(ނަވާރަވަނަ ބައި)
"އަހަރުމެން ހަމަ ވަކިވަނީތަ؟ ވަރިވަނީތަ؟ އަހަރުމެންނަށް މިނޫން ގޮތެއް ހަމަ ނެތީތަ؟" ފިނާ ގިސްލަމުން ބުނެލިއެވެ.
"އޮތްނަމަ އެ ގޮތެއް އަހަރެން ހޯދީހެއްނު. ފިނާއަށް އެނގޭނެ އެކަން." އަހަރެން ލަސްލަހުން ބުނެލީމެވެ.
ފިނާގެ ބައްޕަ އެއް އަތުން އަހަރެންގެ ކޮނޑުގައި ހިފައިލަމުން އަނެއް އަތުން ފިނާގެ ކޮނޑުގައި ހިފައިލިއެވެ. އަހަންނަށް ބަލައިލެވުނީ ފިނާގެ ބައްޕަގެ މޫނަށެވެ. ފިނާގެ ބައްޕަ އިޝާރާތްކުރީ އެތެރެއަށް ވަނުމަށެވެ. އަހަރެން ކުރިއަށް ދެވޭތޯ ބަލައިލީމެވެ. ފައި ހިއްލައިލީމެވެ. ނަމަވެސް އަހަރެން ހުއްޓުވީ ފިނާއެވެ.
"ދަރިފުޅާ! މި ހަގީގަތާ ކުރިމަތިލާ. މި ނޫން ގޮތެއް ނެތްކަން ދަރިފުޅަށް ހަމަ ރަނގަޅަށް އެނގޭނެ. ރަނގަޅު ގޮތެއް މެދުވެރިވެއްޖެ ނަމަ އެ ދުވަހަކުން އަނެއްކާ އަލުން ފަށާނީ،" ލަސްލަހުން ފިނާގެ ބައްޕަ ބުނެލިއެވެ. "ބައެއް ފަހަރު އަހަރުމެން ޖެހޭނެ ކިތައްމެ ބޭނުން ނުވި ނަމަވެސް ކަންކަމާ ކުރިމަތިލާން. ކިތައްމެ ބޭނުންވި ނަމަވެސް ނުލިބޭ، ނުވާނެ، ކަންކަން ހުންނާނެ."
އަހަންނަށް ބަލައިލެވުނީ ފިނާގެ ބައްޕަގެ މޫނަށެވެ. ފިނާގެ ބައްޕަގެ ލޮލުން ވެސް ކަރުނަތައް ހިލި ބަރު ޖެހިފައިވާ މަންޒަރު އަހަންނަށް ފެނުނެވެ.
"ދަނބިދަރިއެއްގެ ގޮތުގައި އަހަންނަށް ލިބުނު އެންމެ ރަނގަޅު، އެންމެ ހެޔޮ ދަރިއަކީ ޝަރީފު،" ފިނާގެ ބައްޕަ އަނެއް އަތުން އަހަރެންގެ ކޮނޑުގައި ބާރަށް ހިފައިލިއެވެ. "އެކަމަކު މި ބައްޕައާ އެ ދަރި ވަކިވެގެން އެދަނީ. މި ބައްޕަގެ ހިތަށް ކެތްވާނެތަ؟ މަންމައަކާ ނުލައި އަންހެން ދެ ދަރިން ބަލައި ބޮޑުކުރީ މި ދުވަސް ދެކޭކަށް ނޫން. އެކަމަކު މި ވެސް ދިރިއުޅުމުގެ ހަގީގަތެއްކަން މި ބައްޕަ ހިތުން ރުހުމުން ގަބޫލުކޮށްފިން. އެކަން ބަލައިގެންފިން. ވީއިރު ދަރިފުޅަށް އެކަން ނުކުރެވެންވީ ކީއްވެ؟ ދަރިފުޅުގެ ހުންނަންވާނީ މި ބައްޕަގެ ލޭ. މި ބައްޕަގެ ރޫހު. ޖަހަންވާނީ މި ބައްޕަގެ ހިތުގައި ޖަހާ ވިންދު. ދަރިފުޅުމެން އެންމެ ކުޑައިރު، މަންމަ ނިޔާވީއްސުރެ މަންމައަށް ޓަކައި، އެ ލޯބީގެ ހައްގުގައި ދަރިންނަށް ޓަކައި މި ބައްޕަ މިވީ ޤުރުބާނީގެ އަގު ބައްޕަގެ ހިތުން ވަރަށް ބޮޑުވާންވާނެ."
