޭ ގޮތް ނުވަތަ މަޝްހޫރުކަން ނުވަތަ މީހުންގެ ސަމާލުކަން ހޯދޭނޭ ގޮތްތަކާއެވެ. ސިކުޑީގައި އަބަދުމެ މި ޚިޔާލުތައް އެނބުރެމުންދެއެވެ. އެއީ އެ ބޭނުންވާ ނަތީޖާ ނުވަތަ އަޖުރު ހޯދޭނީ ކޮންގޮތަކުންތޯ ވިސްނުމަށް، ތިމާގެ ވަށައިގެންވާ މާހައުލާއި ތިމާވެށި ތަހުލީލުކޮށް ދެނެގަތުމުގެ ދިރާސާތަކެވެ. އެހެނީ ސިކުނޑީގައި އުފެދޭ މި އިޝާރާތްތަކަކީ ވާޞިލުވާން ބޭނުންވާ ނަތީޖާ، ތިމާގެ އަތްފޯރާފަށުގައި ވެއްޖެ ކަމުގެ އިޝާރާތެވެ. އެއާއެކު ދެން އުފެދެނީ ބޭނުންވުން ނުވަތަ ކުރާހިތްވުމުގެ ޝުޢޫރުތަކެވެ.

އާދައެއް އުފެދުމުގެ ފިޔަވަޅުތަކުގެ ތެރެއިން ދެވަނަ ފިޔަވަޅަކީ ބޭނުންވުން ނުވަތަ ހިތް ޖެހުން ނުވަތަ ކުރާހިތް ވުން (ކުރޭވިންގ) އެވެ. ކޮންމެ އާދައެއްގެ ފަހަތުގައިވާ ކަމެއް ކުރުމަށް ލިބޭ ހިތްވަރު އުފެދިގެން އަންނަނީ އެކަމެއް ކުރާހިތްވުމުގެ މި ޝުޢޫރުންނެވެ. މި ޝުޢޫރު ހިތުގައި ނުއުފުދޭނަމަ ނުވަތަ އެކަމެއް ބޭނުންވުމުގެ އިހުސާސެއް ނެތްނަމަ އެކަން ޙާޞިލު ކުރުމަށް ކުރަންޖެހޭ ޢަމަލު ކުރުމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ. ކަމެއް ކުރުމަށް އުފެދޭ ކުރާ ހިތްވުން ނުވަތަ ބޭނުން ވުމުގެ ޝުޢޫރަކީ އޭގެ ޒާތުގައި އާދައެއް ނޫނެވެ. އެ ޝުޢޫރަކީ ތިމާގެ ޙާލަތަށް ބަދަލު ގެނެސްދޭ ކަންތަކެވެ. މިސާލަކަށް ދަތް އުނގުޅުމުން ލިބޭ ހިތް ހަމަޖެހުމަކީ ދަތް އުނގުޅާ އުނގުޅުމުން ލިބޭ އުފަލަކަށްވުރެ، ދަތް އުނގުޅީމައި އަނގައިގެ ޙާލަތު ބަދަލުވެ ތާޒާވުމުގެ އިހުސާސުން ލިބޭ ހިތް ހަމަޖެހުމެކެވެ.

ހިތްޖެހުން ނުވަތަ ކުރާހިތްވުން އެއީ އެކި މީހުންނަށް ތަފާތުކޮށް ކުރެވޭ އިހުސާސެކެވެ. އެކި މީހުންގެ ސިކުނޑިން ކުރާ އިޝާރާތްތަކާއި އެއިޝާރާތުން އުފެދޭ، ކުރާ ހިތްވުމުގެ ޝުޢޫރު ތަފާތެވެ. މިސާލަކަށް ދިވެހިންގެ މެދުގައި ހުތް އަނބާއި ރިހާކުރުގެ ވާހަކަ ދެއްކުމުން، ނުވަތަ އެތަކެތި ފެނުމުން ސިކުނޑީގައި ހިނގާ އޮއިވަރާއި، މި ރަހަތަކާއި ބީރައްޓެހި ހުޅަނގުގެ މީހެއްގެ ޝުޢޫރުތަކާ ނުލާހިކު ތަފާތުވާނެއެވެ. ސިކުންޑިން ދޭ މި އިޝާރާތްތަކުގެ ތަރުޖާމާ ސިކުނޑީގައި ކުރެވޭ ގޮތް އެކި މީހުންގެ މެދުގައި ތަފާތެވެ.

