ކުޅިވަރު

އެމްއެސް ދޯނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން މަހެންދުރަ ސިންހް ދޯނީ (އެމްއެސް ދޯނީ) ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ދޯނީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނީ މީގެ 13 މަސް ކުރިންނެވެ. ނަމަވެސް އޭނާ ވަނީ އިއްޔެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ. ބައިނަލްއަގްވާމީ ލެވަލްގައި ދޯނީއަށް ބޮޑު ސަމާލުކަމެއް ލިބުނީ 2011 ވަނަ އަހަރު، އޭނާގެ ކެޕްޓަން ކަމުގެ ދަށުން ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއަށް ހޯދައި ދިނުމުންނެވެ. ސްރީ ލަންކާ އާ ދެކޮޅަށް ކުޅުނު އެ މެޗުގައި އިންޑިއާއަށް ތަށި ޔަގީންވީ ދޯނީ ކުޅެން ނުކުމެ ހަޔަކަށް ޖެހުމުންނެވެ. އިންޑިއާގެ ގައުމީ ޓީމަށް 535 މެޗު އޭނާ ކުޅުނެވެ.

ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބޮލީވުޑްގެ ބަޔާޕިކް ފިލުމުގެ ސަބަބުން ވެސް އޭނާގެ ނަމަށް ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ. އެ ފިލުމުގައި ދޯނީގެ ރޯލް ކުޅުނު ސުޝާންތު ސިންހް މިދިޔަ މަހު ވަނީ މަރުވެފަ އެވެ.

އިންސްޓަގްރާމްގައި ރިޓަޔާމެންޓް އިއުލާން ކުރިއިރު، އޭނާ ކުޅުން ހުއްޓާލީ އިންޓަނޭޝަނަލް ކްރިކެޓުން ކަމެއް ނުވަތަ ނޫން ކަމެއް ބުނެފައެއް ނުވެ އެވެ. ކުރިއަށް އޮތް އިންޑިއާގެ ކްރިކެޓް ލީގްގައި ޗެންނާއީ ސުޕަ ކިންގްސް އަށް ދޯނީ ކުޅޭނެ އެވެ.