ފިނާގެ ބައްޕަ ލޮލުން ކަރުނަތައް ފައިބައި ގަތެވެ. އަހަންނަށް ވެސް ވީ އެވަރެވެ. ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބާގަތީއެވެ. ފިނާ އަހަރެންގެ އަތަށް ބާރުކޮށްލިއެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ދެ ލޮލަށެވެ. ކަރުނައިން ފޯވެފައިވާ އެ ދެ ލޮލުން އަހަންނަށް އިޝާރާތްކޮށްލިއެވެ. ކުރިއަށް ހިނގައި ގަތުމަށެވެ.
އަހަންނަށް އެ ހިތްވަރު ލިބުނީ ފިނާ އިސްނެގީމައެވެ. އެހެން ނޫން ނަމަ އަހަންނަށް ވެސް އެކަން ނުކުރެވުނީހެވެ. އެ ދުވަހު ކޯޓުން ނުކުތް ގޮތަށް އަހަރެން އެރީ ރަށަށް އަންނަން ފުރަން ތައްޔާރުވެފައި އޮތް ބޯޓަށެވެ. ކަނޑުމަތީގައި ހޭދަ ކުރެވުނު ބާރަވަރަކަށް ގަޑީއިރު ކުރެވުނުހާ ވެސް ކަމަކީ މާޒީގެ ސަފުހާތަކުގެ ހިރަފުސް ފޮޅުމެވެ. ދިރިއުޅުމުގެ އަޑިގުޑަން ގުނުމެވެ. އުފާވެރި، ހިތާމަވެރި، ބިރުވެރި ދުވަސްތަކާއެކު އުޅެވުނު ގޮތްތަކާ މެދު ވިސްނުމެވެ.
ރަށަށް އާދެވުނުތާ ހަފުތާއެއް ނުވަނީސް ކުރިމަތިވީ މާ އެހެން ކަހަލަ ކަމެކެވެ. އުއްމީދު ވެސް ނުކޮށް ހުއްޓާ ބޮޑު ކަންތައް ގަނޑެއް ބޮލަށް މެހުނީއެވެ. ވިސްނައިލަން ލިބުނީ ދޮޅު ގަޑިއެއްހާ އިރެވެ. ހުރިހާ ކަމެއް ތަރުތީބުވެގެން ދިޔައީ ދަމާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. އެހައި ސާފުކޮށް ގޮސް ހުރިހާ ކަމެއް ނިމުނީއެވެ. އާއެކެވެ. ނިޔާޒާއާ އަހަރެންގެ ކައިވެނީގެ ގޮށްޖެހުނީއެވެ.
ނިޔާޒާ އަހަރެންގެ ފަހަތުން ދުވަން ފެށީއެވެ. މިސްބާހު އުޅުނު ރިސޯޓުން އޭނާ ކުއްޖަކާ ކައިވެނިކުރީއެވެ. ނިޔާޒާ ބޭނުންވީ މިސްބާހަށް ދައްކާށެވެ. ފުއްޓަތްކެއް ޖަހައިލާއިރަށް އިންނާނެ މީހުން ވާކަން ދައްކާށެވެ. އަހަންނަށް މި ހުރިހާ ކަމެއް އެނގުނީ ވާނެ ދޮނެއްވެ ނިމުނު ފަހުންނެވެ. ކާވެންޏަށް ދެތިން މަސްވިފަހުންނެވެ. އޭރު ނިޔާޒާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެއެވެ. ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެއްކޮޅުން އަހަރެންގެ އަލަތު ދަރިފުޅެވެ. އަނެއްކޮޅުން އަހަރެން އެމީހަކު ދެކެ އެންމެ ލޯބިވި އިންސާނާއެވެ. ދެމީހުން ވެސް އަހަރެން ބޭނުމެވެ. ކޮންމެ ގޮތަކަށް ކަންތައްވެ ނިމުނަސް ހުރިހާ ކަމަކާ ރުހި ގަބޫލުވެގެން އަހަރެން އުޅެން އަޒުމު ކަނޑައެޅީމެވެ. ވީހާލަކަށް ފެތިގެންނެވެ.