މީހެއްގެ ފިކުރުތަކާއި، ފެންނަ ފެނުމާއި، އިހުސާސްތަކަކީ ސިކުނޑީގެ އިޝާރާތް (ކިޔޫ)، ކުރާހިތް ވުން ނުވަތަ ބޭނުންވުން (ކުރޭވިންގ) އަކަށް ބަދަލުކޮށްލުމުގައި އެހީވެދޭ ވަޞީލަތްތަކެވެ. މާނައަކީ، މީހެއްގެ ސިކުނޑިން ދޭ ސިގުނަލްތަކަކުން، ކަމެއް ކުރުމަށް ނުވަތަ އެއްޗެއް ބޭނުންވުމަށް ހިތްކިޔާ ހިތްކިޔުން ގުޅިފައިވަނީ އޭނާގެ ޚިޔާލުތަކާއި، އޭނާއަށް ފެންނަ ފެނުމާއި ކުރެވޭ އިހުސާސްތަކާއެވެ.

ތިންވަނަ ކަމަކީ އޭނާގެ ރައްދު ޖަވާބެވެ. ނުވަތަ ނަތީޖާއެއްގެ ގޮތުން ކުރާ ޢަމަލެވެ. އަދި މިކަމަކީ އޭނާގެ އާދައަކަށް ބަދަލުވެގެންދާ ކަމެވެ. މި ރައްދު ޖަވާބު ނުވަތަ ނަތީޖާއެއްގެ ގޮތުން ކުރާ ހަރަކާތް ބިނާވެފައިވަނީ އެކަމެއް ކުރުމުގެ ޤާބިލުކަން ތިމާގެ ކިބައިގައި ހުންނަ ހުރުމުގެ މައްޗަށެވެ. މާނައަކީ ކަމެއް ކުރުމަށް ސިކުނޑިން ދޭ އިޝާރާތްތަކާއި، އެކަން ކުރާހިތް ވުމުގެ ޝުޢޫރަށްފަހު، އެ ކުރަންޖެހޭ ޢަމަލަކީ، ނުކުރެވޭވަރުގެ ކަމެއް ކަމުގައިވާނަމަ އެކަން އާދައަކަށް ބަދަލުވެގެނެއް ނުދާނެއެވެ.

ފަހު ކަމަކަށް އޮތީ، ކުރި ޢަމަލުގެ ނަތީޖާ ނުވަތަ ޖަޒާ (ރިވޯޑް) އެވެ. ސިކުނޑިންދޭ އިޝާރާތަކީ މި ޖަޒާ ނުވަތަ ނަތީޖާ ދެނެގަންނަ ދެނެގަތުމެވެ. ކުރާ ހިތްވުން ނުވަތަ ބޭނުންވުމަކީ މި ނަތީޖާއަށް އެދެވޭ މިންވަރެވެ. ދެން އުފެދޭ ރައްދު ޖަވާބަކީ އެ ނަތީޖާއަށް ވާޞިލުކޮށްދޭ ޢަމަލެވެ. މީހަކު އޭނާގެ ޢަމަލުގެ ނަތީޖާގެ ފަހަތުން ދިޔުމުގައި ދެ ބޭނުމެއް އޮވެއެވެ. އެއީ؛ އެކަމުގެ ސަބަބުން ލިބޭ ހިތް ހަމަޖެހުމާއި، އެކަމުގެ ލިބޭ ފިލާވަޅުތަކެވެ.

ނަތީޖާ ޙާޞިލުވުމަކީ އޭގެ ޒާތުގައި ތިމާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. މިސާލަކަށް ކާބޯތަކެތި ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކާންބޯން ލިބުމަކީ ހިތް ހަމަޖެހުން ލިއްބައިދޭ ކަމެކެވެ. ވަޒީފާގައި ލިބޭ ކުރިއެރުމަކީ އިތުރު އާމްދަނީ ލިބުމާއި މީސްތަކުންގެ އިހުތިރާމު ލިއްބައިދޭ ކަމެކެވެ. އަދި އެކަމުން ހިތްހަމަޖެހުން ލިއްބައިދެއެވެ. ހަމައެފަދައިން އެނަތީޖާގެ ސަބަބުން ލިބޭ ފިލާވަޅަކީ މުސްތަޤުބަލުގައި ކުރަންވީ ނުވަތަ އަޅަންވީ ފިޔަވަޅުތައް ދައްކައިދޭ ކަމެކެވެ.

ސިކުނޑިން އަބަދަވެސް ބަލަމުންދަނީ ލިބޭ އަޖުރު ނުވަތަ ނަތީޖާއަށެވެ. މި ނަތީޖާއާ ހަމައަށް ވާޞިލު ކޮށްދިނުމުގެ ބައިވެރިންނަކީ ހަށިގަނޑުގެ އެކިއެކި ނިޒާމުތަކެވެ. އެ ނިޒާމުތަކުގެ ބޭނުމަކީ ސިކުނޑީން އެ އެދޭ ނަތީޖާއާއި ހަމައަށް ގެންގޮސްދިނުމެވެ. ކުރާ ޢަމަލަކުން ލިބޭ ހިތް ހަމަޖެހުމަކީ ސިކުނޑީގެ މަސައްކަތުގެ ކާމިޔާބީއާއި ނާކާމިޔާބީ ވަޒަންކޮށްދޭ މިންގަނޑެވެ. ލިބުނު އަޖުރު ނުވަތަ ނަތީޖާއަށްފަހު އާދައެއް ބިނާކުރުމުގެ ފިޔަވަހިތައް ނިމިދެއެވެ.
ޚުލާޞާއަކީ ކަމެއް ކުރުމަށް ސިކުނޑިން ކުރާ އިޝާރާތަކާއެކު، އެކަމެއް ކުރުމަށް ހިތް ޖެހުމުން، އެޔާ އެއްގޮތަށް ޢަމަލުކޮށް، އެކަމުން އެދެވުނު ނަތީޖާއާއި ހަމައަށް ވާޞިލުވުމުން، އެކަން ކުރުމަށް އޮތް ހިތުގެ އެދުން ފުރިހަމަވެގެން ދެއެވެ. މި ފިޔަވަޅުތައް ގުޅިލާމެހި، އޮޓަމެޓިކުން ހިނގަންފެށުމުން އެކަމަކަށް އާދަވެއެވެ.

ނުބައި އާދަތަކުން ސަލާމަތް ވާނީ ކިހިނެއް؟

އިންސާނާގެ މިޒާޖާ، ޠަބީޢަތާއި ސިކުނޑި މަސައްކަތް ކުރާގޮތް ޒަމާނީ ޢިލްމުގެ ތެރެއިން، ނިޔުރޯސައިންސާއި، ސައިކްލޮޖީއާއި ސައިކެޓްރީގެ ދާއިރާގެ ސައިންސްވެރިންވަނީ އެތައް ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް، ވަޞީލަތްތައް މަދު ޒަމާނެއްގައި، ޓެކްނޮލޮޖީގެ ކުރިއެރުންތައް ނެތް ދުވަސްވަރުގައި އިސްލާމީ ޢިލްމުވެރިން، އިންސާނާގެ ބުއްދިއާއި ފިކުރާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ ފުރިހަމަ ކަމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ.

