ފްރާންސްގެ ނޫސް އިދާރާއަކަށް ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާ ރާއްޖޭގެ ސަރުކާރުން ކުށްވެރި ނުކުރާތީ ހައިރާންވާ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކާ ބެހޭ މަންދޫބު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޗާލީ ހޭބްދޯ ނަމަކަށް ކިޔާ ފްރާންސްގެ ނޫހުގެ އިދާރާއަކަށް މިދިޔަ އަންގާރަ ދުވަހު ބަޑިން ހަމަލާދީ 12 މީހަކު މަރާލި ހާދިސާއާ ގުޅިގެން ޑރ. ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ސަރުކާރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ލީޑަރުން އެކަން ކުށްވެރި ނުކުރާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ޓްވީޓްގައި ރައީސް މައުމޫނު ވެސް ޓެގްކޮށްފައިވެ އެވެ.
އެ ނޫހަށް ދިން ހަމަލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވާފައިވާއިރު ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމަށް ވާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ. އެ ހަމަލާގައި ބައިވެރިވި މީހުން ހޯދުމަށް ފްރާންސްގައި ވަރުގަދަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށައިފަ އެވެ.
މާސްކް އަޅައިގެން ތިބި ބަޔަކު ހަމަލާދިން އެ ނޫހަކީ ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫނު ކުރެހި ނޫހެއް ނަމަވެސް އެ ހަމަލާ ދިނުމާ އެކު ފްރާންސްގެ މުސްލިމް ޖަމާއަތްތަކުން ވެސް ވަނީ އެ ހަމަލާގައި ކުށްވެރިކޮށްފަ އެވެ. އެ ހަމަލާގައި އެ ނޫހުގެ އިސް އެޑިޓަރާއި އެހެން ބައެއް އިސްވެރިން ވަނީ މަރުވެފަ އެވެ.