ކުޅިވަރު

މީ ޔުނައިޓެޑްގެ އެންމެ ރަނގަޅު ޓީމު: ލޮޕެޓެގީ

މެންޗެސްޓާ ޔުނައިޓެޑްގައި މިހާރު އޮތް ޓީމަކީ، ގިނަ އަހަރުތަކެއް ފަހުން އެ ޓީމުގައި އޮތް އެންމެ ރަނގަޅު ޓީމު ކަމަށް، ޔޫރޮޕާ ލީގްގެ ސެމީ ފައިނަލުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ބުނެފި އެވެ.

ލޮޕެޓެގީ ބުނީ، ޖަނަވަރީން ފެށިގެން ޕްރިމިއާ ލީގްގައި ޔުނައިޓެޑް ބަލި ނުވުމުގެ ޓްރެކް ދެމެހެއްޓުމަކީ އެ ޓީމުގެ މިހާރުގެ ސްކޮޑުގެ ވަރުގަދަކަން އަންގައިދޭ ކަމެއް ކަމަށެވެ. ސެމީ ފައިނަލު މެޗަށް ސެވިއްޔާ ނުކުންނަނީ 19 މެޗުން ބަލި ނުވެ ދަމހައްޓަމުން އަންނަ ޓްރެކާ އެކު އެވެ. ސެމީ ފައިނަލާ ހަމައަށް އެ ޓީމު ދިޔައީ ރޯމާ އާއި ވޯލްވްސް ބަލި ކުރުމަށް ފަހު އެވެ.

"މިއީ މިފަހުގެ ތާރީހުގައި މެންޗެސްޓާ ޔުނައިޓެޑުން ފެންނާނެ އެންމެ ރަނގަޅު ޓީމު، ރަނގަޅު ޓީމަކަށް ވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޓީމެއް،" ކުރިން ސްޕެއިން އާއި ރެއާލް މެޑްރިޑަށް ކޯޗް ކޮށްދިން ލޮޕެޓެގީ ބުންޏެވެ. "އެހެންވެ ޖަނަވަރީގެ ފަހުން އެ ޓީމު ޕްރިމިއާ ލީގްގައި ބަލި ނުވެ ދަމަހައްޓަމުން އައީ."

ލޮޕެޓެގީ ބުނީ، މިފަހަކަށް އައިސް ވަރަށް ރަނގަޅު ކުޅުންތެރިންނަށް ޔުނައިޓެޑްގެ ޓީމުން ޖާގަ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނީ، ޔުނައިޓެޑުން އަދިވެސް ޓްރާންސްފާގައި ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ޓީމުގައި ތިބި ކުޅުންތެރިންނަށް ވުރެ މޮޅު ކުޅުންތެރިން ހޯދަން ޖެހޭ ކަމަށް ސޮލްޝަޔާ ބުންޏެވެ.

"ޓީމުތައް ބިނާކުރުމުގައި އެއީ ރޭހެއް،" ސޮލްޝަޔާ ބުންޏެވެ. "އަހަރުމެން އަބަސުވެސް ބަލަން ސްކޮޑަށް، ކޮލިޓީއަށް، އަހަރެމެންގެ މިހާރު ތިބި ކުޅުންތެރިންނަށްވުރެ ރަނގަޅު ކުޅުންތެރިން ހާދަން ބޮޑު ހޭދައެއް ކުރަން ޖެހޭނެ."

ސެވިއްޔާ އާއި ޔުނައިޓެޑްގެ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ. މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަ ކުރާނީ މާދަމާ ރޭ ކުޅޭ އިންޓަ މިލާން އާއި ޝަކްޓާ ޑޮނެސްކް ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.