އިސްލާމީ ޢިލްމުވެރިއެއް އަދި އިންސާނީ ބުއްދިއާއި ފިކުރާ ގުޅޭ ގޮތުން އެތައް ލިޔުމެއް ލިޔުއްވާފައިވާ ޢާލިމެއްކަމުގައިވާ އިބްނުލް ޤައްޔިމު رحمه الله ގެ ވިދާޅުވެފައިވެއެވެ. "ހިތަށް ވަންނަ ނުބައި ވަހުމުތަކާ ދެކޮޅަށް މަސައްކަތް ކުރާށެވެ. ނޫނީ ފިކުރަކަށް ބަދަލުވެދާނެއެވެ. އެފިކުރާ ދެކޮޅަށް މަސައްކަތް ނުކޮށްފިނަމަ، ޝަހުވަތަކަށް ބަދަލުވެދާނެއެވެ. އެ ޝަހުވަތާ ދެކޮޅަށް ހަމަލާ ދޭށެވެ. ނޫންނަމަ ހިތުގެ އަޒުމާއި ހިއްމަތަކަށް ބަދަލުވެދާނެއެވެ. އެކަމާ ދެކޮޅުވެރި ނުވެއްޖެނަމަ ނުބައި ޢަމަލަކަށް ބަދަލުވެއެވެ. އެ (ނުބައި ޢަމަލާ) އިދިކޮޅަށް މަސައްކަތް ނުކޮށްފިނަމަ، އެކަން ތަކުރާރުކުރެވި އާދައަކަށް ބަދަލުވެއެވެ."

މިތާނގައި ބަޔާން ކުރައްވާފައި އެވަނީ، ނުބައި ފިކުރުގެ އިޝާރާތެއް ސިކުނޑީގައި ހިނގަން ފެށުމާއިއެކު އެކަމުން އެއްކިބާ ނުވެވިއްޖެނަމަ، އެ ވަހުމަކީ ހިތް ލެބޭފަދަ ޝަހުވާނީ އެދުމަކަށް ބަދަލުވެގެން ދާކަމުގައެވެ. އަދި އެފަދަ ނުބައި އެދުންތަކުން އެއްކިބާ ނުވެވިއްޖެނަމަ އެއީ ފިކުރަކަށް ބަދަލުވެ، އެފިކުރު ޢަޒުމަކަށް ބަދަލުވެގެންދާ ކަމުގައެވެ. އެހިސާބުން އެ ފިކުރާ ދެކޮޅު ނުވެވިއްޖެނަމަ، ނުބައި ޢަމަލަށް އަރައިގަނެވޭ ހިސާބަށް ދެއެވެ. އެއްފަހަރު ނުބައި ޢަމަލަކަށް އަރައިގަނެވުމުން އެކަމުން ދުރުހެލިވެ ތައުބާވެ އިޞްލާޙު ވުމަށް މަސައްކަތް ނުކުރެވިއްޖެނަމަ އެ ޢަމަލު ތަކުރާރު ކުރެވޭ ގޮތްވެއެވެ. އަދި ކަމެއް ތަކުރާރުކޮށް ކުރެވޭނަމަ، އެކަމެއް އާދައަކަށް ބަދަލުވެއެވެ. އަދި އެ ޢަމަލަކަށް ދެވިހިފައި އެއިން ސަލާމަތް ނުވެވޭ ހިސާބަށް ދެއެވެ. ވީމާ، ނުބައި އާދައަކުން ސަލާމަތް ވުމަށް، ނުބައި ވަހުމުތަކާއި ފިކުރުތަކުން އެއްމެ ފުރަތަމަ ހިތަށް ވެރިވެގަންނަ ވަގުތުން ފެށިގެން އެއިން އެއްކިބާވާން މަސައްކަތް ކުރަން ޖެހެއެވެ.

