ދުނިޔެ

މޮރިޝަސްގެ ފަރަށް އެރި ބޯޓު ދެބުރި ވެއްޖެ

Aug 16, 2020
1

ޕޯޓް ލުއިސް (އޮގަސްޓް 16) - މޮރިޝަސްގެ ފަރަށް އަރައި ތެޔޮ ފައިބަމުންދާ ބޯޓު ދެ ބުރިވެ، އެ ބޯޓުގައި ބާކީ ހުރި ތެޔޮތައް ލީކުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ގާތްގަނޑަކަށް 4،000 ޓަނުގެ ތެލާއެކު "އެމްވީ ވަކަޝިއޯ" މޮރިޝަސްގެ ފަރަށް އެރީ ޖުލައި 25 ގައެވެ. އެ ބޯޓުން ތެޔޮ ލީކުވާން ފެށީ މިދިޔަ ހަފުތާގަ އެވެ. އެއާއެކު އެ ސަރަހައްދުގައި ހުރި ކަނޑޫފާތަކާއި ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

މޮރިޝަސްގެ އިގްތިސާދުގެ ބޮޑު ބައެއް ކަނޑުގެ ދިރުންތަކާއި އިކޯޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ބޯޓު ފަރަށް އެރުމާއެކު އެ ބޯޓުން ތެޔޮ ހުސްކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުގެ ތުހުމަތު ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މޮރިޝަސް ސަރުކާރުން ބުނީ އެ މަސައްކަތް ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ބޯޓުގެ ވެރި ފަރާތް ޖަޕާނުގެ ނަގަޝިކީ ޝިޕިންނަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ތެޔޮ ލީކުވުން ހުއްޓުވުމަށްޓަކައި އެ ކުންފުނީގެ އިތުރުން ޖަޕާނުގެ ފަންނީ މާހިރުން ހިމެނޭ ޓީމުތައް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވެއެވެ.