ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފަސް ރަށަކުން ދެ ކުދިންނާއި ތިން މީހަކު ޕޮޒިޓިވް

ހޯމް ކަރަންޓީނަށް ރަށަށް ދިއުމަށް ފަހު ޓެސްޓު ކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކެއް ފެނިއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޓިން ސެންޓަރު، (އެޗްއީއޯސީ) އިން މިއަދު ބުނީ، ހޯމް ކަރަންޓީނަށް ފަހު ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފަސް ރަށަކުން ފެނިފައިވާ ކަމަށެވެ. އެއީ، ނ. މިލަދޫ އާއި އދ. މާމިގިއްޔާއި ކ. ހިންމަފުއްޓާއި ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރެވެ.

މިލަދޫން ޕޮޒިޓީވްވީ 22 އަހަރުގެ އަންހެން ކުއްޖެކެވެ. މާމިގިލިން ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ޕޮޒިޓިވްވި އިރު ހިންމަފުށިން ޕޮސިޓިވްވެފައި ވަނީ 29 އަހަރުގެ ފިރިހެނެކެވެ. އަދި ނިލަންދޫން ވެސް ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ޕޮޒިޓިވްވެފައި ވެއެވެ. ހުޅުދުއްފާރުން ޕޮޒިޓިވްވީ 40 އަހަރުގެ ފިރިހެނެކެވެ.

ލޮކްޑައުން އަށް ލުއިތައް ދިނުމާ ގުޅިގެން އަތޮޅުތަކަށް ދަތުރު ކުރެވޭނެ އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ހޯމް ކަރަންޓީނުވާން ރަށްރަށަށް ދަތުރު ކުރަމުންނެވެ. މާލެ ސިޓީގެ އިތުރުން އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ ކުރިއަށްވުރެ އިތުރުވަމުންނެވެ. މިހާތަނަށް މި ބަލި ވަނީ އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ވެސް ފެނިފަ އެވެ. އަދި ވބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި އަލުން ފެނިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5،679 އެވެ. މި ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.