އެސްޓީއޯ

އެސްޓީއޯ އޭޖީއެމް މިމަހު 30 ގައި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މި މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 ކުރިން އެ ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަން ޖެހެ އެވެ.

ޖަލްސާއަށް ޝެޑިއުލްކޮށްފައިވާ ކަންކަމުގެ ތެރޭގައި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސް ކުރުމާއި 2019 ވަނަ އަހަރުގެ އޮޑިޓަރުންގެ ރިޕޯޓް ފާސް ކުރުން ހިމެނެ އެވެ. އަަދި ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ބޯޑަށް ހުށަހެޅުމާއި، 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަހައުސްކޫޕާސް އައްޔަން ކުރަން ހުށަހެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެ ކުންފުނިން ބުނީ ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނަ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށާއި އެހެން ކަމުން ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ދެ ފަރާތާއި އިންޓަވިއުކޮށް ފަހު އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އިންތިހާބްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މި އަހަރުވެސް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގާނީ "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށެވެ. މި ސިސްޓަމް ކޭޕީއެމްޖީއިން ވެލިޑޭޓް ކޮށްފައިވެ އެވެ. މި އަހަރުގެ ޖަލްސާ ބާއްވަންޖެހޭ ހާލަތަށް ރިއާޔަތްކޮށް، ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުން ދޭން ބޭނުންވާ ހިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާއި ކުރައްވަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން، ކުންފުންޏަށް ހުށަހަޅަންޖެހެ އެވެ. ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާއަށް ރަޖިސްޓަރީ ކުރުމުން، "އެސްޓީއޯ އޭޖީއެމް ޕޯޓަލް" މެދުވެރިކޮށް ސުވާލު ހުށަހެޅޭނެ އެވެ.

އެސްޓީއޯ އިން ބުނީ ނިމިދިޔަ 2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީހުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު ކަމަށާއި އެގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާ 80 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ކުންފުނީގެ ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާ ކަމަށް ވެސް ބުނެފައި ވެއެވެ.

މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. ނިމިދިޔަ 2019 ވަނަ އަހަރު އެސްޓީއޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބުނެވެ.