ވިޔަފާރި

ދެމަސްތެރޭ ކުދި އާ ވިޔަފާރިތައް ހުއްޓިދާނެ: ދިރާސާ

Aug 16, 2020

ރާއްޖޭގައި އަލަށް ފަށައިގެން ކުރިއަށް ގެންދާ ގިނަ "ސްޓާޓްއަޕް" ވިޔަފާރިތަކަށް ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ހީނަރު ކަމާއެކު ކުރިޔަށް އޮތް ދެ މަސް ތެރޭ މުޅީން ހުއްޓުމުގެ ބިރު އެބައޮތް ކަމަށް ސްޕާކްހަބް މޯލްޑިވްސް އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.

ކޮވިޑް-19 އިގެ ސަބަބުން އަލަށް ފެށި ކުދި ވިޔަފާރިތަކަށް ކޮށްފައިވާ އަސަރުތަކުގެ މައްޗަށް ބަލައި ސްޕާކްހަބްސް ކުރި ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖޭގެ ގިނަ ވިޔަފާރި ފަށާފައި ވަނީ އާއިލާ ނުވަތަ ކޮންމެ ވެސް ރަހުމަތްތެރިއެއްގެ ފަރާތުން މާލީ އެހީތެރިކަން ހޯދައިގެނެވެ. ސާވޭގައި ބައިވެރިވި 59 ޕަސެންޓަށް ވުރެ ގިނަ ވިޔަފާރިން ގަބޫލު ކުރާ ގޮތުގައި މިހާރުގެ އިގްތިސޯދު އޮތް ހާލަތުން އެ ވިޔަފާރިތައް އެންމެ ދިގު މުއްދަތަކަށް ވެސް ހިންގޭނީ ދެ މަސް ދުވަހަށެވެ.

އެ ސާވޭން ދެއްކި ގޮތުގައި 43 ޕަސެންޓް ސްޓާޓްއަޕް ވިޔަފާރި ވަނީ ހުއްޓާލަން ޖެހޭ ހާލަތުގަ އެވެ. ސްޓާޓްއަޕްތަކުގެ ބޮޑު ބަޔަކަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއް ވަނީ ބަންދުވެފަ އެވެ.

މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން މި ވިޔަފާރިތަކުން ހިދުމަތް ހޯދި 90 ޕަސެންޓް ކަސްޓަމަރުންގެ މަދުވުމެވެ. އޭގެ ސަބަބުން 37.3 ޕަސެންޓް ވިޔަފާރިން ވަނީ ކަސްޓަމަރުން ހޯދުމަށްޓަކައި އަގުތައް ތިރިކުރަން މަޖުބޫރުވެފައި ވެއެވެ. ރާއްޖޭގެ ސްޓާޓްއަޕްތަކުގެ 41.2 ޕަސެންޓަށް މިހާލަތުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކްލައިންޓުންގެ އަތުން ޕޭމަންޓް ނުވަތަ ފައިސާ ހޯދުމެވެ.

އަލަށް ފަށައިގެން ހިންގާ ކުދި ވިޔަފާރިތަކުގައި އާއްމު ގޮތެއްގައި ފަސް މުވައްޒަފުން ގެންގުޅެ އެވެ. ހާލަތުގެ ސަބަބުން 52.9 ޕަސެންޓު ވިޔަފާރިން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން މަޖުބޫރުވެފަ އެވެ. އަދި މި ހާލަތުގައި މި ވިޔަފާރިތަކަށް ކުލި ދެއްކުމުގައި ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެ އެވެ. އެހެންވެ، ސްޓާޓްއަޕްތަކުގެ 29.4 ޕަސެންޓް މަސައްކަތް ކުރަނީ ގޭގަ އެވެ. އަދި އެސްޑީއެފްސީ އާއި ބޭންކް ތަކުން ދޫކުރި އެހީ ތަކަށް މި ވިޔަފާރި ތަކަށް ލިބިފައެއް ނުވެ އެވެ. ސަބަބަކީ އެ އެހީތަކަށް ކުރިމަތިލެވޭނެ ކްރައިޓީރިއާ މި ވިޔަފާރިތަކަށް ފިޓު ނުވުމެވެ. ނަމަވެސް ސާވޭގައި ބައިވެރިވި 74.5 ޕަސެންޓް ވިޔަފާރިން ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ އެހީތެރިކަން މި ހާލަތުގައި ބޭނުންވެ އެވެ.