ނޮބެލްގެ ސުލްހައިގެ އިނާމު މި އަހަރު ލިބޭ ފަރާތް ރަސްމީކޮށް އިއުލާނުކުރާނީ މާދަމާ އެވެ. މި ނަމެއް އިއުލާނުކުރުމާ ހަމަ އަށް ބޮޑު ސިއްރެއްގެ ގޮތުގައި އެ ނަމެއް ނުވަތަ އިނާމަށް ވާދަކުރާ ނަންތައް ކަނޑައެޅިފައިވީ ނަމަވެސް މި ޝަރަފްވެރި އިނާމު ގެންދާނެ ފަރާތަކާ ބެހޭ ގޮތުން ކޮންމެ އަހަރަކު މި އެވޯޑެއް ބޯމަތިވުމުން އެކި ލަފާކުރުންތަކާ އެކު ވާހަކަ ދެކެވެ އެވެ.
އެގޮތުން މާދަމާ އަށް ނޮބެލް ކޮމިޓީ ތައްޔާރުވަމުން އަންނައިރު އެންމެން ވެސް ބުނަމުން ގެންދަނީ މި އަހަރު ނޮބެލްގެ ސުލްހައިގެ އިނާމު ލިބޭ ފަރާތަކީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ކަމަށެވެ. މާކެލް އަކީ ޖަރުމަނުގެ ޗާންސެލާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ލީޑަރެވެ.
އެކަމަނާ މި މަގާމު ފުރުއްވަމުން ގެންދަވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. ސިޔާސީ މައިދާނުގައި މާކެލް މަޝްހޫރުވެ ވަޑައިގެންފައި ވަނީ ޔޫރަޕްގެ އަޔަން ލޭޑީގެ ނަމުންނެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ޔޫރަޕަށް ސިޔާސީ ގޮތުން އިންގިލާބެއް ގެނެސް ދެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގަ އެވެ.
ޔޫރަޕަށް މީހުން ހިޖުރަކުރުމުގެ މައްސަލަ އާއި އިގްތިސާދީ ބަނަކަމުގެ އަނދިރި ދުވަސްތަކުން ވެސް ޔޫރަޕް ނަގައި ކޮޅަށް ޖެހުމުގައި މާކެލްގެ ރޯލު ވަރަށް ބޮޑެވެ.
މި ހުރިހާ ސަބަބުތަކަށް ބަލާއިރު ސުލްހައިގެ އިނާމް މާކެލް އަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ކޮލަމްބިއާ އިން މި އަހަރު އެގައުމުގެ ޒަމާންވީ ދާޚީލީ ހަމަނުޖެހުން ނިމުމަކަށް ގެނެސް އެގައުމުގެ ހަނގުރާމަވެރި ޖަމާއަތް އެފްއޭއާރްސީއާ އެކު މި އަހަރު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަކީ ވެސް ނޮބެލްގެ ސުލްހައިގެ އިނާމު ކަނޑައަޅާ ކޮމިޓީގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.
ކިއުބާގައި ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކަށް ފަހު ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސް އާއި އެފްއޭއާރްސީގެ ލީޑަރު ޓީމޯލިއޮން ޖިމެނޭޒް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު މި ދެ ބޭފުޅުންނަށް ސުލްހައިގެ މި އަހަރުގެ އިނާމް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އެފްއޭއާރްސީ އިން ކޮލަމްބިއާގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނެގީ 1960ގެ އަހަރުތަކުގަ އެވެ.
ޕޯޕް ފްރެންސިން އަކީ ވެސް އެއް ބަޔަކު ބުނާ ގޮތުން ނޮބެލްގެ ސުލްހައިގެ އިނާމު މި އަހަރު ހައްގު ފަރާތެކެވެ. މީގެ އިތުރުން އެމެރިކާގެ އެތެރޭގެ ސިއްރުތައް ބޭޒާރުކޮށްލި ސީއައިއޭގެ ކުރީގެ އެޖެންޓް އެޑްވަޑް ސްނޯޑެން އަށް ވެސް ނޮބެލްގެ ސުލްހައިގެ އިނާމް ހައްގު ކަމަށް ބައެއް މީހުން ބުނެ އެވެ.
ސައޫދީގެ މަޝްހޫރު ބްލޮގަރެއް ކަމުގައިވާ ރާއިފް ބަދަވީ އަކީ ވެސް ގިނަ ބައެއްގެ ފެވަރިޓެކެވެ. އޭނާ އަށް ވަނީ އިންޓަނޭޝަނަލް ރައިޓާ އޮފް ކަރޭޖު އެވޯޑް މި އަހަރު ލިބިފަ އެވެ. ބަދަވީ ހުރީ މިހާރު ސައޫދީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ އެވެ.
ހުޅަނގުގެ މީހުންނަށް އޭނާ ބަތަލަކަށްވީ ސައޫދީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ދީނީ މިނިވަންކަމަށް ބާރު އަޅައި ލިޔުންތައް ޝާއިއުކުރުމުންނެވެ. ސައޫދީން ވަނީ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައި 1000 އެތިފަހަރުން ތައުޒީރު ކުރަން ހުކުމްކޮށްފަ އެވެ.
ރަޝިއާގެ މަޝްހޫރު އިދިކޮޅު ނޫސް ނޮވާޔާ ގަޒޭޓާގެ އިސް މީހެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޑިމިޓްރީ މުރާޓޯވަކީ ވެސް މި އަހަރުގެ ނޮބެލްގެ ސުލްހައިގެ އިނާމް ލިބިދާނެ ކަމަށް ބުނެވޭ ފަރާތެކެވެ.