އިބްނުލް ޤައްޔިމުގެ އެހެން ބަސްފުޅެއްގެ މާނައިގައި ވެއެވެ. ބެލުންތައް ތިރިކޮށް، ނަހީކުރެއްވި ބެލުންތައް ނުބެލުމަށާއި، ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވުމަށް، މުއުމިނުތަކުންނަށް އަމުރު ކުރުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް ވަނީ އަންގަވާފައެވެ. އަދި މީސްތަކުންގެ ޢަމަލުތަކަށް އެއިލާހު ބައްލަވާ ވޮޑިގެންވާކަން އެބައިމީހުންނަށް އެންގެވުމަށްވެސް އަމުރު ކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ" (غافر 19) މާނައި: "ލޮލުގެ ޚިޔާނާތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ."

ކަމުގެ ފެށުން އަންނަނީ ލޯތަކުގެ ބެލުމުން ކަމުގައިވާތީ، އެފަދަ ބެލުންތައް ނުބެލުމަށް ކުރެއްވި އަމުރު، ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވުމަށް ކުރެއްވި އަމުރަށްވުރެ އިސްވެފައިވެއެވެ. އެހެނީ ހަމަކަށަވަރުން ހުރިހާ ހާދިސާތަކެއްގެ ފެށުމަކީ ފެނުމެވެ. ބޮޑު އަލިފާންގަނޑެއްގެ ފެށުމަކީވެސް ކުޑަ ކަންޏެކެވެ. ހަމައެފަދައިން، ނުބައި ކަމުގެ ފެށުމަކީވެސް، ނަޒަރެކެވެ. ދެން ފިކުރެކެވެ. އެއަށްފަހު ފިޔަވަޅެކެވެ. ދެން ފާފައަށް އަރައިގަތުމެވެ.

ނަޒަރަކީ އިންސާނާއަށް ކުރިމަތިވާ ހުރިހާ ހާދިސާތަކެއްގެ ފެށުމެވެ. އެ ނަޒަރުން އުފަން ކުރުވަނީ ފިކުރެކެވެ. އެ ފިކުރުން އުފަންކުރަނީ ވިސްނުމެކެވެ. އެވިސްނުމުން އުފަންކުރަނީ ޝަހުވަތާއި އިރާދައެވެ. (އެބަހީ ހިތްކިޔުމާއި ހިތް ޖެހުމެވެ.) ދެން އެކަމުގެ ބާރުގަދަވެ ވަރުގަދަ ޢަޒުމަކަށްވެއެވެ. ދެން އެއާ އެގޮތަށް ޢަމަލު ކުރެވެއެވެ. އެ ޢަމަލަށް ހުރަސް އަޅާނޭ ސަބަބެއް ނުވަތަ ފަރާތެއް ނެތިއްޔާ އެ ޢަމަލު ކުރާނޭކަން ކަށަވަރެވެ. މިސަބަބަށްޓަކައި ބުނެވެއެވެ. (ބެލުމުގެ ސަބަބުން) ލިބޭ ވޭނަށް ކެތްކުރުމަށް ވުރެ، ލޮލުގެ ބެލުންތައް ތިރިކުރުން ނުވަތަ ނުބެލުން މާ ލުއިވެފައި މާ ފަސޭހައެވެ.

މި ސަބަބަށްޓަކައި ބުނެވެއެވެ. ހަތަރު އެއްޗަކަށް ރައްކާތެރިވެއްޖެނަމަ ދީން ރައްކާތެރި ކުރެވޭނެއެވެ. އެއީ؛ ހިނދުކޮޅުތަކަށާއި، ވިސްނުންތަކަށާއި، ލަފުޒުތަކަށާއި، ފިޔަވަޅުތަކަށެވެ. އެބަހީ: ވަގުތުކޮޅެއްގެ ތެރޭގައި އުފެދޭ ފިކުރަކާއި، އެއާ ވިދިގެން ދެކެވޭ ވާހަކައާއި، އެކަމަށްޓަކައި އަޅާފިޔަވަޅު ނުވަތަ ހިނގާހިނގުން ނުވަތަ ދާދިޔުމުން އެއްކިބާވެވިއްޖެނަމަ ނުބައި ޢަމަލުތަކުން ރައްކާތެރިވެވޭނެއެވެ.