ރަށަށް އައި ގޮތަށް އަހަރެން އެރީ ކަންނެލި ދޯންޏަކަށެވެ. މަހަށް ދާށެވެ. އެނޫން ގޮތެއް ނެތުމުންނެވެ. މަސްވެރިކަމަކީ ބުރަ މަސައްކަތެއް ނަމަވެސް ރަނގަޅު އާމުދަނީއެއް ލިބޭ ކަމަކަށްވާތީއެވެ. ދުވަސްކޮޅަކު މަސްވެރިކަމުގައި އުޅެލުމަށް ފަހު ވިޔަފާރިއެއް ފެށުމަށް ހިތަށް އަރުވާގެންނެވެ.
ދުވަސްކޮޅެއް ނުވަނީސް ނިޔާޒާގެ މަންމަ ނިޔާވެއްޖެއެވެ. އޭނާ މުޅިން އެކަނިވެރިވިއެވެ. އޭރު ނިޔާޒާގެ ބަނޑަށް ހަމަހަށް އަޅައިފިއެވެ. ނިޔާޒާ މާބަނޑުވީއްސުރެ އަބަދު އުޅެނީ ބަލިވެއެވެ. ކާއެއްޗެއް އަރުގައި ޖެހޭ އިރަށް ހޮޑުމަނާ ނުވެއެވެ. އެއްޗެއް ކެއުމާ ލެވުމާއެވެ. ހޮޑުލައިލާ ގޮސް މީހާ ހާންތިވާވަރުވެއެވެ.
ގިނަ ދުވަސްދުވަހު އަހަންނަށް ހުންނަން ޖެހެނީ ރަށުގައެވެ. ނިޔާޒާ ބަލިވާތީއެވެ. ބޯހިއްލާލެވޭ ވަރު ވެސް ނުވާތީއެވެ. ނިޔާޒާގެ މަންމަ ނިޔާވި ޚަބަރާއެކު އޭނާ ބަލި ބޮޑުވީއެވެ. ނަފުސާނީ ގޮތުން ބަލިކަށިވީއެވެ. އެކަން އޭނާއަށް ތަހައްމަލު ކުރަން ވީ އުނދަގޫ ކަމަކަށެވެ.
ނިޔާޒާ އިންނަނީ ފާޑަކަށް ގަބުވެފައެވެ. ހުއްޓުން އަރާފައެވެ. ރަނގަޅަށް ނުކެވުމުގެ ސަބަބުން މީހާ ހިކި ކަށިގަނޑަކަށް ބަދަލުވާން ފެށިއެވެ. އަހަންނަށް މަޖުބޫރުވީ މަސްވެރިކަން ވެސް ދޫކޮށްލުމަށްފަހު ރަށުގައި މަޑުކުރާށެވެ. އަހަންނަކީ މާބޮޑު އާއިލާއެއް އޮތް މީހެއް ނޫނެވެ. ހުރިހާ ވެސް މީހަކީ ދޮންބެއެވެ. އޭނާ ވެސް އުޅުނީ މީހަކާ އިނދެގެން އަމިއްލަ ގެދޮރު އަޅައިގެން އެ ގޭގައެވެ. އަހަރުމެން އުޅެމުން މި ދަނީ މުސްކުޅި ގޭގައެވެ. ގެއަކީ އެންމެ އާދައިގެ ގެއެކެވެ.
ތެޅިގަލުން ރާނާ، ދެ ފުރާޅަށް ހިޔާކޮށްފައިވާ އިހުގެ ގެއެކެވެ. ބަދިގެ ހުންނާނީ ވަކީންނެވެ. ގިފިއްލި ވެސް ހުންނާނީ ވަކިން ބޮޑު ފެންވަޅާއެކު އެންމެ މުސްކުޅި ގޮތަށެވެ. އަހަރެން ވެސް ރީތި، ތަނަވަސް ޒަމާނީ ގެއެއް އަޅައި އަނބި ދަރިންނާއެކު ތަނަވަސް ބޮޑު ގެއެއްގައި އުޅުން ބޭނުމެވެ. ނަމަވެސް، އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އެވަރަށް ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ މިއަދު ވަރަށް ނިކަމެތި މީހަކީމެވެ. އުމުރުން ސާޅީސް ފަސް އަހަރަށް ގުނާއިރު އަހަރެން މިވަނީ މާޔޫސްވެ ގޮތް ހުސްވާ ދަރަޖައަށް ގޮހެވެ. ދިރިއުޅުމުގައި ދިމާވި ހިތްދަތި ކަންކަމުގެ ސަބަބުން މާޔޫސްވެ ކަރުއެލޭ ގޮތްވެފައެވެ. ހަޔާތުގެ އުފާވެރިކަން އަސުރުން ތިރިވެފައެވެ.
