އުރީދޫ މޯލްޑިވްސްގެ ބްރޯޑް ބޭންޑް އިންޓަނެޓު ހިދުމަތް ސްޕީޑް މަތިކޮށް އަޕްގްރޭޑެއް ގެނެސްފި އެވެ.
އުރީދޫ މޯލްޑިވްސް ބުނީ އެ ކުންފުންޏަކީ ފެށުނީއްސުރެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތާއެކު ރާއްޖޭގޭ ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މުޅި ދުނިޔެ ކުރިމަތިލާފައިވާ ކޮވިޑް ޕެންޑެމިކާ ގުޅިގެން މުވާސަލާތީ ގުޅުމާއި އިންޓަނެޓްގެ މުހިންމުކަން ބޮޑު ވެފައިވާ ކަމަށާއި ކަސްޓަމަރުންގެ ބޭނުންތައް ފަހިކޮށްދިނުމުގެ ގޮތުން ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އަޕްގްރޭޑް ކޮށްފައިވާ ކަމަށެވެ.
މި ބަދަލާއެކު އުރީދޫން ސުޕަނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ އެވެ.
އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ވިދާޅުވީ އުރީދޫން ރާއްޖޭގައި ދޭ ހިދުމަތް ތަކަށް 15 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރަމުން ދާއިރު ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
"މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަ ކުރުމަށް ލުއި ގޮތްތައް ހޯދައި ދިނުން... އޮންލައިންކޮށް ކިޔެވުމާއި ސިއްހީ ހިދުމަތާއި އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުން އަންނަ ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން،" ނަޖީބު ވިދާޅުވި އެވެ.