ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެސްޑީއެފްސީގެ ލޯނުތައް ފަސްކޮށްދޭން އެދެން އިތުރު މުއްދަތު

Sep 29, 2020

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާއިރު އެކަމަށް އެދި ހުށަހެޅުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

ލޯނު ފަސްކޮށްދޭން އެދި ހުށަހެޅުމަށް ފުރަތަމަ ދިން މުއްދަތު މިދިޔަ ހުކުރު ދުވަހަށް ހަމަވެފައިވާއިރު، އެސްޑީއެފްސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މޮރެޓޯރިއަމަށް އެދި ހުށައަޅަން ގިނަ ބަޔަކަށް ދަތިވެފައިވާ ކަމަށެވެ.

އެއާއެކު އެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދައިވާކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެސްޑީއެފްސީ އިން ދަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ގިނަ އަދަދެއްގެ ލޯނު ދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން، ވިޔަފާރި ތަކަށް އެހީވުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީ ވިޔަފާރިތައް މިހާލަތުގައި ދެމިތިބެން ބޭނުންވާ އެހީގެ ގޮތުގައި ލުއި ލޯނު ދަނީ ދޫކުރަމުންނެވެ. އެސްޑީއެފްސީ އިން ކުދި ވިޔަފާރި ތަކަށް ދެނީ 500،000ރ. ހަމަ އަށް ނެގޭ ލޯނު ތަކެވެ. މި ސްކީމުގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ތިން އަހަރު ލިބެ އެވެ.

އެސްޑީއެފްސީން މިހާތަނަށް 1،0،46 ވިޔަފާރި އަށް 209،9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.