އަހަންނަށް ދެ ލޯ ހުޅުވާލެވުނެވެ. އިރުގެ ދޯދިތައް ހުރަހެއް ނެތި މޫނަށް އެޅެމުން ދިޔައެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލެވުނެވެ. ހަގަޑި ބައިވީއެވެ. ކުރިމަތީގައި މީހަކު ހުރިހެން ހީވެގެން އިސް އުފުލާ ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. ޑިއުޓީ ބަދަލުވާ ގަޑި ޖެހުނީއެވެ. ކުރިމަތީގައި ހުރީ އާދަންބެއެވެ.
"ބަލަ ހާދަ ހިތްހަމަ ޖެހިފަ އިން ދުވަހެއްހެން ހީވެއޭ." އާދަންބެ އަހަރެންގެ މޫނަށް ބަލައިލިއެވެ.
"އާނ! ތި ހީވީ ރަނގަޅަށް." އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ.
"އަނެއްކާ ރަނގަޅު ގޮތެއްވީތަ؟ އެ ފުޅު މުރާލިވީތަ؟" އާދަންބެ އަހަންނާ ދިމާކޮށްލިއެވެ.
"އެ ދުވަހަކުން ބޮނޑިބަތް ބަހަންޖެހޭނެ،" އަހަރެން ވެސް ފާޑަކަށް ހޭންފެށީމެވެ. "އާދަންބެ ވާނެ މަށަށް ބޮނޑިބަތް ކައްކާދޭން."
ލައިގެން ހުރި ކޯޓު ރަނގަޅު ކޮށްލަމުން ބޭރަށް ނުކުންނަށް ހިނގައިގަތީމެވެ.
"ދޮންކަލޯ. ބޭބެ ބޮލުގައި ވެސް ފެޅީ ކަޅު އިސްތަށްޓޭ. މިހާރު ހަންގަނޑު ފެނި މިގޮތަށް ދަޅަ އެޅިޔަސް،" އާދަންބޭ އަމިއްލަ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. "އަދި ދޮންކަލޯގެ ދުވަސް އޮތީ. ވަޅަށް ވެއްޓުނު ބޮއް ހީކުރީ ދުނިޔެއަކީ ވަރަށް ކުޑަ ތަނެއް ކަމަށް. އަދި އެނގޭތަ؟ އެންޓަނާއަށް އެރި ބޮކުގެ ވާހަކަ. އެ ސޮރު މުބާރާތް ނިންމުނީ ކީއްވެކަން؟ އެއީ ބީރަކަށްވީމަ. އެހެން މީހުން ދެއްކި ވާހަކަތައް ނީވުނީމަ."
އާދަންބޭ ދެއްކި ވާހަކަތައް ދޭހަ ނުވެގެން އަހަރެން ލޮލަށް ގޮތެއް ހަދައިލަމުން ބަލައިލީމެވެ.
"ގެއަށް ގޮސް އާދަންބޭ މި ދެއްކި ވާހަކައާ މެދު ވިސްނައިލާތި. ޖެހިހާ ބެރަކަށް ނަށާ މީހަކަށް ދޮންކަލޯ ނުވާތި. ބަލަ އަނބިން ޒިންމާދާރު ކުރުވާ އެމީހުން ހަމަ މަގަށް އެޅުވުމަކީ ފިރިންގެ ޒިންމާއެކޭ. އެއީ ފިރިންގެ ވާޖިބެކޭ. އަވަހަށް ދެން ދޭ. މިހާރު ކަމަނާފާނު އޮންނަވާނެ ކީރިތި ކުރައްވަން. ބަނޑުފުޅުގައި އަތް ބީއްސަވަމުން." އާދަންބޭ މަޖާ ރާގެއްގައި ބުނެލިއެވެ.
މަގުގެ އެއްފަރާތުގައި ހުރި މުސްކުޅި ބައިސްކަލަށް ބަލައިލެވެނެވެ. އަނެއް ފަހަރު އާދަންބޭއަށް ބަލައިލަމުން ހިނިތުންވެލީމެވެ. ބައިސްކަލު ކައިރިއަށް ހުއްޓިލުމަށް ފަހު ވެސް އަހަންނަށް ބަލައިލެވުނީ އާދަންބޭއަށެވެ. ރޫ ޖެހިފައިވާ އެ މޫނަށެވެ. ބަދަލުގައި އާދަންބޭ ހިނިތުންވެލަމުން ނިތުން ހަރަކާތެއް ކޮށްލިއެވެ. އަހަންނަށް މަޑުމަޑުން ބޯ ތަޅުވާލެވުނެވެ. ބައިސްކަލަށް އަރާ މަޑީގައި ހަމަޖެހިލީމެވެ. ބައިސްކަލުގެ މަޑި އަރިއަޅައިލާ ގޮތްވިއެވެ. ކުޑަކޮށް ތެދުވެލަމުން ހަމަޖެހިލީމެވެ. ބައިސްކަލު ދުއްވާލުމާއެކު ޗޭނުން އިވެމުންދިޔަ މިޔުޒިކާ އެއްވަރަށް ފައިގެ ހަރަކާތްތައް އަވަސްކުރަމުން ދުއްވީމެވެ.
ބޮލުގައި އެނބުރެމުން ދިޔައީ އެހެން ޚިޔާލުތަކެކެވެ. އެހެން ވާހަކަތަކެކެވެ. އެކި ފަހަރު އެކި ވާހަކައެވެ. ހީވަނީ ކަންފަތު ތެރޭގައި ހަނގުރާމައެއް ކުރާހެންނެވެ. އެކި މީހުންގެ ވާހަކަތައް ގުގުމަމުންދާތީއެވެ.
"ބައްޕަ ވެސް ދެން ދޮންމަންމައެއް ހޯދަންވީނު. އޭރުން ބައްޕައަށް ކިހާ ފަސޭހަވާނެ." އެންމެ ފުރަތަމަ ވެސް ކަންފަތުގައި ފެވުނީ ސިނާނުގެ އަޑެވެ.
އަހަންނަށް ފަޔަށް ބާރުކޮށްލެވުނެވެ. ބައިސްކަލުގެ ދުވެލި ބާރުކޮށްލެވުނެވެ. ސިނާނުގެ އަޑުއިވެމުންދާ ވަރަކަށް ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ.
"ދުނިޔޭގެ ބައެއް ގައުމުތަކުގައި ކައިވެނި ކުރުމުގެ ކުރިން ދިރިއުޅުމާ ގުޅޭ، ކައިވެންޏާގުޅޭ ޕޭރެންޓަލް ސްކިލްގެ ކުރު ވަރކްޝޮޕްތައް ހެދުން މަޖުބޫރުކޮށްފަ އޮވޭ. އެއީ މުޖުތަމައުގެ އަގުތަކާއި މައިންބަފައިންގެ ދައުރުތަކާއި ތަރުބިއްޔަތުގެ މުހިއްމުކަމާއި، ކައިވެނީގެ ބާރުވެރިކަން ކައިވެނި ކުރާ ދެމީހުންނަށް ދަސްކޮށްދޭން." އަނެއް ފަހަރު ސިކުނޑީގައި ވިކައިގަތީ ފުވައްމުލަކުން ދިމާވި ޕޮލިސް އޮފިސަރުގެ ވާހަކަތަކެވެ.
އަހަންނަށް ސިނާނުގެ ވާހަކަތަކާއި ޕޮލިސް އޮފިސަރު ދައްކާފައި ހުރި ވާހަކަތައް ގުޅުވާލެވުނެވެ. އޭގައި ވިސްނަން ޖެހޭ މުހިއްމު ނުކުތާތަކެއް ހުރިކަމަށް ގަބޫލުކުރެވުނުވެ. ދެވަނަ ސިކުންތުގައި އާދަންބޭ ދެއްކި ވާހަކަތަކާ މެދު ވިސްނައިލެވުނެވެ. ހީވީ އާދަންބޭގެ ޖުމުލަތަކުން ކަންފަތް ފޫ އަޅުވާލިހެންނެވެ.
