ހަބަރު

ސިފައިންގެ ވީއައިޕީގައި ޝާކިރުބެ ބެހެއްޓުން ގޯހެއް ނޫން: އޭސީސީ

Aug 16, 2020
2

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ސިފައިންގެ ކޯސްޓް ގާޑްގެ މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ވީއައިޕީކޮށް ދިރިއުޅުއްވި މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭސީސީން ނިންމައިފި އެވެ.

މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ވިލިމާލޭގައި ހުންނަ ތަނެވެ.

މޭޖާ ޖެނެރަލް ބައްޕާފުޅު، އަދި ފިލްމީ ތަރި، އިބްރާހިމް ޝާކިރު (ޝާކިރުބެ) އެ ސެންޓަރުގެ ވީއައިޕީގައި ޖުލައި، 2017 އިން ޑިސެމްބަރު، 2018 އަށް ހުންނެވި އެވެ.

ހުށަހަޅާފައި އޮންނަތާ ދުވަސްވީ އެ މައްސަލަ ބެލުމަށްފަހު އޭސީސީން ބުނީ ޝިޔާމްގެ ބައްޕާފުޅު އެ ސެންޓަރުގެ ވީއައިޕީ ގޭގައި ހުނަވަން ހަމަޖެހުނީ ޑިފެންސް ޗީފްގެ އެންގެވުމުގެ މަތިން ކަމަށެވެ. އަދި ސިފައިންގޭގައި އަމަލު ކުރާ އުސޫލުން ވީއައިޕީ ގޭގައި ޑިފެންސް ޗީފާއި ވައިސް ޑިފެންސް ޗީފާއި ކޯސްޓްގާޑުގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން، އެކި ފަރާތްތައް އެތާނގައި ހުރުން ހަމަޖެހޭ ކަމަށް ކޮމިޝަނުން ބެލި ބެލުމުން އެނގުނު ކަމަށެވެ.

އެހެންވެ އޭސީސީން އެ މައްސަލަ ނިންމާފައި ވަނީ ވީއައިޕީ ގޭގައި ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ ބައްޕާފުޅު، ޝާކިރުބެ ހުންނެވުމުގެ ކަންކަން ހަމަޖެއްސީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ނުބެލެވޭ ކަމަށެވެ.