މެންޗެސްޓާ ސިޓީގެ މައްޗަށް، 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އޮލިމްޕިކް ލިޔޯން، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ލިޔޯން އިން މެޗު ކާމިޔާބު ކުރީ އެންމެ ފަހު ދިހަ މިނެޓް ތެރޭ މޫސާ ޑެމެބެލޭ ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ލިޔޯން އިން ވަނީ ފުރަތަމަ ހާފުގައި ލީޑް ނަގާފަ އެވެ. މެޗުގެ 24 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔަބު ކުރީ މެކްސްވެލް ކޯނެޓް އެވެ. ލިޔޯންގެ ފަހަތުން ޑިފެންޑަރު މާސެލް، ބޯޅަ ދިނީ ކުރީގައި ކާލް ޓޯކޯ އެކަމްބީ ހުރުމުންނެވެ. އޭނާ ހުރީ އޮފްސައިޑު މަޅިން ސަލާމަތް ވެގެންނެވެ. ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ސިޓީގެ އޭރިއާ ތެރެއަށް ވަންނަން އުޅުމުން، އެ ޓީމުގެ ޑިފެންޑަރު އެރިކް ގާސިއާ އެކަމްބީއަށް ފައުލު ކުރި އެވެ. އޭނާ އަތުން ބޯޅަ ގެއްލުނު ނަމަވެސް އެ ބޯޅަ ދިޔައީ ފަހަތަށެވެ. ފަހަތުގައި ވިއްދާފައި ހުރު މެކްސްވެލް ކޯނެޓް ވަނީ އެރިއާގެ ބޭރުން އެބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ. އެވަގުތު ސިޓީގެ ކީޕަރު އެޑަސަން ވެސް ހުރީ ކުރިއަށް ނުކުމެ އެވެ.
ސިޓީން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރީ ރަހީމް ސްޓާލިން ނަގައި ދިން ބޯޅައިން ކެވިން ޑި ބްރައިނާ ކާމިޔާބު ކުރި ލަނޑުންނެވެ. އޭރިއާގެ އަރިމަތިން ގޯލްގެ ކުރިމައްޗަށް ސްޓާލިން ކަޓްކޮށް ދިން ބޯޅަ ޑިބްރައިނާ އޭރިއާގެ މެދެއްހާ ހިސާބުން ފޮނުވާލީ ގޯލްގެ ކަނަށެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޑެމެބެލޭ، ލިޔޯންއަށް އަލުން ލީޑް ނަގައިދިނީ 79 ވަނަ މިނެޓްގަ އެވެ. ހުސެމް އައުއާ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ސިޓީގެ ކީޕަރު އެޑަސަން ގައިގައި ޖެހިފަ އެވެ. ލިޔޯންގެ ތިން ވަނަ ލަނޑު ޑެމެބެލޭ ކާމިޔާބު ކުރީ އޭރިއާގެ ބޭރުން އައުއާ ފޮނުވާލި ބޯޅަ ސިޓީގެ އެޑަސަން ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ.
ސެމީގައި ލިޔޯން ނުކުންނާނީ ބަޔާން މިޔުނިކާ ދެކޮޅަށެވެ. ސެމީ ފައިނަލަށް ވާދަ ކުރާނީ ޖަރުމަނާއި ފްރާންސްގެ ޓީމުތަކެވެ. ލިޔޯން އާއި ބަޔާންގެ ސެމީ ފައިނަލުގެ ކުރިން، ފުރަތަމަ ސެމީ ފައިނަލުގައި އަންނަ އާންގާރަ ދުވަހުގެ ރޭ ނުކުންނާނީ ޕީއެސްޖީ އާއި ލައިޕްޒިގް އެވެ.