"ވަޅަށް ވެއްޓުނު ބޮއް ހީކުރީ ދުނިޔެއަކީ ވަރަށް ކުޑަ ތަނެއް ކަމަށް. އަދި އެނގޭތަ؟ އެންޓަނާއަށް އެރި ބޮކުގެ ވާހަކަ. އެ ސޮރު މުބާރާތް ނިންމުނީ ކީއްވެކަން؟ އެއީ ބީރަކަށްވީމަ. އެހެން މީހުން ދެއްކި ވާހަކަތައް ނީވުނީމަ." އާދަންބޭގެ ޖުމުލަތައް ވަކިވަކިން ކަންފަތުގައި ގުގުމަމުން ދިޔަ ކަހަލައެވެ.
ގޯތިތެރެއަށް ވަދެ ފާރުގައި ބައިސްކަލު ލައްކޮށްލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް ނިތްކުރިއާއި ބޮލަށް އަރާފައި ހުރީ ފާޑެއްގެ ބާރެކެވެ. ނޭފަތާއި އަނގަޔާއެކުގައި މޫނުގައި ފިރުމާލެވުނެވެ. ނަމަވެސް، ހިތްހަމަ ޖެހެވޭ ގޮތެއް ނުވިއެވެ. ބޭނުންވީ އޮށޯވެލާށެވެ. އަރާމުކޮށްލާށެވެ. ގޯތި ތެރޭގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލީމެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލީމެވެ. އަނެއްކާ ވެސް ޚިޔާލުތަކުގެ ތެރެއަށް ގެނބިގަނެވުނެވެ.
"އަހަންނަށް ދުނިޔެ ދަސްވެއްޖެ. ލޯބިވާ މީހުންނާ ލޯބިވާކަމަށް ބުނާ މީހުން އުޅޭކަން އެނގިއްޖެ. ލޯތްބަކީ ކޮން އެއްޗެއްކަން ދަސްވެއްޖެ. މިސްބާހު އަހަންނަށް އޮޅުވާލީ. ލަނޑުދިނީ. ލޯބިވާކަމަށް ބުނެ އަހަންނަށް މަކަރު ހެދީ،" ނިޔާޒާ ރޮމުން، ގިސްލަމުން ވާހަކަދެއްކިއެވެ. "ކައިވެންޏަށް ދުވަސް ކަނޑައަޅާ ހުރިހާ ކަމެއް ނިންމާފައި އޭނާ ލަނޑުދިނީ."
އަހަންނަށް ހުރެވުނީ އަޑު އަހާށެވެ. ނިޔާޒާގެ ވޭނީ ކެކުޅުންތަކުގެ އަޑެވެ. އޭނާގެ ހިތުގެ ޝަކުވާތަކެވެ.
"ޝަރީ! އަހަރެން އަދިވެސް ގަބޫލުކުރަނީ އަހަރެން ދެކެ އެންމެ ލޯބިވަނީ ޝަރީފުކަމަށް. އަހަރެންގެ ހަޔާތަށް ގެންނަން އެންމެ ރަނގަޅު މީހަކީ ޝަރީފުކަމަށް. އަހަންނަށް އެހީވެދީ. އާދޭސްކޮށްފަ." ނިޔާޒާ އަހަރެންގެ ދެ އަތުގައި ހިފައިލިއެވެ.
ފާޑެއްގެ އުނދަގޫ ގޮތްތަކެއް ވާންފެށިއެވެ. މާޒީގެ ހަނދާންތައް އާވެއާލާވާން ފެށިއެވެ. ނިޔާޒާ ދައްކާފައި ހުރި ވާހަކަތައް ބޮލުގައި ގުގުމަމުން ދިޔައެވެ.
"ހިތަށް އަރާނެ އަހަރެން މިއުޅެނީ ލަނޑު ލިބުނީމައޭ. މިސްބާހު ލަނޑުދިނީމަ އޭނާއަށް ދައްކާށޭ،" ނިޔާޒާ އަހަރެންގެ އަތުގައި އޭނާގެ މޫނު ޖައްސާލިއެވެ. "ނޫން، އަހަންނަށް އެނގޭ އަހަންނަށް ޝަރީއާ ދިމާއަށް އެއްޗެހި ކިޔުނުކަން. ޝަރީ ދެރަވާ ގޮތަށް ކަންކަން ކުރެވުނުކަން. މީހުން ބުނެއެއްނު ނަފުރަތަކީ ލޯބީގެ ފެށުމޭ." (ނުނިމޭ)